އީރާނުގެ އިރުދެކުނު އައްސޭރިފަށުގެ ހަރްމުޛްޖާން ޕްރޮވިންސްގައި ހުރި ފެން އުފައްދާ ކާރުޚާނާއަކަށް އެމެރިކާއިން ދިން ޙަމަލާއަކާ ގުޅިގެން، އެ ސަރަޙައްދުގެ ގާތްގަނޑަކަށް 10,000 މީހުން ބޯފެނަށް ޖެހިފައިވާ ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ތަސްނީމް ނޫހުން އެ ކާރުޚާނާގެ ސީއީއޯއާ ޙަވާލާދީ ބުނެފައިވާ ގޮތުގައި، މި ޙަމަލާގެ ސަބަބުން 20 އަވަށެއްގެ ރައްޔިތުންނަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ މުޅީން ހުއްޓުމަކަށް އައިސްފައެވެ.
މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ފާއިތުވި ދުވަސްތަކުގައި އެމެރިކާއާއި އީރާނާ ދެމެދު ދަނީ ވަރުގަދައަށް ޙަމަލާތައް ބަދަލުކުރަމުންނެވެ. އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ މަދަނީ ބިނާތަކާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ޙަމަލާތަކެއް ދީފައިވާއިރު، އީރާނުން ވެސް ވަނީ އޭގެ ރައްދުގައި އެއް ދުވަހެއްގެ ތެރޭގައި ހަ ޢަރަބި ޤައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.
މި ކުރިމަތިލުންތައް އަނެއްކާވެސް ގޯސްވެފައި މިވަނީ، ދާއިމީ ސުލްޙަ ޤާއިމުކުރުމަށްޓަކައި ޕާކިސްތާނު މެދުވެރިވެގެން މިދިޔަ ޖޫން މަހު ސޮއިކުރި ޙަމަލާތައް މެދުކަނޑައިލުމުގެ އިބްތިދާޢީ އެއްބަސްވުމަށް ޢަމަލުކުރަމުން ދަނިކޮށްކަން ފާހަގަކޮށްލެވެއެވެ.


