ބަންގްލަދޭޝްއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެންދިއުމުގެ ޙާދިސާތަކެއް ހިނގުމާ ގުޅިގެން، އެ ޤައުމުގެ ބޮޑުވަޒީރު ޠާރިޤް ރަޙްމާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސް މި މެސެޖު ފޮނުއްވާފައިވަނީ އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ބަންގްލަދޭޝްގައި ހިނގި މި ހިތާމަވެރި ޙާދިސާގައި އެތައް ބައެއްގެ ފުރާނަ ގެއްލުނު ޚަބަރު އެއްސެވީ ފުން ހިތާމައަކާއެކު ކަމަށް ވިދާޅުވިއެވެ. އަދި ބޮޑުވަޒީރަށާއި ގެއްލުން ލިބުނު ޢާއިލާތަކަށް އިޚްލާޞްތެރި ހަމްދަރުދީ ފޮނުއްވައި، ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަތެވެ. ބަންގްލަދޭޝްއަކީ ރާއްޖޭގެ ގާތް، އަވައްޓެރި ޤައުމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ބަންގްލަދޭޝާ އެކުގައި ކަމަށެވެ.
ބަންގްލަދޭޝްއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ، މިހާތަނަށް 44 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ވިއްސާރައިގައި އެ ޤައުމުގެ ޗައްޓޮގްރާމް، ކޮކްސް ބާޒާރު، ބަންދޮރްބަން، ރަންގަމަޓީ، ހާގްރާޗޯރީ، މޮއުލޯބީބާޒާރު އަދި ހޯބީގޮންޖު ޑިސްޓްރިކްޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އެ ޤައުމުގެ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ގާތްގަނޑަކަށް 267,918 ގޭބިސީއަކަށް ފެންވަދެ، މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ޙާލުގައި ޖެހި، ގެދޮރުގައި ތާށިވެފައެވެ. ގޭގެއަށް ފެންވަދެ ބަދިގެތައް ހަލާކުވުމުގެ ސަބަބުން ކައްކައި ކެއުމުގެ ފުރުޞަތު ބަންދުވެފައިވާއިރު، ކަރަންޓު ކެނޑުމުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ލަސްތަކެއް ކުރިމަތިވެ، ޢާންމުން ދަނީ ނުހަނު ދަތި ޙާލަތެއް ތަހައްމަލު ކުރަމުންނެވެ.


