ޓީމުގެ ހާލަތު ރަނގަޅުކުރުމަށް ސަޕޯޓަރުންގެ އެހީއަށް ރެއާލްމެޑްރިޑްގެ ކޯޗު އަރްބެލޯ އެދިއްޖެ

ބުދަ ދުވަހު ކޮޕާ ޑެލް ރޭގައި އަލްބަސެޓޭ އަތުން ހައިރާންކުރުވަނިވި ގޮތަކަށް ބަލިވުމާ ގުޅިގެން، ރެއާލް މެޑްރިޑްގެ ކޯޗު އަލްވާރޯ އަރްބެލޯއާ ސަޕޯޓަރުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. އަދި އޭނާ ހުރީ "މައްސަލަތަކަށް ހައްލު ހޯދުމަށް ސަމާލުކަންދީގެން" ކަމަށްވެސް ބުންޏެވެ.

މިއީ ހޯމަ ދުވަހު ޒަބީ އޮލޮންސޯގެ ބަދަލުގައި މަގާމާ ހަވާލުވި ފަހުން އަރްބެލޯގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗެވެ.

ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ހަތަރު ޕޮއިންޓުގެ ފަރަގު ކުޑަކުރުމަށް މަސައްކަތް ކުރަމުންދާއިރު، ހޮނިހިރު ދުވަހު ރެއާލް ނުކުންނާނީ ލީގު ތާވަލުގެ ފުލުން ދެވަނައިގައި އޮތް ލެވަންޓޭއާ ދެކޮޅަށެވެ.

ސްޕެއިންގެ ދެވަނަ ޑިވިޝަންގެ 17 ވަނައިގައި އޮތް އަލްބަސެޓޭ އަތުން ބަލިވުމަށްފަހު، ރެއާލްގެ ކެޕްޓަން ޑެނީ ކަވަހާލް ވަނީ ޓީމު އޮތީ "އެންމެ ދަށް ހާލަތުގައި" ކަމަށް އެއްބަސްވެފައެވެ.

"މީހުން ކުށްވެރިކުރާނެ ފަރާތެއް ހޯދަން ބޭނުންވާނެކަން އަހަންނަށް ވިސްނޭ، އެކަމަކު އަހަރެން މިހުރީ ހައްލު ހޯދުމަށް ސަމާލުކަންދީގެން،" އަރްބެލޯ ބުންޏެވެ.

"ކަންކަން ރަނގަޅަށް ނުދާނަމަ، އޭގެ މާނައަކީ އަހަރެންގެ ކުޅުންތެރިންނަށް މިއަށްވުރެ ބޮޑަށް އެހީތެރިވާން ޖެހެއޭ. ދަނޑުމަތީގައި ހިނގާ ކަންކަމަށް އަހަރެން ވަރަށް ބޮޑަށް ޒިންމާދާރުވާނަން."

މާޔޫސްކަން ހުރި ނަމަވެސް، އަލްބަސެޓޭ އަތުން ބަލިވި މެޗުގައި ގެންގުޅުނު އުސޫލުތަކާ މެދު އަލުން ވިސްނާނެ ކަމަށް އަރްބެލޯ ދެކޮޅު ހެދިއެވެ.

"އަހަރެން އެއްވެސް ކަމެއް ބަދަލެއް ނުކުރާނަން،" އުމުރުން 42 އަހަރުގެ ކޯޗު ބުންޏެވެ.

"މާޒީއަކީ މުހިންމު އެއްޗެއް ނޫން. އަހަންނަށް ކުރިމަތިވި ކޮންމެ ނާކާމިޔާބީއަކުން އަހަރެން އިތުރަށް ކުރިއަރައި، ސުވާލުތައް އުފައްދަން ދަސްވި. ނާކާމިޔާބީތަކަކީ ތިބާ ދާން ބޭނުންވާ މަންޒިލާ ގާތްކޮށްދޭ އެއްޗެއް."

"އަހަރެން ބޭނުންވަނީ ފުރަތަމަ މިނެޓުން ފެށިގެން މޮޅުވާން ނުކުންނަ ޓީމެއް. އިދިކޮޅު ޓީމުގެ ގޯލަށް ހަމަލާދޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ޓީމެއް. އަހަރެން ބޭނުންވަނީ ޖޯޝާއި ފޯރި ދައްކުވައިދޭ ޓީމެއް."

ލިވަޕޫލް އަދި ވެސްޓް ހޭމްގެ ކުރީގެ ޑިފެންޑަރު ވަނީ ޓީމުގެ ފަރާތުން ފެންނަ ކޮންމެ އުނިކަމެއްގެ ޒިންމާ އޭނާ އުފުލާނެކަން ސާފުކޮށްދީފައެވެ.

"އަލްބަސެޓޭގައި ހިނގާދިޔައީ ކުޅުމާއި، ފިޓްނަސް އަދި އެހެނިހެން ކަންކަމުގެ އުނިކަން، އަދި އެކަމުގެ ޒިންމާ އަހަރެން އުފުލަން،" އޭނާ ބުންޏެވެ.

"މީގެ ޒިންމާ އުފުލާނީ ހަމައެކަނި އެކަކު، އެއީ ރެއާލް މެޑްރިޑްގެ މިހާރުގެ ކޯޗު."

"އަހަރެން ސަޕޯޓަރުންގެ ޚިޔާލަށް އިހުތިރާމް ކުރަން، އަދި އެމީހުން ދެރަވެފައި ތިބިކަން ގަބޫލުކުރަން، އެކަމަކު އަހަރެން އެދެނީ އެމީހުންގެ އެހީތެރިކަމަށް."

އަރްބެލޯ އިތުރަށް ބުނީ މެޑްރިޑްގެ 123 އަހަރުގެ ތާރީޚުގައި، ބޮޑެތި ކާމިޔާބީތައް ހޯދިފައިވަނީ ބާނަބިއު (ސްޓޭޑިއަމް) ކުޅުންތެރިންނާއެކު އޮތް ހިނދުގައިކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ