އެފްރިކަން ކަޕް އޮފް ނޭޝަންސް 2025 ގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ސެނެގާލް ޖާގަ ހޯދައިފިއެވެ. އެއީ ކުއާޓާ ފައިނަލުގައި 1-0 އިން މާލީ ބަލިކުރުމަށްފަހުއެވެ.
ސެމީ ފައިނަލުގައި ސެނެގާލް ބައްދަލުކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން އައިވަރީ ކޯސްޓް ނުވަތަ އެންމެ ގިނަ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ މިޞްރާއެވެ.
ހުކުރު ދުވަހު ޓެންޖިއާސްގައި ކުޅުނު 2025 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފުރަތަމަ ކުއާޓާ ފައިނަލް މެޗުގައި، އަލުން ޓީމަށް ނެގި ފޯވާޑް އިލިމާން އެންޑިއާޔޭ ފުރަތަމަ ހާފުގައި ޖެހި ލަނޑާއެކު ސެނެގާލުން ވަނީ 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ މާލީގެ މައްޗަށް 1-0 އިން ކުރިހޯދާފައެވެ.
މާލީއަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އީވް ބިސޫމާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.
މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ މާލީގެ ގޯލްކީޕަރު ޖިގީ ދިއާރާއަށް ހެދުނު ގޯހަކުންނެވެ. ނަމަވެސް އޭގެ ފަހުން އޭނާ ވަނީ މޮޅު ސޭވްތަކެއްކޮށް، ސެނެގާލުން ލީޑު ފުޅާކުރުން ހުއްޓުވާފައެވެ.
ސެމީ ފައިނަލުގައި ސެނެގާލް ދެން ބައްދަލުކުރާނީ ހޮނިހިރު ދުވަހު ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން އައިވަރީ ކޯސްޓް ނުވަތަ ހަތް ފަހަރު މުބާރާތް ކާމިޔާބުކޮށް ރެކޯޑް ހަދާފައިވާ މިޞްރެވެ.


