މަނަދޫ އަޒީގެ ޅެންހާރު: ބިމޭމީ

ބިމޭމީ އެންމެ ޞުލްޙައަމާން ކުރީގައި ދުނިޔެއިންފެނިއޮތް
ބިމޭމީ ކާބައިން މިނިވަން ޙަޔާތެއް ހޭދަކޮށްފައި އޮތް
ބިމޭމީ ދިވެހި އަބްޠާލުންގެ ޒިކުރާއާއި ގުޅުފައިއޮތް
ބިމޭމީ އެބިމަކަށް ހިތްތަކުގެ ލޯތްބާޤަދަރު ދެވިފައިއޮތް
ވަފާތެރިކަމުގެ ގުލްޒާރުން މަލާ މޭވާތަކެއް ލިބިދިން
ނަފާހުރި އަޚްކަމުގެ ގުޅުމެއް އުފާފާގަތިކަމެއް ނެރެދިން
ލަފާހެޔޮކަމުގެ އަތްތަކަކުން ދިވެހިއުންމަތް ގުޅާލައިދިން
ބިމޭމީ އެބިމަކަށް ހިތްތަކުގެ ލޯތްބާޤަދަރު ދެވިފައިއޮތް
ޙިމާޔަތްތެރިކަމުގެ އުނގަކުން ކުލުނު ލޯތްބާ ފުރާލައިދިން
ދިމާވީހައި ހުރަސްތަކަކުން ގިރާކޮށް އަރުތަ ހޯދައިދިން
އިމާ އިންތަކުގެ އެތެރޭގައި އުސޫލުތަކެއް ބިނާކޮށްދިން
ބިމޭމީ އެބިމަކަށް ހިތްތަކުގެ ލޯތްބާޤަދަރު ދެވިފައިއޮތް
ހިފައިގެން ޞުލްޙަމަސަލަސްކަން ބަހާރުގެ ރޯޅިތައްފިނިއައި
ހިފައިގެން ރީތިހައިސިފަތައް މުސާވާތުގެމަތީގާ އައި
ހިފައިގެންމާތްވި އިސްލާމިއްޔަ ވަޙްދަތުފޯރުކުރަމުންއައި
ބިމޭމީ އެބިމަކަށް ހިތްތަކުގެ ލޯތްބާޤަދަރު ދެވިފައިއޮތް
ބިރާސިހުމެއްނުވާ މާޙައުލަކުން ހިތްތައްއުފާކޮށްދިން
ގިރާކުރި ރީތިމާޒީގައި ޢަދާލަތު އެއްހަމައިގައިދިން
ގިރާފަނިފޮދުވަރެއްފަދަފޮނި ނަޒާޙަތްތެރިކަމެއްލިބިދިން
ބިމޭމީ އެބިމަކަށް ހިތްތަކުގެ ލޯތްބާޤަދަރު ދެވިފައިއޮތް
ސަމާޙަތްތެރިކަމުގެ ފެންއާރުތައް އަލިސާފުދެމިދެމިއޮތް
ޒަމާންވީރީތި އާދަތަކެއްގެ ބަނިޔާދަންކަމެއްލިބިއޮތް
އަމާނާތްތެރިކަމުގެ ޝަރަފާއިފަޚްރާ މިލްކުވެވިފައިއޮތް
ބިމޭމީ އެބިމަކަށް ހިތްތަކުގެ ލޯތްބާޤަދަރު ދެވިފައިއޮތް
ވިދާއަލިނޫރުއިސްލާމީ އުޖާލާ އަލިކަމާއެކުއައި
ހިދާޔަތް ހިތްތަކުގެފުނުގައި ވޮށެއްހެން ދިއްލެމުންއަލިއައި
ރިދާ އީމާންކަމުގެ ހަށިތައް ވަށާލެވިގެން އެކީގައިއައި
ބިމޭމީ އެބިމަކަށް ހިތްތަކުގެ ލޯތްބާޤަދަރު ދެވިފައިއޮތް
23 މެއި 2026
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *