23 އޮކްޓޫބަރު 2025

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އަލަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ (އެމް.އެމް.ބީ.ސީ) ސެކްރެޓަރީ ޖެނެރަލް (އެސް.ޖީ) ގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އުފެއްދި މި ކޮމިޝަނަށް ސެކްރެޓަރީ ޖެނެރަލަކު އައްޔަންކުރުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަނުން (ސީ.އެސް.ސީ) ވަނީ އިޢުލާނުކޮށްފައެވެ. ސީ.އެސް.ސީން ވިދާޅުވީ ސެކްރެޓަރީ ޖެނެރަލުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން އެ ކޮމިޝަނުގެ އިދާރާއަށް ހުށައަޅަން ޖެހޭނެ ކަމަށެވެ. އަދި ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ކޮމިޝަނުގެ އީމެއިލް [email protected] މެދުވެރިކޮށް ވެސް ހުށަހެޅޭނެ ކަމަށް ވަނީ ބުނެފައެވެ.

މީޑިއާ ކޮމިޝަނުގެ އެސް.ޖީގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ނޫސްވެރިކަން، ބްރޯޑްކާސްޓްކުރުން، ސިޔާސަތު ކަނޑައެޅުން، ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ޙާޞިލުކޮށްފައިވުން ނުވަތަ މި މީޑިއާގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖްރިބާ ޙާޞިލުކޮށްފައިވާ މީހެއްކަމުގައިވުން ހިމެނެއެވެ. މީގެ އިތުރުން، އެމް.އެމް.ބީ.ސީގެ ސެކްރެޓަރީ ޖެނެރަލަކަށް މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ނުވަތަ އެޑިޓަރެއްގެ މަޤާމު އަދާކުރާ މީހަކަށް ނުވެވޭނެއެވެ. އަދި އޭނާއަކީ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ވެގެންނުވާނެއެވެ. ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ވެސް ވެގެންނުވާނެއެވެ.

މި މުހިންމު މަޤާމުގެ މާލީ އިނާޔަތްތަކަށް ބަލާއިރު، އަސާސީ މުސާރައަކީ މަހަކު 20،500 ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ ލިބޭނެއެވެ. އެހެންކަމުން، މި މަޤާމުގެ ޖުމްލަ މުސާރައަކީ މަހަކު 35،500 ރުފިޔާއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގައި ތިއްބަވަންޖެހޭ 7 މެންބަރުން މިހާރު ވަނީ އައްޔަންކުރައްވާފައެވެ. އެ މެންބަރުންނަކީ ޢަބްދުލްޢަޒީޒް އިބްރާހީމާއި، ޒަމްޢަތު އަޙްމަދު ވަޙީދާއި، ސިމާޙާ ނަސީމާއި، ޙުސައިން ޘަޤީފާއި، މުޙައްމަދު ފަރުސަތާއި، ސަފާ ޝަފީޤާއި އަދި އާމިނަތު ސަރާޙަތު ޢިއްޒަތެވެ. މިހާރު ކޮމިޝަނުގެ ރައީސް އައްޔަންކުރުމުގެ މައްސަލަ އޮތީ މަޖިލީހުގައެވެ. ކޮމިޝަންގެ މެންބަރުންގެ ތެރެއިން، ކޮމިޝަނަށް ރައީސަކު އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ނައިބު ރައީސަކު އައްޔަންކުރާނީ ކޮމިޝަންގެ މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު