ފޮޓޯ: ރޮއިޓަރސް

’އެއާ ފޯސް ވަން' ގެ ސިއްރުތައް ލީކުވި މައްސަލަ: ނިއު ޔޯކް ޓައިމްސްގެ ނޫސްވެރިން ކޯޓަށް ހާޒިރުކުރަނީ

އެމެރިކާގެ ރައީސްގެ ވައިގެ ދަތުރުފަތުރަށް ޚާއްޞަކޮށްފައިވާ ރަސްމީ މަތިންދާބޯޓު 'އެއާ ފޯސް ވަން' ގެ ސަލާމަތީ ކަންކަމާ މެދު ސުވާލު އުފައްދައި ރިޕޯޓު ޝާއިޢުކުރި ނިއު ޔޯކް ޓައިމްސްގެ ނޫސްވެރިން، ފެޑެރަލް ގްރޭންޑް ޖޫރީއެއްގެ ކުރިމަތީގައި ހެކިބަސް ދިނުމަށް ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ.

ނިއު ޔޯކް ޓައިމްސުން ހާމަކުރި ގޮތުގައި، ފެޑެރަލް އެޖެންޓުން ބައެއް ނޫސްވެރިންގެ ގެތަކަށް ކޯޓު ޗިޓް ފޮނުވާފައިވަނީ ދައުލަތުގެ ސިއްރުތައް ލީކުވި ކަމަށް ބެލެވޭ މައްސަލައެއްގެ ތަޙުޤީޤަށެވެ. އެ ޗިޓުތަކުގައިވާ ގޮތުން ނޫސްވެރިން ކުރިއަށް އޮތް ބުދަ ދުވަހު މެންހަޓަންގައި ހުންނަ ގްރޭންޑް ޖޫރީއަށް ހާޒިރުވެ ހެކިބަސް ދޭން ނުވަތަ ހެކި ހުށަހަޅަން ޖެހެއެވެ.

އެ ނޫހުން ނަން ހާމަނުކުރާ މަސްދަރުތަކާ ޙަވާލާދީ ޝާއިޢުކުރި ރިޕޯޓުގައި ބުނެފައިވަނީ، ޤަޠަރުގެ ސަރުކާރުން ހަދިޔާކޮށްފައިވާ އާ އެއާ ފޯސް ވަން ބޯޓަކީ އެކަށީގެންވާ ވަރަށް ރައްކާތެރި ބޯޓެއް ނޫން ކަމަށެވެ. އަދި ތުރުކީވިލާތުގައި ބޭއްވި ނޭޓޯ ސަމިޓް ނިންމަވާލެއްވުމަށްފަހު ރައީސް ޑޮނަލްޑް ޓްރަމްޕް އެނބުރި ޤައުމަށް ވަޑައިގަތް މަގުމަތީގައި، ސަލާމަތީ ހަށިފާރަވެރިންގެ އިލްތިމާސަކަށް ބޯޓު ބަދަލުކުރައްވާފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ. ނޫހުން ބުނާ ގޮތުގައި ސަލާމަތީ އޮފިޝަލުން ކަންބޮޑުވަނީ އާ ބޯޓުގައި މިސައިލް ޙަމަލާތަކުން ދިފާޢުވުމަށް ބޭނުންވާ ޒަމާނީ ނިޒާމުތައް ނެތުމުންނެވެ.

މި މައްސަލައާ ގުޅިގެން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބީބީސީއަށް ބުނީ، ދަޢުލަތުގެ ސިއްރުތައް ލީކުވި މައްސަލަ ވަރަށް ސީރިއަސްކޮށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. އަދި މިއީ ނޫސްވެރިންގެ މިނިވަންކަމަށް ނުވަތަ އެފަރާތްތަކުން އަދާކުރާ ދައުރަށް ހުރަސްއެޅުމަށް ހިންގާ ތަޙުޤީޤެއް ކަމަށް ކުރެވޭ ތުހުމަތުތައް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.

މި ސުވާލުތަކާ ގުޅިގެން ރައީސް ޓްރަމްޕްވެސް ވަނީ ބޯޓާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ދޮގުކުރައްވާފައެވެ. އެމެރިކާ ސަރުކާރުން ބުނާ ގޮތުގައި 400 މިލިއަން ޑޮލަރުގެ މި މަތީފަންތީގެ މަތިންދާބޯޓަކީ ސަލާމަތީ އަދި މުއާސަލާތީ ގޮތުން އެންމެ ޒަމާނީ ވަޞީލަތްތަކާއެކު ރައީސްގެ ދަތުރުފަތުރަށް ޚާއްޞަކޮށް ރައްކާތެރިކޮށް ތައްޔާރުކޮށްފައިވާ ބޯޓެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ