ރާއްޖޭގައި މިހާރު އަށަގަނެފައި އޮތް ޓިއުޝަނަށް ބަރޯސާވުމުގެ ސަގާފަތް ދޫކޮށްލައި، ދަރިވަރުންގެ އަމިއްލަ އުނގެނުމަށް މިހާރަށްވުރެ ބޮޑަށް ދަރިވަރުން ޒިންމާދާރުވާންޖެހޭ ކަމަށް، ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ސީއެޗްއެސްސީ ހޯލުގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅީގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ދަރިވަރުންގެ މެދުގައި ޓިއުޝަނަށް ބަރޯސާވުމުގެ އާދަ ވަރަށް ބޮޑަށް ހިފާފައިވާ ކަމަށެވެ. އެގޮތުން ބައެއް ދަރިވަރުން ދުވާލަކު 4 ގަޑިއިރާއި 6 ގަޑިއިރާ ދެމެދުގެ ވަގުތެއް ހަމައެކަނި ޓިއުޝަނުގައި ހޭދަކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ސްކޫލުން ބޭރުން ކުދިންނަށް ބޭނުންވާ އިތުރު އެހީތެރިކަން ފޯރުކޮށްދޭންވާނީ ރަސްމީކޮށް ސްކޫލުގައި ކިޔަވައިދޭ ކިޔެވުމުން ކުދިން ދުރުނުވާނެ ފަދަ ގޮތަކަށް ވިސްނައިގެންނެވެ. އަދި ސަރުކާރުގެ އަސްލު އަމާޒަކަށް ވާންވާނީ ތަޢުލީމީ ނިޒާމުގެ ތެރެއިން ސްކޫލްތަކުގައި ދެވޭ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކޮށް، ދަރިވަރުންނަށް އެ ނިޒާމަށް ފުރިހަމައަށް ބަރޯސާވެވޭނެ ގޮތް ހެދުން ކަމަށްވެސް ވިދާޅުވިއެވެ.
ހަމައެކަނި ޓިއުޝަނާއި ފިލާވަޅު ދަސްކުރުމުގައި ދަރިވަރުންގެ ހުރިހާ ވަގުތެއް ހޭދަކުރުމަކީ ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ފޯރާނެ ކަމެއްކަން ދިރާސާތަކާ ހަވާލާދީ ވަޒީރު ހާމަކުރެއްވިއެވެ. އެހެންކަމުން ދަރިވަރުންގެ ވަގުތު މެނޭޖުކުރަން ދަސްކޮށްދިނުމާއި، ހިތްހަމަޖެހޭ ކަންކަމުގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ދިނުމަކީ މުހިންމު ކަމެކެވެ.
"އެހާ ގިނަ ވަގުތު ގޭތެރެއިން ނެގޭކަމަށް ވާނަމަ، އޭގެ އަސަރު ދަރިވަރުންގެ ދުޅަހެޔޮކަމަށް ކުރާނެ. ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެ." ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
މީގެ އިތުރުން، ނޭޝަނަލް އެސެސްމެންޓް އޮފް ލަރނިން އައުޓްކަމްސްގެ ނަތީޖާތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، މިހާރު ލިބޭ ނަތީޖާތަކަށްވުރެ ރަނގަޅު ކާމިޔާބީއެއް ހާސިލުކުރެވޭނީ ގްރޭޑް 1 އަކުން ފެށިގެން 12 އާ ހަމައަށް އުޅޭ ދަރިވަރުން އަމިއްލަ ކިޔެވުމަށް ޒިންމާ ނަގައި، ޝައުގުވެރިކަން އިތުރުކޮށްގެންނެވެ. އެއީ އޭގެ ސަބަބުން ކުދިންގެ ވިސްނުމާއި ފިލާވަޅު އުނގެނުމަށް ބޭނުންވާ އަމިއްލަ އުކުޅުތައް ތަރައްގީވުމަށް ބާރަކަށް ވާތީއެވެ.
މި ހަފްލާގައި އިނާމު ދެވުނު މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތަކީ ޖުމްލަ 5 ދަންފަޅިއަކަށް ބަހާލައިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ހަރަކާތެކެވެ.


