ޤްރުއާން ކިޔެވުމުގެ 37 ވަނަ މުބާރާތުގައި ބައިވެރިޔެއް ކިޔަވަނީ / ފޮޓޯ : ކީރިތި ޤްރުއާނާ ބެހޭ ޤައުމީ މަރުކަޒު

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ބާއްވާ ޤައުމީ ޤުރްއާން މުބާރާތް ބާއްވާ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ. މިއަންނަ އާދީއްތަ ދުވަހުން ފެށިގެން މެއި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މުބާރާތުގައި ބައިވެރިވެވޭނެއެވެ. މުބާރާތުގައި ބައިވެރިވުމަށް ކީރިތި ޤްުރުއާނާއި ބެހޭ މަރުކަޒުގެ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށައެޅުމަށް އެ މަރުކަޒުން އެދެއެވެ.

ޤުރްއާނާ ބެހޭ މަރުކަޒުން މަޢުލޫމާތު ދޭ ގޮތުގައި، މުބާރާތުގެ އުސޫލަށް މި ބަދަލުތައް ގެނައީ ވީހާވެސް ގިނަ ބަޔަކަށް ހަމަހަމަކަމާއެކު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށެވެ. އަދި މުބާރާތުގެ ވާދަވެރިކަން އިތުރުކޮށް، މުބާރާތުގެ ފެންވަރު މިހާރަށްވުރެ ބޮޑަށް ރަނގަޅު ކުރުމަކީ ވެސް މި ބަދަލުތައް ގެނައުމުގެ މުހިންމު މަޤްޞަދެއް ކަމަށް އެ މަރުކަޒުން ބުނެއެވެ.

މި އަހަރުން ފެށިގެން ގެނައި މި ބަދަލާއެކު، ޤައުމީ ޤުރްއާން މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 26 އަހަރު ނުފުރޭ، މުބާރާތުގެ ޝަރުޠު ހަމަވާ ކޮންމެ ދިވެހި ރައްޔިތަކަށެވެ. މީގެ ކުރިން ބައެއް ފަހަރު މުއައްސަސާތަކާއި ސްކޫލްތައް މެދުވެރިކޮށް ބައިވެރިވާން ޖެހުނު ނަމަވެސް، މިހާރު މުބާރާތުގައި ބައިވެރިވެވޭނީ ފަރުދީ ގޮތުންނެވެ.

މުބާރާތް ކުރިއަށް ގެންދާ ގޮތަށް ގެނައި ބަދަލުތަކަށް ބަލާއިރު، ދެން މުބާރާތް ކުރިއަށް ދާނީ މައިގަނޑު ތިން ބުރަކަށް ބަހާލައިގެންނެވެ. އެއީ:

  1. އޮޑިޝަން ބުރު: މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހަޅާ ހުރިހާ ފަރާތްތަކުގެ މެދުގައި ބާއްވާ ބުރެކެވެ. މި ބުރު ކުރިއަށް ދާނީ މާލޭގެ އިތުރުން އަތޮޅުތެރޭގައި ޤުރްއާނާ ބެހޭ މަރުކަޒުން ކަނޑައަޅާ ރަށްތަކުގައެވެ. ބައިވެރިންނަށް އެ ފަރާތަކާ އެންމެ ފަސޭހަ ސަރަޙައްދެއްގެ އޮޑިޝަނުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
  2. ސެމީ ފައިނަލް ބުރު: އޮޑިޝަން ބުރުގެ ކޮންމެ ކެޓަގަރީއަކުން 80 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 500 ބައިވެރިންނަށް މި ބުރުން ފުރުޞަތު ލިބޭނެއެވެ.
  3. ފައިނަލް ބުރު: ސެމީ ފައިނަލް ބުރުގެ ކޮންމެ ކެޓަގަރީއަކުން 85 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 150 ބައިވެރިން ފައިނަލް ބުރުގައި ވާދަކުރާނެއެވެ.

މުބާރާތުގެ އެންމެ ފަހު ބުރު ނުވަތަ ފައިނަލް ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ.

ޤައުމީ ޤުރްއާން މުބާރާތަށް ގެނައި ބޮޑެތި ބަދަލުތަކާއެކު، އަތޮޅުތަކުން މާލެއަށް ފައިނަލް ބުރުގައި ވާދަކުރުމަށް އަންނަ ބައިވެރިންނަށް ޚާއްޞަ އެލަވަންސެއް ދިނުމަށް ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން ވަނީ ނިންމާފައެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކިޔެވުންތެރިންނަށް މުބާރާތުގައި ބައިވެރިވުމަށް ހުރި ހުރަސްތައް ނައްތާލައި، މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ.

މުބާރާތުގެ ވަނަތައް ހޮވުމަށް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، ފައިނަލް ބުރުގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިންނާއި ނުބަލައި ކިޔެވުމުގެ ބައިގެ ކޮންމެ އުމުރުފުރާއަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާނެއެވެ. މީގެ އިތުރުން މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިންނާއި، ނުބަލައި ކިޔެވުމުގެ ގޮފިން އަދި ޙާފިޡުންގެ ބައިން ވެސް އެންމެ މަތިން މާކްސް ހޯދާ ތިން ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ އެންމެ ޝަރަފުވެރި އިނާމު ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބިގެންދާނީ ދެ ގޮފިންނާއި ޙާފިޡުންގެ ބައިން 1 ވަނަ، 2 ވަނަ އަދި 3 ވަނައަށް ހޮވޭ ބައިވެރިންނަށެވެ.

މި އަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އުމުރުފުރާތަކަކީ:

  • 6 އަހަރުން ދަށް
  • 8 އަހަރުން ދަށް
  • 10 އަހަރުން ދަށް
  • 12 އަހަރުން ދަށް
  • 14 އަހަރުން ދަށް
  • 16 އަހަރުން ދަށް
  • 20 އަހަރުން ދަށް
  • 26 އަހަރުން ދަށް
  • ޙާފިޡުންގެ ބައި

މި އުމުރުފުރާތަކުގެ ސަބަބުން ކުޑަކުދިންނާއި ޒުވާނުންގެ ތެރޭގައި ޤުރްއާން ކިޔެވުމަށް އޮތް ޝައުޤުވެރިކަން އިތުރުވެ، ގިނަ ބަޔަކަށް ވާދަވެރި މާޙައުލެއްގައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ޤައުމީ ޤުރްއާން މުބާރާތުގެ އުސޫލަށް މިފަދަ ހެޔޮ ބަދަލުތަކެއް ގެނެސްފައިވަނީ، މުބާރާތުގެ ފެންވަރު އުފުލައި، ޤުރްއާން ކިޔެވުމުގެ ފަންނު ރާއްޖޭގައި އިތުރަށް ކުރިއެރުވުމުގެ މަޤްޞަދުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކީރިތި ޤުރްއާނުގެ އިލްމު ފެތުރުމަށް ދެއްވާ އަހަންމިއްޔަތުގެ ދަށުން، މި ފަދަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ކަންކޮޅުތަކުގައި ތިބި ހުނަރުވެރި ބައިވެރިންނަށް ހަމަހަމަ ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށް ޤުރްއާނާ ބެހޭ މަރުކަޒުން އުންމީދު ކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ