ޕެރިސް ސެއިންޓް ޖާމަން (ޕީ.އެސް.ޖީ) ގެ ޑިފެންޑަރު ލޫކަސް ހެނާންޑޭޒް އާއި އޭނާގެ އަންހެނުންގެ މައްޗަށް، އިންސާނީ ވަގުފާރި ކުރުމާއި ގަވާއިދާ ހިލާފަށް މީހުން ވަޒީފާގައި ގެންގުޅުނު ކަމުގެ ތުހުމަތުކޮށް ވާސައިލްސްގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ ހެނާންޑޭޒްގެ ގޭގައި މަސައްކަތްކުރި ކޮލަމްބިއާގެ އާއިލާއަކުންނެވެ. އަދި މިހާރު މި މައްސަލައިގެ ތަހުގީގު ވަނީ ފަށާފައެވެ.
ބަޔާން މިއުނިކް އަދި އެތުލެޓިކޯ މެޑްރިޑަށް ކުޅުމަށްފަހު ހެނާންޑޭޒް ޕީ.އެސް.ޖީ އާ ގުޅުނީ 2023 ވަނަ އަހަރެވެ. އޭނާއަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގެ ކުޅުންތެރިއެކެވެ.
ހެނާންޑޭޒް އާއި އޭނާގެ އަންހެނުން ވިކްޓޯރިއާ ޓްރިއާއީ، ކޮލަމްބިއާގެ އާއިލާއެއް ވަޒީފާގައި ގެންގުޅެފައިވަނީ ސެޕްޓެމްބަރު 2024 އިން ނޮވެމްބަރު 2025 އާ ދެމެދު އެއް އަހަރަށްވުރެ ގިނަ ދުވަހުއެވެ. 'ޕެރިސް މެޗް' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އާއިލާގައި ހިމެނެނީ މަންމައަކާއި ބައްޕައެއްގެ އިތުރުން ތިން ކުދިންނެވެ. ހެނާންޑޭޒްގެ މައްޗަށް ތުހުމަތު ކުރެވެނީ މަސައްކަތް ކުރުމުގެ ހުއްދައެއް ނުވަތަ އެއްބަސްވުމެއް ނެތި، ސެކިއުރިޓީ ބެލެހެއްޓުމާއި، ސާފުކުރުމާއި، ކެއްކުމާއި އަދި ކުދިން ބެލުމުގެ މަސައްކަތް އެ އާއިލާލައްވާ ކުރުވި ކަމަށެވެ.
މީގެ އިތުރުން، އެ އާއިލާއަކީ ފްރާންސްގެ ސޯޝަލް ސެކިއުރިޓީ ނިޒާމުގައި ރަޖިސްޓްރީ ކުރެވިފައިވާ ބައެއް ނޫން ކަމަށާއި، ހުރިހާ އުޖޫރައެއް ދީފައިވަނީ ނަގުދު ފައިސާއިން ކަމަށްވެސް މައްސަލައިގައި ބުނެފައިވެއެވެ. އަދި ހަފުތާއަކު 72 ގަޑިއިރާއި 84 ގަޑިއިރާ ދެމެދު، އެއްވެސް ޗުއްޓީއެއް ނެތި އެމީހުން މަސައްކަތް ކުރަން ޖެހުނު ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން، އެ އާއިލާއަށް ސްޕެއިންގެ ދޮގު އައިޑެންޓިޓީތަކެއް ދީ، ފެބްރުއަރީ 2025 ގައި ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުންތަކެއްގައި ސޮއިކުރުވި ކަމުގެ ތުހުމަތުވެސް ވަނީ ކުރެވިފައެވެ.
ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ތުހުމަތުތަކާ ގުޅިގެން ހެނާންޑޭޒް ވަނީ ބަޔާނެއް ނެރެފައެވެ. ހެނާންޑޭޒް އާއި އޭނާގެ އަންހެނުން ބުނެފައިވަނީ: "އަޅުގަނޑުމެންގެ ގެއާއި ދިރިއުޅުން ހުޅުވާލަދިނީ ރަހުމަތްތެރިންގެ ގޮތުގައި ތައާރަފުވި، އަދި އަޅުގަނޑުމެންގެ ހެޔޮކަމަށް އެދުނު، އަދި އަޅުގަނޑުމެންގެ އިހުލާސްތެރި ލޯބި ލިބުނު ބަޔަކަށެވެ. އެމީހުން އަޅުގަނޑުމެންގެ ދިރިއުޅުމުގައި ބައިވެރިވީ އިހުތިރާމާއި ގަދަރާއެކުގައެވެ. އެމީހުންގެ ގާނޫނީ ލިޔެކިޔުންތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނުމުން، އަޅުގަނޑުމެން އެމީހުންނަށް އެހީތެރިވެ، އެއްބާރުލުންދީ، އިތުބާރު ކުރީމެވެ. ނަމަވެސް އެ އިތުބާރު ވަނީ ގެއްލުވާލާފައެވެ."
އެ ދެމަފިރިން އިތުރަށް ބުނެފައިވަނީ، އެމީހުންނަށް އޮޅުވާލާފައިވަނީ އަސަރުގަދަ ވާހަކަތަކެއް ދައްކައިގެން ކަމަށާއި، އެމީހުން އަމަލުކުރީ ހެޔޮ ނިޔަތާއި އޯގާތެރިކަމާއެކު ކަމަށެވެ. "އަޅުގަނޑުމެން އަމަލުކުރީ އިންސާނިއްޔަތުކަމާއެކު – އަދި ހިތާމައާއެކު ދަސްވީ، އޯގާތެރިކަމުގެ ނާޖާއިޒު ފައިދާ ނެގިދާނެކަން،" އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.


