ކެނެޑާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ދުން އެމެރިކާއަށް ފެތުރެމުންދާ މައްސަލާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކެނެޑާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ ޤައުމުގެ މުދަލުން ނަގާ ޓެރިފް (އިމްޕޯޓް ޑިއުޓީ) އިތުރަށް ބޮޑުކުރައްވާނެ ކަމުގެ އިންޒާރު ދެއްވައިފިއެވެ. ކެނެޑާގެ ސަތޭކައަށްވުރެ ގިނަ ޖަންގަލީގައި ރޯވެފައިވާ އަލިފާނުގެ ބޯ ދުމުގެ އަސަރު އެމެރިކާގެ މިޑްވެސްޓުން ފެށިގެން ނޯތުއީސްޓާ ހަމައަށް ކޮށްފައިވާއިރު، އާންމުން ގޭގައި ތިބުމަށް މިހާރު ވަނީ އަންގާފައެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، ކެނެޑާއިން އެ ޤައުމުގެ ޖަންގަލިތައް އެކަށީގެންވާ ގޮތެއްގައި ނުބެލެއްޓުމަކީ އިހުމާލުވުމެކެވެ. އަދި އޭގެ ސަބަބުން އެމެރިކާއަށް ނުސާފު، ވިހަ ވައި ފެތުރި، ބިލިއަނުން ޑޮލަރުގެ ގެއްލުންވަމުންދާތީ، އެ ޚަރަދުތައް ކެނެޑާއިން މިހާރުވެސް ދައްކަމުންދާ ޓެރިފްގެ ތެރެއަށް އިތުރުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. 2025 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވެސް ޓްރަމްޕް ވަނީ ކެނެޑާގެ މުދަލުން ޓެރިފް ނަގަން ފައްޓަވާފައެވެ.
މި މައްސަލައާ ގުޅިގެން ކެނެޑާއިން ދީފައިވާ ރައްދުތައް:
-
އެލެނޯ އޮލްޒެވްސްކީ (ކެނެޑާގެ އިމަޖެންސީ މިނިސްޓަރު): 2020 އިން ފެށިގެން ޖަންގަލިތައް ބެލެހެއްޓުމަށާއި އަލިފާނުން ރައްކާތެރިވުމަށް 12 ބިލިއަން ކެނެޑާ ޑޮލަރު (8.56 ބިލިއަން އެމެރިކާ ޑޮލަރު) އިންވެސްޓްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އަލިފާން ނިއްވުމުގައި ދެ ޤައުމުގެ މެދުގައި އޮތް ދިގު ތާރީޚީ ގުޅުން ފާހަގަކުރެއްވިއެވެ.
-
މާކް ކާނީ (ކެނެޑާގެ ބޮޑުވަޒީރު): ދުނިޔޭގެ ފިނިހޫނުމިން މަތިވެ، ހަނަފަސްކަން އިތުރުވަމުންދާ މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި އެމެރިކާއަށް މިއަށްވުރެ ބޮޑަށް ކަންކަން ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
-
ޑަގް ފޯޑް (އޮންޓޭރިއޯގެ ޕްރެމިއާ): އަލިފާން ނިއްވުމުގެ ކެމްޕޭނަށް ފާޑުކިޔާ އެމެރިކާގެ ސިޔާސީ ބޭފުޅުންނަށް ރައްދުދެއްވައި، އަލިފާން ނިއްވުމަށް އިތުރު 11 މަތިންދާބޯޓު ގަންނަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
މި އަހަރު ކެނެޑާގެ އޮންޓޭރިއޯ ޕްރޮވިންސްގެ އެކި ހިސާބުތަކުން 650,000 އޭކަރުގެ ބިން އަނދާފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. ޚާއްޞަކޮށް އޮންޓޭރިއޯގެ "ނަމަޔގޫސިސާގަގުން" އަވަށުގެ ބޮޑުބައެއް އަނދައި އަޅިއަށް ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާގައި ވެސް މި އަހަރު އަލިފާނުގެ ހާދިސާތައް އިތުރުވެ، 3.7 މިލިއަން އޭކަރުގެ ބިން ވަނީ އަނދާފައެވެ. ޓްރަމްޕާއި ކާނީ އަންނަ އާދިއްތަ ދުވަހު ނިއު ޖަރސީގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފައިނަލް މެޗުގެ ތެރެއިން ބައްދަލުވާނެ ކަމަށް ލަފާކުރެވެއެވެ.


