ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނީ ސުލްހަވެރިކަމާއެކު ކަންކަން ހައްލުކުރަން ކަމަށާއި، އެކަމުގައި ރާއްޖެއިން އިސްނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރަހައްދީ އަމާންކަމަށްޓަކައި ސާކް އަލުން ހިންގަން ފަށައި ބައްދަލުވުންތައް ކުރިއަށްދިއުން މުހިންމު ކަމަށާއި، ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ ފަރާތްތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށްގެންދަން މީޑިއޭޓަރަކަށް ވާންވެސް ރާއްޖެ އޮތީ ތައްޔާރަށް ކަމަށެވެ.
އަދި ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކުރައްވައި، އިސްރާއީލު ފިޔަވައި ކުދިބޮޑު ހުރިހާ ގައުމަކާއެކު ރާއްޖެއިން ހާރިޖީ ގުޅުން ބާއްވާނެ ކަމަށް ވިދާޅުވިއެވެ.
އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް ނާދެވޭ ގޮތަށް ނިންމި ނިންމުން ފަޚުރުވެރިކަމާއެކު ދަމަހައްޓަވާނެ ކަމަށް ފާހަގަކުރައްވަމުން، ރައީސް ވަނީ އެމްޑީޕީގެ ވެރިކަމުގައި އޮތީ ޕްރޯ-އިސްރާއީލް ސިޔާސަތެއް ކަމަށް ތުހުމަތު ކުރައްވާފައެވެ. މީގެއިތުރުން، މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ އަރަބި އިސްލާމީ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުން ކަމަށާއި، އެއީ ދިވެހިންނަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނެސްދޭނެ ސިޔާސަތެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.


