އެމެރިކާއިން އީރާނާ ދެކޮޅަށް ދެމުންދިޔަ ޢުދުވާނީ ހަމަލާތައް 13 ދުވަހަށްފަހު އަނެއްކާވެސް މެދުކަނޑައިލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަސްކަރިއްޔާއަށް އަމުރުކުރައްވާފައިވާ ކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޓްރަމްޕް މި ނިންމެވުން ނިންމެވީ އީރާންގެ ރައްދު ހަމަލާތައް ދިފާޢުކުރުމަށް ބޭނުންވާ ޕޭޓްރިޔަޓް މިސައިލާއި ހަތިޔާރުގެ ސްޓޮކް ހުސްވަމުންދާތީއެވެ. އީރާނުން ވަނީ ތެހްރާންގެ ހުއްދައާނުލައި ހުރްމުޒް ކަނޑުއޮޅިން އިތުރު މަގެއް ހުޅުވަން އެމެރިކާއިން މަސައްކަތްކުރާ ކަމަށް ބުނެ އެއީ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށް ބުނެފައެވެ. އަދި ދެ ޤައުމުގެ މެދުގައި ނުރަސްމީ މެސެޖުތައް ބަދަލުކުރެވުނު ނަމަވެސް، އިތުބާރު ނެތުމުގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
މި ހަމަނުޖެހުން އަލުން ފެށުނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އީރާނުގެ އައިއާރްޖީސީން ހަމަލާދޭ ކަމަށް ބުނެ އެމެރިކާއިން އީރާނުގެ ބަނދަރުތައް ޙިޞާރުކުރުމުންނެވެ. އެމެރިކާގެ ހަމަލާތައް މެދުކަނޑައިލި ނަމަވެސް، ޔަމަނުގެ ޙޫޘީ ޖަމާޢަތުން ހަނގުރާމައިގެ ތެރެއަށް ވަދެ، ބާބް އަލް-މަންދަބް ކަނޑުއޮޅި ބަންދުކޮށް، ސަޢޫދީ ޢަރަބިއްޔާގެ ބަނދަރުތައް ޙިޞާރުކޮށް ޓޭންކަރުތަކަށް ދޭންފެށި ހަމަލާތަކާއެކު މަސްރަޙު ވަނީ އިތުރަށް ހޫނުވެފައެވެ. މީގެ ރައްދުގައި ގުޅިފައިވާ ލަޝްކަރުން ޙޫޘީންގެ ސަރަޙައްދުތަކަށް ވައިގެ ހަމަލާތައް ދެމުންދާއިރު، ޙޫޘީންވެސް ދަނީ ސަޢޫދީގެ ތެލުގެ ސިނާއަތުގެ މަރުކަޒުތަކަށް ހަމަލާދެމުންނެވެ.


