ވެރިކަން ކުރާ ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގައި، ނ. ވެލިދޫ ދާއިރާގެ ރައީސް ކަމަށް ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު ނަވީޒް (ނަވީ) އިންތިޚާބުވެއްޖެއެވެ. އިއްޔެ ބޭއްވި މި އިންތިޚާބުގައި މި މަޤާމަށް ނަވީއާ ވާދަކޮށްފައިވަނީ ޖަނާޙް މުސްޠަފާއެވެ.
ޕީއެންސީން ބުނާ ގޮތުގައި މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ މަޤާމުތަކަށް އެންމެ ގިނަ މެންބަރުން އިންތިޚާބުކުރާ އިންތިޚާބެވެ. މި އިންތިޚާބު ނިމޭއިރު 2،500 އަށްވުރެ ގިނަ މަގާމަށް ބޭފުޅުން ހަމަޖެހިގެންދާނެއެވެ. މި އިންތިޚާބުގައި ދާއިރާތަކުގެ ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި، ނައިބުރައީސުންނާއި، އެކި މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރާނެކަމަށް ޕީއެންސީން ބުނެފައިވެއެވެ. އެގޮތުން ޕީއެންސީއަށް ނިސްބަތްވާ މެންބަރުން މަޖިލީހުގައި ނެތް ދާއިރާތަކަށް ރައީސުން އިންތިޚާބު ކުރިއެވެ. އަދި ޕީއެންސީ މެންބަރުން މަޖިލީހުގައި ތަމްސީލުކުރައްވާ ދާއިރާތަކަށް އިންތިޚާބު ކުރީ ދާއިރާތަކުގެ ނައިބު ރައީސުންނެވެ.
ނަވީއަކީ ކުޅިވަރުގެ ދާއިރާގައި، ޚާއްޞަކޮށް ވޯޓަރ ސްޕޯޓްސްގެ ދާއިރާގައި ޢަމަލީގޮތުން މަސައްކަތްކޮށް، އެ ދާއިރާއިން ފާހަގަކޮށްލެވޭ ހުނަރުވެރިއެކެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރުމުގެ އިތުރުން، ވޯޓަރ ސްޕޯޓްސްއާއި ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުން ބާރުވެރިކުރުވުމަށް އޭނާ ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ.
ނަވީއަކީ ސަރފިންގ އިންސްޓްރަކްޓަރެއްގެ ގޮތުގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބައިނަލްއަޤްވާމީ ފެންވަރުގެ ސަރފިންގ އިންސްޓްރަކްޓަރެކެވެ. މީގެއިތުރުން ސްވިމިންގ އިންސްޓްރަކްޓަރެއްގެ ގޮތުންނާއި، އޯޝަން ރެސްކިއު އަދި ލައިފްގާޑް އިންސްޓްރަކްޓަރ ޓްރެއިނަރެއްގެ ގޮތުގައިވެސް އޭނާ ހަރަކާތްތެރިވިއެވެ.
މީގެއިތުރުން، ކްލަބެއްގެ ރައީސްގެ ހައިސިއްޔަތުން ޒުވާނުންނާއި ކުޅިވަރު ޕްރޮގްރާމްތައް ކުރިއެރުވުމުގައި ރަށު ފެންވަރާއި ގައުމީ ފެންވަރުގައި ނަވީ ދަނީ މަސައްކަތް ކުރަމުންނެވެ. އިޖްތިމާޢީ ހަރަކާތްތަކާއި ފޮޓޯގްރަފީގެ ދާއިރާގައިވެސް އޭނާގެ ހުނަރުވެރިކަން ފާހަގަކުރެވެއެވެ.
2024 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވެލިދޫ ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރި ނަވީއަކީ، އެ ދާއިރާގެ ތަރައްޤީއަށް އަދުގެ ސަރުކާރާ ގުޅިގެން އަމިއްލަ ހައިސިއްޔަތުންވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޚިދުމަތްތެރިއެކެވެ. މަޖިލިސް އިންތިޚާބުގައި އޭނާއަށް ގޮނޑި ގެއްލުނީ ވަރަށް މަދު ވޯޓްކޮޅަކުންނެވެ.
ނަވީ މި މަޤާމަށް އިންތިޚާބުވުމާ ގުޅިގެން ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ޕާޓީގެ އިސްފަރާތްތަކުން ދަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ. ނަވީގެ ހުނަރާއި ތަޖުރިބާގެ އަލީގައި، ސަރުކާރުގެ ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމުގައި އޭނާ އިސްދައުރެއް އަދާކުރާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރެއެވެ.


