ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) ބޭނުންކޮށްގެން ވިޔަފާރިތައް ތަރައްޤީ ކުރުމާ ގުޅޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް މޯލްޑިވްސް ބިޒްނަސް ޗޭމްބަރއިން ކުރިއަށް ގެންގޮސްފިއެވެ. މިއީ ވިޔަފާރިތަކުގެ ހިންގުންތެރިކަން އިތުރަށް ތަރައްޤީ ކުރުމަށް އެ ޖަމްޢިއްޔާއިން ފެށި ސިލްސިލާ ޕްރޮގްރާމުގެ ތެރެއިން ބޭއްވި ފުރަތަމަ ސެޝަނެވެ.
މޯލްޑިވްސް ބިޒްނަސް ޗޭމްބަރގެ ރައީސް އަޙްމަދު އަމްޖަދު ވިދާޅުވި ގޮތުގައި، މާލެއާއި އަތޮޅުތަކުގެ އެކި ކުންފުނިތަކުން 30 އާއި 40 އާ ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވި މި ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބުނެވެ. އައިޓީ އަދި އޭއައި ދާއިރާގެ ތަޖުރިބާކާރު އިންސްޓްރަކްޓަރަކު ކިޔަވައިދެއްވި މި ތަމްރީނުގެ މައިގަނޑު ބޭނުމަކީ މަދު މުވައްޒަފުން ބޭނުންކޮށްގެން، ހަލުވިކަމާއި އެފިޝިއަންޓްކޮށް ވިޔަފާރީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ.

އޭއައި ބޭނުންކުރުމުން ވިޔަފާރިތަކަށް ލިބޭނެ ފައިސާހުރި ބައެއް ފައިދާތައް:
-
ވިޔަފާރީގެ ހިންގުން އިތުރަށް ހަރުދަނާވެ، ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވުން.
-
ލިޔެކިޔުންތަކާއި ޑޮކިއުމެންޓްސްތައް އަވަހަށް ތައްޔާރުކޮށް ނިންމާލެވުން.
-
ބައިނަލްއަޤުވާމީ މާކެޓަށް ވާސިލުވުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދިއުން.
-
އިދާރީ ހިންގުމާއި އެހެނިހެން މަސައްކަތްތައް އަވަސް މަގަކުން ކުރިއަށް ގެންދަން ދަސްވުން.
މޯލްޑިވްސް ބިޒްނަސް ޗޭމްބަރަކީ ވިޔަފާރި ދާއިރާގެ ތަޖުރިބާކާރުން އިސްނަގައިގެން މިދިޔަ ޑިސެމްބަރު މަހު ރަޖިސްޓްރީ ކުރި ޖަމްޢިއްޔާއެކެވެ. މިހާތަނަށް 100 އެއްހާ ކުންފުނިން ބައިވެރިވެފައިވާ މި ޖަމްޢިއްޔާއިން ރާވާފައިވަނީ ކުރިއަށް އޮތްތަނުގައި މާލޭގެ އިތުރުން ރަށްރަށުގެ ކުންފުނިތަކަށް ވެސް އަމާޒުކޮށްގެން މިފަދަ ތަމްރީނުތައް ދާއިމީ ގޮތެއްގައި ކުރިއަށް ގެންދިއުމަށެވެ. އެ ޖަމްޢިއްޔާގެ ވެބްސައިޓް މެދުވެރިކޮށް މެންބަރަކަށްވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.


