އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން) ގެ ފައިނަލްގައި ހިނގައިދިޔަ މަޖާޒީ މަންޒަރުތަކަކާއެކު، ސެނެގާލާ ދެކޮޅަށް ދިން ޕެނަލްޓީއަކާ ގުޅިގެން އިހުތިޖާޖުކޮށް އެ ޓީމުގެ ކުޅުންތެރިން ދަނޑުން ފޭބުމަށްފަހު، އަލުން އެނބުރި އައިސް އިތުރު ވަގުތުގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ މޮރޮކޯ 1-0 އިން ބަލިކޮށް ތަށި ކާމިޔާބުކޮށްފިއެވެ.
އާދީއްތަ ދުވަހު ކުޅުނު މި މެޗުގެ 94 ވަނަ މިނެޓުގައި މޮޅުވި ލަނޑު ޖަހައިދިނީ މިޑްފީލްޑަރު ޕާޕޭ ގޭ އެވެ. މިއީ 14 މިނެޓުގެ މެދުކެނޑުމަކަށްފަހު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކައިރިވެފައި ވަނިކޮށް މޮރޮކޯގެ ތަރި ބްރަހީމް ދިއާޒް އަށް ލިބުނު ޕެނަލްޓީ ބޭކާރުކޮށްލުމާ ގުޅިގެން ލިބުނު ފުރުސަތެކެވެ.
ސެނެގާލްގެ ކޯޗު ޕާޕޭ ބޫނާ ތިއޯ އޭނާގެ ކުޅުންތެރިން ދަނޑުން ފޭބުމަށް އެންގި ނަމަވެސް، އެނބުރި ދަނޑަށް އައުމަށް ކުޅުންތެރިންނަށް ބާރުއެޅީ އެ ޓީމުގެ ތަރި ސާޑިއޯ މާނޭ އެވެ.
މި ޕެނަލްޓީ ދިނީ ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ސެނެގާލްގެ ފުލްބެކް އެލް ހާޖީ މާލިކް ދިއޫފް، ދިއާޒް ބިންމައްޗަށް ވައްޓާލުމާ ގުޅިގެން ކޮންގޯގެ ރެފްރީ ޖީން-ޖެކްސް އެންޑާލާ ވީއޭއާރު ބެލުމަށްފަހުއެވެ.
ރެފްރީ ދަނޑު އަރިމަތީގައި ހުރި ސްކްރީން ބަލަން ހުރި ވަގުތާއި، ސެނެގާލްގެ ކުޅުންތެރިން ދަނޑުން ފޭބި ވަގުތު އޮފިޝަލުންނާއި ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގިއެވެ.
ކުޅުންތެރިން އަލުން ދަނޑަށް އެރުމުން، ޑިއާޒް "ޕެނެންކާ" ސްޓައިލަށް ޕެނަލްޓީ ޖަހަން އުޅުމުގެ ތެރޭގައި އޭނާ ފޮނުވާލި މަޑު ބޯޅަ ސެނެގާލްގެ ކީޕަރު އެޑޮއާޑް މެންޑީ ވަނީ ފަސޭހަކަމާއެކު ހިފާފައެވެ.
ސެނެގާލްގެ ޓީމު އެންމެ ފުރަތަމަ ރުޅިގަދަވީ، މެޗުގެ ފުރިހަމަ ވަގުތުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި އަބްދުލާޔޭ ސެކް ބޮލުން ޖެހި ބޯޅައެއް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު އިސްމާއިލާ ސާރް ޖެހި ލަނޑު، ފައުލަކަށް ބަލައި ރެފްރީ ގަބޫލުނުކުރުމުންނެވެ.
ނަމަވެސް ޑިއާޒްގެ ޕެނަލްޓީ ނާކާމިޔާބުވުމާއެކު، ހިތްވަރު އާކުރި ސެނެގާލުން ލަނޑެއް ޖަހާނެކަން ގާތްގަނޑަކަށް ޔަގީންވިއެވެ. އަދި އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ލަނޑު ޖަހައި، ޕްރިންސް މޫލޭ އަބްދުﷲ ސްޓޭޑިއަމްގައި ތިބި 66,526 ސަޕޯޓަރުން ހައިރާންކޮށްލިއެވެ.
މާނޭ މެދުތެރެއިން ބޯޅަ ހޯދައި އިދްރީސާ ގާނާ ގޭ އަށް ދިނުމުން، އޭނާ ވަނީ ޕާޕޭ ގޭ އަށް ބޯޅަ ފޯރުކޮށްދީފައެވެ.
ވިލަރެއާލްގެ މިޑްފީލްޑަރު، މޮރޮކޯގެ ކެޕްޓަން އަޝްރަފް ހަކީމީ ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ، ކީޕަރު ޔާސީން ބޯނޯއަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލިއެވެ.
މި ނަތީޖާއާއެކު މޮރޮކޯގެ ކުޅުންތެރިން ވަރަށް ބޮޑަށް މާޔޫސްވިއެވެ. ހާއްސަކޮށް ޑިއާޒް ވަރަށް ބޮޑަށް ދެރަވެފައި ހުރިއިރު، އޭގެ ކުޑަ އިރުކޮޅެއް ފަހުން އޭނާ ވަނީ ދަނޑުން ބާލާފައެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފުގައި ނާއިފް އަގުއާޑް ބޮލުން ޖެހި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހުނު ނަމަވެސް، މޮރޮކޯއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށް ޕެނަލްޓީއަކަށް ދެވޭ ގޮތެއް ނުވިއެވެ.
އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި 50 އަހަރުގެ އިންތިޒާރަށް ނިމުމެއް ގެނެސް، ދެވަނަ ފަހަރަށް އެފްރިކާގެ ޗެމްޕިއަންކަން ހޯދުމަށް މޮރޮކޯއިން ކުރި އުންމީދުތައް ފެނަށް ދިޔައީއެވެ.
މިއީ ފާއިތުވި ތިން މުބާރާތުގެ ތެރެއިން ސެނެގާލުން ކާމިޔާބުކުރި ދެވަނަ ތައްޓެވެ. އެ ޓީމުން ފުރަތަމަ ފަހަރަށް މި ތަށި ހޯދީ 2022 ވަނަ އަހަރު ޔައުންޑޭގައި ކުޅުނު ފައިނަލްގައި ޕެނަލްޓީ ޖަހައިގެން މިސްރު ބަލިކޮށްގެންނެވެ.މިހާރު އެޓީމަށް އޮތީ ޖޫން މަހު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕަށް ދިއުމުގެ އިންތިޒާރެވެ.
މިއީ މޮރޮކޯގެ ދަތުރު ނިމިގެންދިޔަ ވަރަށް ހިތްދަތި ގޮތެކެވެ. ރަބާތުގެ ފިނި އަދި ވާރޭވެހޭ ރޭގައި، މެޗު ނިމުމުގެ ކުރިން އެޓީމުގެ ގިނަ ސަޕޯޓަރުން ވަނީ ދަނޑު ދޫކޮށް ގޮސްފައެވެ.
"އަހަރެމެން މިތަނުގައި މޮޅުވާން ވަރަށް ބޭނުންވި،" ގޭއީ ބުންޏެވެ. "މިއީ ވަރަށް އުނދަގޫ މެޗެއް، އެކަމަކު އަހަރެމެން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރިން."
މޮރޮކޯގެ ކޯޗު ވަލީދު ރެގްރާގީ ބުނީ އޭނާގެ ޓީމުން މޮރޮކޯގެ ރައްޔިތުންނަށްޓަކައި "ވަރަށް ބޮޑަށް ދެރަވާ" ކަމަށެވެ.
"ފަހު މިނެޓުގައި ޕެނަލްޓީއެއް ލިބުމުން މޮޅުވުން ވަރަށް ގާތްވި ކަމަށް ފެނުނު، އެކަމަކު އެންމެ ފަހުން ފުޓްބޯޅައިގައި ކަންތައް ވާނީ ވާން އޮތް ގޮތަށް.
"އަހަރެމެން ސެނެގާލަށް މަރުހަބާ ކިޔަން. ޕެނަލްޓީ ދިން ވަގުތު ހިނގާދިޔަ ކަންތައްތަކަށް ބަލާއިރު، އެފްރިކާގެ ފުޓްބޯޅައިގެ ފަރާތުން ފެނިގެންދިޔަ ކަންތައްތަކަކީ މާޔޫސްވާ ފަދަ ކަންތައްތަކެއް ނަމަވެސް."


