ރަޝިޔާއަށް ބިރުދައްކަން އެމެރިކާއިން ރަޝިޔާގެ އެންމެ ބޮޑު ދެ ތެލުގެ ކުންފުންޏަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.
އެމެރިކާއިން ވަނީ ރަޝިޔާގެ އެންމެ ބޮޑު ދެ ތެލުގެ ކުންފުނި ކަމަށްވާ ރޮސްނެފްޓް އަދި ލުކޮއިލް އަށް އަލަށް ދަތިކުރުމުގެ ފިޔަވަޅެއް އަޅާފައެވެ. މި ފިޔަވަޅުގެ މަޤްޞަދަކީ ޔޫކްރެއިންގައި ހަމަޖެހުމަށް މަޝްވަރާކުރުމަށް މޮސްކޯއަށް ބާރު އެޅުން ކަމަށް ބުނެއެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ވްލަޑިމީރް ޕުޓިންއާ މަޝްވަރާ ކުރިއަށް ނުދާ ކަމަށާއި، ހަމަޖެހުމަށް ޕުޓިން ސީރިއަސް ނޫން ކަމަށް ދެކޭ ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމަށް ބާރު އެޅުމަށް މި ފިޔަވަޅު ވަގުތީ ގޮތުން އެޅުއްވީ ކަމަށް ވިދާޅުވެފައިވެއެވެ.
އެމެރިކާގެ ޚަޒާނާގެ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ، މި ތެލުގެ ކުންފުނިތަކަކީ ކްރެމްލިންގެ "ހަނގުރާމައިގެ މެޝިނަށް" ފައިސާ ފޯރުކޮށްދޭ ފަރާތްތައް ކަމަށާއި، ޕުޓިން ހަނގުރާމަ ހުއްޓާނުލުމުގެ ސަބަބުން މި ފިޔަވަޅުތައް އެޅީކަމަށެވެ.
މި ދެ ކުންފުނިން ދުވާލަކު ޖުމްލަ 3.1 މިލިއަން ބެރަލް ތެޔޮ އެކްސްޕޯޓްކުރެއެވެ. ރޮސްނެފްޓަކީ ރަޝިޔާގެ ޖުމްލަ ތެލުގެ އުފެއްދުމުގެ ދެބައިކުޅަ އެއްބައި ހިއްޞާކުރާ ކުންފުންޏެކެވެ.
މި ދަތިކުރުމުގެ ފިޔަވަޅުތަކަށް ރަޝިޔާއިން ރައްދު ދެމުން ބުނީ، މި ކަމުގެ ސަބަބުން އެހެން ޤައުމުތަކުގެ އެނަރޖީ ސެކިއުރިޓީއަށް ނޭދެވޭ އަސަރުކޮށް، ތެލުގެ ލިބުން ދަތިކޮށް ހެދުމުން އަގުތައް ބޮޑުވާނެ ކަމަށެވެ.