މެންބަރު އިބްރާހީމް ޙުސައިން،. ފޯޓޯ: މަޖިލިސް

ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ބަދަލުކުރުމަކީ ”ޔޫޓާރން“ ނެގުމެއް ނޫން: މެންބަރު އިބްރާހީމް ޙުސެއިން

ސަރުކާރަކުން ރައްޔިތުން ބޭނުންނުވާ ގޮތަށް ކަމެއް ކުރެވިގެން އެކަން ބަދަލުކުރުމަކީ ”ޔޫޓާރން“ ނެގުމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ޙުސެއިން ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ސިޔާސަތުތަކުގައި ހަރުދަނާކަމެއް ނެތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުން، ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމުގައި މެމްބަރު ވިދާޅުވީ، ރައްޔިތުން ބޭނުންނުވާގޮތަށް ކަމެއް ކުރެވިގެން އެކަން އަނބުރާ ގެނައުމަކީ މި ސަރުކާރުން ރައްޔިތުންގެ އަޑުއަހާކަމުގެ ހެކި ކަމަށެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީއާ ގުޅޭގޮތުން މެމްބަރު ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ކުރިން ސިނގިރޭޓުގެ ޑިއުޓީ 8 ރުފިޔާއަށް ބޮޑުކުރެއްވީ ރައްޔިތުންގެ ސިއްހަތަށް ވިސްނަވައި ރަނގަޅު ނިޔަތެއްގައި ކަމަށެވެ. ނަމަވެސް، ރައްޔިތުން އެކަން ބަލައިނުގެން ސިނގިރޭޓުގެ އަގުހެޔޮކުރަން ބޭނުންވުމުން، ރައީސް ވަނީ ރައްޔިތުންގެ އެދުމަށް އިޖާބަދެއްވައި އަގު ހެޔޮކޮށްދެއްވާފައެވެ. މެމްބަރު ފާހަގަކުރެއްވި ގޮތުގައި އޭނާގެ ދާއިރާގެ ޒުވާނުންވެސް އެންމެ ގިނައިން އެދިފައިވަނީ ޑިއުޓީ ކުޑަކުރުމަށެވެ.

”ރައްޔިތުން މިއަދު ބޭނުމެއް ނުވެއޭ ސިނގިރޭޓު އަގުބޮޑުކުރާކަށް, ރައްޔިތުން ބޭނުންވަނީ ސިނގިރޭޓު އަގުހެޔޮކުރަން،“ މެމްބަރު އިބްރާހިމް ހުސެއިން ވިދާޅުވިއެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަކުރަން މަޖިލީހުން ފާސްކުރި އިސްލާހަށް ޖުލައި 2 އިން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ. ސަރުކާރުން ބުނިގޮތުގައި 2024 ގެ ފަހުކޮޅު ޑިއުޓީ ބޮޑުކުރުމުން ވަގަށް ސިނގިރޭޓު އެތެރެކުރުން އިތުރުވުމާ ގުޅިގެން މި ބަދަލު ގެނައީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފާގެ މަތިންނެވެ. މީގެ އިތުރުން ދުންފަތާ ދުރުވުމަށް ބޭނުންކުރާ ނިކޮޓިން ޗުއިންގަމާއި ޕެޗު ފަދަ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީ މި އިސްލާހުގެ ދަށުން ވަނީ މައާފުކޮށްފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސިނގިރޭޓު ޑިއުޓީ ބޮޑުކުރި ފަހުން އެތެރެކުރި މިންވަރު 21 އިންސައްތަ ދަށްވި ނަމަވެސް، އަގު ކުޑަކުރުމާއެކު މި އަހަރުގެ ބާކީ އޮތް މުއްދަތުގައި ސިނގިރޭޓު އެތެރެކުރާ މިންވަރު 50 އިންސައްތަ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، މި ފިޔަވަޅުގެ ސަބަބުން ދައުލަތަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކުރި އަދަދަށް ވުރެ 21 މިލިއަން ރުފިޔާ މަދުވާނެ ކަމަށް ވެސް އަންދާޒާކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ