23 އޮކްޓޫބަރު 2025

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރައްވާ ޒިޔާރަތުގައި ރައީސް މުޢިއްޒުއާ ބައްދަލުކުރައްވާނެ

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރައްވާ ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހާމަކޮށްފިއެވެ. އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް (ޓޮމް) ގެ ދައުވަތަކަށް ހުކުރު ދުވަހު އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވާއިރު، މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފުޓްބޯޅައިގެ ތަރައްޤީއަށް ހުރި މުހިންމު ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އެފްއޭއެމްއިން ބުނެއެވެ.

މިއީ އެއް ދުވަހުގެ ކުރު ޒިޔާރަތެއް ނަމަވެސް، ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވައި، ކުރިން އޮތް ފޯރި އަލުން ގެނައުމަށް އެފްއޭއެމްއިން ކުރަމުން އަންނަ މަސައްކަތްތަކަށް ހިތްވަރު ދެއްވުމަށް ޚާއްސަ އިނާޔަތެއްގެ ގޮތުގައި ކުރައްވާ ޒިޔާރަތެކެވެ. މީގެ އިތުރުން، އިންފަންޓީނޯ ވަނީ ފުޓްބޯޅައިގެ ތަޖުރިބާކާރުންނާއި ކުލަބްތަކުގެ އިސްވެރިންނާއެކުވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އޮޅުންފިލުވައި، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފީފާގެ އެހީތެރިކަން އިތުރުކުރުމެވެ.

ފީފާގެ ރައީސްގެ ޝަރަފުގައި ޚާއްސަ ފުޓުބޯޅަ މެޗެއް ގަލޮޅު ދަނޑުގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެފްއޭއެމްއިން ބުނީ މި މެޗުގައި ރާއްޖޭގެ އެކަޑަމީތަކާއި ޒުވާން ޓީމުތަކުގެ ކުޅުންތެރިންގެ ފުޓްބޯޅައިގެ ހުނަރުތައް ދައްކާލާނެ ކަމަށެވެ. މި އިވެންޓްގެ ބޭނުމަކީ، ފުޓްބޯޅައަށް ރާއްޖޭގެ ހަނގު އުމުރުފުރާގެ ކުދިންގެ މެދުގައި އޮންނަ ޝައުގުވެރިކަން ދުނިޔޭގެ އެންމެ އިސް ފަރާތަށް ދައްކާލުމާއި، ޒުވާނުންނަށް ބައިނަލްއަޤްވާމީ މަންސައެއްގައި ހުނަރު އިތުރަށް ދައްކާލުމުގެ ފުރުޞަތު ދިނުމެވެ.

އިންފަންޓީނޯގެ މި ޒިޔާރަތަކީ، ދާދި ފަހުން އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް ސްވިޒަލެންޑުގެ ޒިއުރިކުގައި ހުންނަ ފީފާގެ އޮފީހަށް ކުރެއްވި ޒިޔާރަތަށްފަހު ކުރައްވާ ދަތުރެކެވެ. އެ ބައްދަލުކުރެއްވުމުގައި އިންފަންޓީނޯ ވަނީ ޠާރިޤްގެ މަސައްކަތްތަކަށް ތަޢުރީފުކުރައްވައި، ސައުތު އޭޝިއަން ސުޕަކަޕްގައި ރާއްޖޭން ހޯދި ކާމިޔާބީ ފާހަގަކުރައްވައިފައެވެ. އަދި އަތޮޅުތެރޭގެ ފުޓްބޯޅައިގެ ވާދަވެރިކަން އާލާކޮށް، ހުނަރުވެރި ޒުވާން ކުޅުންތެރިން އުފެއްދުމަށް އެފްއޭއެމް ހިންގާ ކޮމިޓީން ކުރާ މަސައްކަތްތަކާމެދު އުފާކުރައްވާ ކަމަށް އިންފަންޓީނޯ ވިދާޅުވެފައިވެއެވެ.

އެގޮތުން، ރާއްޖޭގެ ފުޓްބޯޅައަށް ވެރިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް މިހާރު އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އިންފަންޓީނޯ ފާހަގަކުރައްވާފައި ވެއެވެ. އިންފަންޓީނޯގެ މި ދަތުރުފުޅަކީ ރާއްޖޭގެ ފުޓްބޯޅައަށް ބައިނަލްއަޤްވާމީ ފެންވަރުގައި ލިބޭ ބޮޑު އިޢުތިރާފަކަށް ވެގެންދާނެ ކަމަށް މުޙައްލިލުން ދެކެއެވެ.

މިއީ ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިން ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވަނީ 2006 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތެއް ކުރައްވައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު