ރާއްޖޭގެ ލޯކަލް ޓޫރިޒަމް ދާއިރާގައި ހަލުވިކަމާއެކު ކުރިއަރަމުންދާ ގެސްޓްހައުސްތަކާއި ޚިދުމަތްތެރިންގެ އަގުވަޒަންކުރުމަށްޓަކައި މުޅިން އަލަށް ތައާރަފުކުރި "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026″ އަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ރަސްމީކޮށް ހުޅުވާލައިފިއެވެ. މި އެވޯޑަށް ގެސްޓްހައުސްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ބޭފުޅުންނާއި ރަށު ކައުންސިލްތަކަށް ވެސް ކުރިމަތިލެވޭނެއެވެ.
އެމްއައިބީން ހާމަކުރި ގޮތުގައި މި އެވޯޑުގެ މައިގަނޑު މަޤްސަދަކީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި، ދިވެހިވަންތަ ސަގާފަތް ދެމެހެއްޓުމާއި، އަދި މުޖުތަމަޢަށް ފައިދާހުރި މަސައްކަތްތައް ކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމެވެ. މި އެވޯޑުތަކުގެ މިނިވަން އިވެލުއޭޝަން ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ކްރޯ މޯލްޑިވްސް އެޑްވައިޒަރީއެވެ. މި ޕްރޮގްރާމްގެ ދަށުން 3 ދާއިރާއަކުން ޖުމްލަ 12 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ގެސްޓްހައުސްތަކަށް ޚާއްސަ 8 އެވޯޑަކާއި، ފަރުދުންނަށް ދޭ 3 އެވޯޑެއްގެ އިތުރުން ލޯކަލް ޓޫރިޒަމް ކުރިއަރުވާ ރަށަކަށްދޭ "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް އެވޯޑް" ހިމެނެއެވެ.
އިންސާފުވެރި މުބާރާތަކަށް ހެދުމަށްޓަކައި ގެސްޓްހައުސްތައް ވަނީ ކޮޓަރީގެ އަދަދަށް ބަލައި ދެ ގްރޫޕަކަށް ބަހާލާފައެވެ. އެއީ 3 އާއި 10 ކޮޓަރިއާ ދެމެދުގެ ޓިއާ 1 އަދި 11 ކޮޓަރިން ފެށިގެން މަތީގެ ޓިއާ 2 އެވެ.
މި އެވޯޑަށް ކުރިމަތިލާ ފަރާތްތަކުން އެމްއައިބީގެ ޚާއްސަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެއެވެ. ފޯމާއެކު ގެސްޓުންގެ ރިވިއުތަކާއި، ފޮޓޯ، ވީޑިއޯ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ލިޔެކިޔުންތައް ހުށަހަޅަންޖެހޭއިރު، އެވޯޑާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އެވޯޑު ދިނުމުގެ ރަސްމީ ޖަލްސާ ބާއްވާނެ ތާރީޚެއް އެމްއައިބީން ފަހުން އިޢުލާނުކުރާނެއެވެ.


