ތާރީޚީ ފެށުމެއް: އައްޑޫ ގަން އެއާޕޯޓުން ސީދާ ސައުދީއަށް އުމްރާ ދަތުރުތައް ފެށުން، ފޮޓޯ: މޯލްޑިވިއަން

ތާރީޚީ ފެށުމެއް: އައްޑޫ ގަން އެއާޕޯޓުން ސީދާ ސައުދީއަށް އުމްރާ ދަތުރުތައް ފަށައިފި

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސައުދީ އަރަބިއްޔާއަށް އުމްރާ ދަތުރުތައް ފަށައިފިއެވެ. މިއީ ރާއްޖެއިން އުމްރާ އަދި ހައްޖަށް ދާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ފެށުނު ދަތުރުތަކެކެވެ.

ޤައުމީ އެއާލައިން މޯލްޑިވިއަންގެ އެއަރބަސް އޭ330 (ވައިޑް-ބޮޑީ) މަތިންދާބޯޓުގައި ފެށި މި ތާރީޚީ ފުރަތަމަ ފްލައިޓަކީ، އުމްރާ އެޖެންސީއެއް ކަމަށްވާ "ދަ ޓްރެވެލާ" އާއި މޯލްޑިވިއަން ގުޅިގެން ބޭއްވި ދަތުރެކެވެ. މި ފްލައިޓުން ކުޑަކުދިން ހިމެނޭހެން 260 އުމްރާވެރިން ސައުދީއަށް ފުރާފައިވާއިރު، މޯލްޑިވިއަންގެ ފަރާތުން ވަނީ އުމްރާވެރިންނަށް ޚާއްޞަ ހަދިޔާއެއް ވެސް ދީފައެވެ.

މޯލްޑިވިއަނުން މަޢުލޫމާތު ދިން ގޮތުގައި، ދެކުނުގެ ސަރަހައްދުން ސީދާ އުމްރާ ދަތުރުތައް ފެށުމަކީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ލުއިފަސޭހަކަމެކެވެ. އަދި މިއީ ފެށުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު ދަތުރުތައް ބާއްވާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ. ޤައުމީ އެއާލައިނުން އެންމެ ފުރަތަމަ އުމްރާ ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި 22 ގައެވެ. އަދި މިދިޔަ އަހަރުގެ ހައްޖާޖީން ސައުދީއަށް ގެންދިއުމުގައި ވެސް މޯލްޑިވިއަނުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މި ދަތުރާއެކު، މޯލްޑިވިއަނުން ދެކުނުގެ 4 އަތޮޅުގެ މެދުގައި ޤާއިމުކޮށްފައިވާ "ސައުތު ކަނެކްޓިވިޓީ ނެޓްވޯކް" ވިއުގަ މެދުވެރިކޮށް، ހުވަދު އަތޮޅާއި ފުވައްމުލަކުން އައްޑޫއަށް ދަތުރުކޮށް، އެތަނުން ސީދާ ސައުދީއަށް ދިއުމުގެ މަގު ދެކުނުގެ ރައްޔިތުންނަށް މިހާރު ވަނީ ފަހިވެފައެވެ. ފަހަކަށް އައިސް ރާއްޖެއިން އުމްރާއަށްދާ މީހުންގެ އަދަދު، ޚާއްޞަކޮށް ޒުވާނުންނާއި މުޅި އާއިލާ އެއްކޮށް ދާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ