މާފަންނުގައި ހިންގަމުންދިޔަ ޑްރަގް ކެފޭއެއް ބަންދުކޮށްފި

މާލެ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، މ. ލޭންޑްއޮފްގާރޑްންގެ ބައެއް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރުގެ ދަށުން އެ ތަން ބަންދުކޮށްފައިވަނީ 13 ޖުލައި 2026 އިން ފެށިގެން 11 އޮކްޓޫބަރު 2026 ގެ ނިޔަލަށެވެ.

މިއީ މާލެ ސިޓީގައި މަސްތުވާތަކެތީގެ ޚިދުމަތްދޭ ތަންތަން ބަންދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ ޚާއްސަ މަސައްކަތުގެ ތެރެއިން ބަންދުކުރެވުނު 6 ވަނަ ތަނެވެ.

މިއަހަރުގެ މެއި މަހުން ފެށިގެން މިހާތަނަށް މާލޭގެ 5 ތަނެއް ވަނީ 3 މަސްދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައެވެ. އެ ތަންތަނަކީ:

ހ. ގުންޒަރު: 6 މެއި 2026 އިން 3 އޮގަސްޓު 2026 އަށް
މ. ތަރިވިލާގެ: 22 މެއި 2026 އިން 22 އޮގަސްޓު 2026 އަށް
މ. އަމީރާމަންޒިލްގެ ބައެއް: 1 ޖޫން 2026 އިން 1 ސެޕްޓެންބަރު 2026 އަށް
މއ. ސެވަން އެންޑް ހައުސް: 11 ޖޫން 2026 އިން 9 ސެޕްޓެންބަރު 2026 އަށް
ހ. ކަނޑުފިނިގެ (ފުރަތަމަ ފަންގިފިލާގެ އެއް ކޮޓަރި): 25 ޖޫން 2026 އިން 24 ސެޕްޓެންބަރު 2026 އަށް

ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ. ފުލުހުން ވިދާޅުވީ މިފަދަ ތަންތަނަށް ހުއްދަނެތި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، މިފަދަ ތަންތަން ހޯދައި ބަންދުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ