މޮރޮކޯއާ ދެކޮޅަށް ކުޅޭ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލް މެޗަކީ ސާޑިއޯ މާނޭގެ ފަހު މެޗަށް ނުވުމަށް އުންމީދުކުރާ ކަމަށާއި، ގައުމީ ޓީމާ ވަކިވުމަށް ނިންމި ނިންމުން އޭނާ އަލުން މުރާޖައާ ކޮށްފާނެ ކަމަށް ސެނެގާލްގެ ކޯޗު ޕާޕޭ ތިއޯ ބުނެފިއެވެ.
"އޭނާގެ ނިންމުމަކީ މިހާރު ހަމައެކަނި އޭނާގެ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެއް ނޫން. އޭނާގެ ފަހަތުގައި މުޅި ގައުމު އެބައޮތް، އަދި އެމީހުން ބޭނުންވަނީ އޭނާ ކުޅުން ކުރިއަށް ގެންދިއުމަށް،" މުބާރާތް ބާއްވާ ގައުމާ ދެކޮޅަށް ކުޅޭ ފައިނަލް މެޗުގެ ކުރިން ރަބާތުގައި ނޫސްވެރިންނާ ވާހަކަދައްކަމުން ތިއޯ ބުންޏެވެ.
އުމުރުން 33 އަހަރުގެ މާނޭ، މިސްރާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުގައި މޮޅުވި ލަނޑު ޖެހުމަށްފަހު ބުނެފައިވަނީ، މިއީ އޭނާ ކުޅޭނެ ފަހު އެފްރިކާ ކަޕް ކަމަށެވެ.
އޭނާގެ މި ވާހަކަތަކުން ދޭހަވަނީ، އަންނަ ޖޫން އަދި ޖުލައި މަހު އުތުރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕަށްފަހު ބައިނަލްއަގުވާމީ ފުޓްބޯޅައިން އޭނާ މުޅިން ރިޓަޔަރ ކުރާނެ ކަމަށެވެ. އެ މުއްދަތަށް އޭނާގެ އުމުރުން 34 އަހަރު ފުރޭނެއެވެ.
ދެން އޮންނަ އެފްރިކާ ކަޕް 2027 ވަނަ އަހަރު ކެންޔާ، ޓެންޒޭނިއާ އަދި ޔުގެންޑާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، 2029 ވަނަ އަހަރުގެ މުބާރާތް ވަނީ 2028 އަށް އަވަސްކޮށްފައެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި އޭނާ އެ ނިންމުން ނިންމީ އެ ވަގުތުގެ ޖަޒުބާތުގައި. އެކަމާ ގައުމު އެއްބަހެއް ނުވޭ، އަދި ގައުމީ ޓީމުގެ ކޯޗުގެ ހައިސިއްޔަތުން އަހަރެން ވެސް އެއްގޮތަކަށްވެސް އެކަމާ އެއްބަހެއް ނުވަން،" ތިއޯ ބުންޏެވެ.
"އަހަރެމެން ބޭނުންވަނީ ވީހާވެސް ގިނަ ދުވަހަކު އޭނާ ޓީމުގައި ބަހައްޓަން."
2022 ވަނަ އަހަރު ސެނެގާލުން ފުރަތަމަ ފަހަރަށް އެފްރިކާ ކަޕް ކާމިޔާބުކުރިއިރު، ފައިނަލްގައި މިސްރާ ދެކޮޅަށް ޕެނަލްޓީ ޖަހައިގެން މޮޅުވި ލަނޑު ޖަހައިދިނީ މާނޭއެވެ.
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދާފައިވާ މާނޭ ވަނީ 2019 ވަނަ އަހަރުގެ ފައިނަލްގައި އަލްޖީރިއާ އަތުން ބަލިވި ޓީމުގައި ވެސް ކުޅެފައެވެ. އާދީއްތަ ދުވަހުގެ މެޗަކީ ފާއިތުވި ހަތަރު މުބާރާތުގެ ތެރެއިން ސެނެގާލް ކުޅޭ ތިންވަނަ ފައިނަލެވެ.
"ސާޑިއޯއަކީ ބެލޮންޑިއޯއެއް ހައްގުވާ ފަދަ އާދަޔާޚިލާފު ކުޅުންތެރިއެއް. އެއަށްވުރެ ބޮޑަށް އޭނާއަކީ ވަރަށް ހިތްހެޔޮ އިންސާނެއް،" ޑިފެންޑަރު މޫސާ ނިއާކާޓޭ ބުންޏެވެ.
"އޭނާގެ ކިބައިގައި ބޮޑާކަމެއް ނެތް. އޭނާ ހަމައެކަނި ކުރާ ކަމަކީ ބުރަކޮށް މަސައްކަތްކޮށް ގައުމުދެކެ ލޯބިވުން. މިއީ އޭނާގެ ހަވަނަ އެފްރިކާ ކަޕް ކަމަށްވުމީ އޭނާގެ ދެމިހުރުމާއި އެއްފެންވަރެއްގައި ކުޅުން ހިފެހެއްޓުމުގެ ހެއްކެއް."


