ޔަހޫދީން ހިފާފައިވާ ފަލަސްޠީނުގެ ވެސްޓް ބޭންކު ނުވަތަ ހުޅަނގު އައްސޭރި ސަރަޙައްދު ޔަހޫދީ ދައުލަތުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ޑްރަފްޓްކުރި ދެ ބިލަކަށް ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުން ރުހުންދިނުން ދިވެހި ސަރުކާރުން ކުށްވެރިކުރައްވައިފިއެވެ.
މިކަމާ ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޔަހޫދީން ހިފާފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރި، ޔަހޫދީ ދައުލަތުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ޑްރަފްޓްކުރި ދެ ބިލަކަށް ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުން ރުހުންދީ، ބައިނަލްއަޤުވާމީ ޤާނޫނާއި ހަމަތަކާ ޚިލާފަށް ހިފާފައިވާ ޙައްޤު ނޫން ސަރަހައްދެއް މިލްކުކުރަން ކުރާ މަސައްކަތް ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ހަމަތަކާ ޚިލާފަށް ޔަހޫދީން ނިންމި މި ނިންމުން ހުއްޓުވައި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށް، ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ހިންގާފައިވާ އެންމެހައި ޖަރީމާތަކާއި ލާއިންސާނީ ޢަމަލުތަކަށް ޔަހޫދީން ޒިންމާދާރުކުރުވުމަށް ބައިނަލްއަޤުވާމީ ދުނިޔެއަށް ގޮވާލާފައިވެއެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ ދިވެހި ސަރުކާރުން އަބަދުވެސް ތާޢީދުކުރާނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކާ އެއްގޮތަށް އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށްކަމުގައި ކަނޑައެޅި، މިނިވަން މުސްތަޤިއްލު ފަލަސްޠީން ދައުލަތެއް ޤާއިމުވެގެން ދިއުމަށް ކަމަށެވެ. ޔަހޫދީން ހިފާފައިވާ ފަލަސްޠީނުގެ ވެސްޓް ބޭންކު، ޔަހޫދީ ދައުލަތުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ޑްރަފްޓްކުރި ދެ ބިލު ޤާނޫނަކަށް ހެދުމަށް 4 ވޯޓަކަށް އަހާނެއެވެ. އޭގެ ތެރެއިން ފުރަތަމަ ވޯޓުގައި ޔަހޫދީންގެ ޤާނޫނު ހަދައި މަޖިލީހުގެ މެންބަރުންގެ އަޤުލަބިއްޔަތުން ވަނީ ބިލަށް ރުހުންދީފައެވެ.