ޖެނުއަރީގައި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް މައިކަލް ކެރިކް

މެންޗެސްޓަރ ޔުނައިޓެޑްގެ އިންޓަރިމް ކޯޗުގެ ގޮތުގައި މައިކަލް ކެރިކް ދައްކަމުންދާ އާދަޔާޚިލާފު މޮޅު ކުޅުމާއެކު، ޖެނުއަރީ މަހުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗުގެ މަގާމު އޭނާ ހޯދައިފިއެވެ.

ރެޑް ޑެވިލްސްގެ ކުރީގެ މިޑްފީލްޑަރު އޯލްޑް ޓްރެފޯޑާ ހަވާލުވުމަށްފަހު، ކުރު މުއްދަތެއްގެ ތެރޭގައި ޓީމުގެ މިސްރާބު ވަނީ ކާމިޔާބީއާ ދިމާލަށް އަނބުރާލާފައެވެ.

ޖެނުއަރީ 13 ގައި ޓީމާ ހަވާލުވި ފަހުން، ކެރިކް ވަނީ ޓެކްޓިކަލް ގޮތުން މޮޅު ރޭވުންތަކެއް ރާވައި، ލީގުގެ ވަރުގަދަ ޓީމުތައް ބަލިކޮށްފައެވެ.

ކޯޗް އޮފް ދަ މަންތް އެވާޑަށް ވޯޓުލީ މުއްދަތުގައި އޭނާ ޓީމަށް އިރުޝާދުދިނީ މަދު މެޗުތަކެއްގައި ނަމަވެސް، އޭނާ ހޯދި ނަތީޖާތަކުގެ ވަރުގަދަކަމުން، އެންޑޯނީ އިރައޯލާ އަދި ޝޯން ޑައިޗް ފަދަ ކޯޗުން ފަހަތަށް ޖައްސާލުމަށްފަހު މި އެވޯޑު އޭނާއަށް ލިބުނީ ވަރަށް ޔަގީންކަމާއެކުއެވެ.

ކެރިކްގެ މި ކާމިޔާބު މަހުގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޔުނައިޓެޑްގެ ސީޒަން އަލުން ދިރުވައިދިން ބޮޑު ދެ މޮޅެވެ.

ފުރަތަމަ މޮޅަކީ އޯލްޑް ޓްރެފޯޑުގައި ވާދަވެރި މެންޗެސްޓަރ ސިޓީ 2-0 އިން ބަލިކުރުމެވެ. އެ މެޗުގައި ފެނިގެންދިޔަ ވަރުގަދަ ޑިފެންސާއި ހަލުވި ކައުންޓަރ އެޓޭކްތަކުގެ ސަބަބުން ޕެޕް ގާޑިއޯލާގެ ޓީމު އޮތީ ގޮތް ހުސްވެފައެވެ.

ޑާބީ މެޗުން މޮޅުވީ ހިތްވަރުގަދަކަމުން ކަމަށްވާނަމަ، އޭގެ ފަހުން އުތުރު ލަންޑަނަށް ކުރި ދަތުރަކީ ޓީމުގެ ސާބިތުކަން ދައްކުވައިދިން ދަތުރެކެވެ. ކެރިކްގެ ޓީމު އެމިރޭޓްސް ސްޓޭޑިއަމްގައި ލީގުގެ އެއްވަނައިގައި އޮތް އާސެނަލްއާ ދެކޮޅަށް ކުޅެ، 3-2 އިން ފޯރިގަދަ މޮޅެއް ހޯދިއެވެ. ފަހަތުން އަރައި ގަނާސް ހިމޭންކޮށްލުމުން އެނގިގެންދިޔައީ، ކުރީގެ ކެޕްޓަންގެ ހަމަޖެހޭ އިރުޝާދުގެ ދަށުން ޔުނައިޓެޑްގެ ކުޅުންތެރިންގެ ކިބައިގައި އޮތް ހަނގުރާމަވެރި ރޫހު އަލުން އާވެފައިވާ ކަމެވެ.

އޭނާގެ އާދައިގެ ސާދާ މިޒާޖާ އެއްގޮތަށް، ކެރިކް ވަނީ ޓީމުގެ މި ބަދަލުގައި އޭނާގެ އަމިއްލަ ދައުރު ކުޑަކޮށްފައެވެ. އެވޯޑާ ހަވާލުވުމަށްފަހު ކެރިންގްޓަންގައި ވާހަކަދައްކަމުން އިންޓަރިމް ކޯޗު ބުނީ، މި ކުރިއެރުމަކީ ކްލަބުގެ ޓްރެއިނިންގް ބޭސްގައި މަސައްކަތްކުރާ އެންމެންގެ ގުޅިފައިވާ މަސައްކަތެއް ކަމަށެވެ.

"މިއީ ވަރަށް އުފާވެރި ކަމެއް، އަދި މިއިން އެނގެނީ އަހަރެމެންނަށް ވަރަށް ރަނގަގު ފެށުމެއް ލިބިއްޖެކަން. އެކަމަކު ތެދަށް ބުނާނަމަ މިއީ ހަމައެކަނި އަހަރެންގެ ކަމެއް ނޫން،" ކެރިކް ބުންޏެވެ. "އަހަރެން ގަބޫލުކުރާ ގޮތުގައި މިއީ އެންމެންގެ މަސައްކަތް: މިއީ ސްޓާފުންނާއި، ކޯޗިންގް ސްޓާފުންނާއި، ބެކްރޫމް ސްޓާފުން އަދި ޔަގީނުންވެސް ކުޅުންތެރިންގެ މަސައްކަތް. މިއިން މި ދައްކައިދެނީ އަހަރެމެންނަށް ރަނގަޅު ފެށުމެއް ލިބިއްޖެކަން، އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް."

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ