ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްޑީއެފަށް ޖަމާކުރި 1.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 9 އިންސައްތަ އިތުރު އަދަދެކެވެ.
ސޮވެރިން ފަންޑަށް 1.2 ބިލިޔަން ރުފިޔާ ޖަމާކޮށްފައިވާއިރު، ދައުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް މިއަހަރުގެ މިހާތަނަށް 9.3 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ހޭދަކުރި 3.2 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 190 އިންސައްތައިގެ އިތުރުވުމެކެވެ.
ސަރުކާރުން މިއަހަރު ދެއްކި 500 މިލިޔަން ޑޮލަރުގެ ލޯނު ދެއްކުމުގައިވެސް ބޭނުންކޮށްފައިވަނީ އެސްޑީއެފަށް ޖަމާކޮށްފައިވާ ފައިސާއެވެ. ކުއްލި ހާލަތްތަކަށާއި ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމަށް 2016 ވަނަ އަހަރު އުފެއްދި މި ފަންޑަށް ފައިސާ ޖަމާކުރަނީ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާއި، އެމްއޭސީއެލްގެ ޑިވިޑެންޑް އަދި އެއަރޕޯޓުގެ ޚިދުމަތްތަކުން އިތުރަށް ލިބޭ އާމްދަނީންނެވެ.


