ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފުކޮށްދެއްވި ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ ޙުސައިން ޢަފީފަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ.
މި ޢިއްޒަތް އެމަނިކުފާނަށް އަރުވާފައިވަނީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި އެންމެ އާދައިގެ ވަޒީފާތަކުން ފެށިގެން މެނޭޖްމަންޓް ފެންވަރުގައި މަސައްކަތް ކުރެއްވި އަފީފަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ފައުންޑިންގ މެންބަރެއްގެ އިތުރުން އެ އެސޯސިއޭޝަންގެ މިހާރުގެވެސް ޗެއަރމަންއެވެ. އަދި 2014 ގައި ގަސްފިނޮޅުގައި ދުނިޔޭގެ އެންމެ ފުރަތަމަ ސޯލާ ރިޒޯޓު ތަރައްޤީ ކުރެއްވީވެސް އެމަނިކުފާނެވެ.
ފަތުރުވެރިކަމުގެ އިތުރުން ޞިއްޙީ ދާއިރާއިން ޓްރީ ޓޮޕް ހޮސްޕިޓަލް ގާއިމުކުރެއްވުމާއި، އޭވިއޭޝަން ދާއިރާއިން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި، ބޭންކިންގ ދާއިރާއިން ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އުފެއްދެވުމުގައިވެސް އަފީފް ވަނީ ބޮޑު ދައުރެއް އަދާކުރައްވާފައެވެ.
މީގެއިތުރުން "ޢަލިފުޅު ތުއްތު ފައުންޑޭޝަން" މެދުވެރިކޮށް ތަޢުލީމީ ދާއިރާއަށާއި، ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރުން ފަދަ އިޖުތިމާޢީ ގިނަ މަޝްރޫޢުތަކެއް އެމަނިކުފާނު ވަނީ ހިންގަވާފައެވެ. ޢަފީފަށް ވަނީ މީގެ ކުރިން ޤައުމީ އިނާމުގެ އިތުރުން "ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިޔާ" ގެ ލަޤަބާއި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތްވެސް އަރުވާފައެވެ.


