ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު މޫސާއަށް އެރުވުން، ފޮޓޯ: ރައީސް އޮފީސް

މުޙައްމަދު މޫސާއަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވައިފި

ދިވެހިރާއްޖޭގެ އިޤުތިޞާދީ، ވިޔަފާރި އަދި އިޖުތިމާޢީ ދާއިރާތަކަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު މޫސާ (އުއްޗައް) އަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ.

މި ޢިއްޒަތް އެމަނިކުފާނަށް އަރުވާފައިވަނީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އިންޑިއާއިން ތަޢުލީމާއި ތަފާތު މަސައްކަތްތައް ދަސްކުރައްވައިގެން ރާއްޖެ ވަޑައިގަތުމަށްފަހު، މުޙައްމަދު މޫސާ ވަނީ ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރެއްވުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. އެގޮތުން 1996 ގައި "ތިމާވެށީގެ ފެހިފަތް" ހާސިލުކުރެއްވިއިރު، "ޗަމްޕާ ހޯލްސޭލް" އާއި ތުނބަށްފުށީގައި ދަނޑުވެރިކަމާއި އިންޑަސްޓްރިއަލް މަސައްކަތްތައް ދަނީ ހިންގަވަމުންނެވެ.

ވިޔަފާރީގެ އިތުރުން މުޙައްމަދު މޫސާއަކީ "ދި އެފްއެމް" އާއި "ދި ޓީވީ" ފަދަ ރާއްޖޭގެ ފުރަތަމަ އަމިއްލަ ބްރޯޑްކާސްޓިންގ ސްޓޭޝަންތަކުގެ ބާނީއެވެ. އަދި "ޢަލިފުޅު ތުއްތު ފައުންޑޭޝަން" މެދުވެރިކޮށް އިޖުތިމާޢީ އެކި މަޝްރޫޢުތަކަށް އެހީތެރިވެދެއްވުމުގެ އިތުރުން، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި، ޅ. މަޑިވަރު އެއަރޕޯޓް، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އަދި ޓްރީ ޓޮޕް ހޮސްޕިޓަލް ގާއިމުކުރުމުގައިވެސް އެމަނިކުފާނުގެ ބޮޑު ހިއްސާއެއްވެއެވެ.

2013 ގައި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އަރުވާފައިވާ މުޙައްމަދު މޫސާއަށް ވަނީ "ޓޫރިޒަމް ގޯލްޑް އެވޯޑް" އާއި ސާޓާގެ "ފޭސް އޮފް ސައުތު އޭޝިއާ ޓޫރިޒަމް އެވޯޑް" ވެސް ލިބިވަޑައިގެންފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ