ޕްރިޔަންކާ ޗޯޕްރާ އޭނާގެ 44 ވަނަ އުފަންދުވަސް ފާހަގަކުރަމުންދަނީ ހަމައެކަނި ދުނިޔޭގެ ފެންވަރުގެ މަގުބޫލުކަމާއެކީގައެއް ނޫނެވެ. ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކުން ފެށިގެން ހޮލީވުޑްގެ އުފެއްދުންތަކާއި، އަގުބޮޑު ބްރޭންޑްތަކުގެ އިޝްތިހާރުތަކާއި، ކާމިޔާބު ވިޔަފާރިތަކާއި އަދި އަގުބޮޑު މުދަލާއެކު، މި ބަތަލާ ވަނީ ގާތްގަނޑަކަށް 650 ކްރޯޑް ރުޕީސްއަށްވުރެ ގިނަ މިލްކިއްޔާތެއް ބިނާކޮށްފައެވެ. މިއާއެކު އޭނާ ވެފައިވަނީ އިންޑިއާގެ އެންމެ މުއްސަނދި ފަންނާނުންގެ ތެރެއިން އެކަކަށެވެ.
18 ޖުލައި 1982 ގައި ޖަމްޝެދުޕޫރަށް އުފަންވި ޕްރިޔަންކާ، ބައިނަލްއަގުވާމީ ސަމާލުކަމަށް ފުރަތަމަ އައީ އުމުރުން 18 އަހަރުގައި 2000 ވަނަ އަހަރުގެ މިސް ވޯލްޑް ތާޖު ކާމިޔާބު ކުރުމާ ގުޅިގެންނެވެ. އެކްޓް ކުރުމަކީ އޭނާގެ އަސްލު ރޭވުމުގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވި ނަމަވެސް، މާގިނަ ދުވަސްތަކެއް ނުވެ އޭނާ ވެގެންދިޔައީ އިންޑިއާ ސިނަމާގެ އެންމެ ބޮޑު އެއް ތަރިއަށެވެ. އަދި އޭގެ ފަހުން ކާމިޔާބުކަމާއެކު ހޮލީވުޑަށްވެސް ފައިތިލަ ސާބިތުކުރިއެވެ.
އޭނާގެ އެކްޓިން ކެރިއަރު ފެށުނީ 2002 ވަނަ އަހަރުގެ ތަމަޅަ ފިލްމު "ތަމީލަން" އިންނެވެ. އޭގެ ފަހުން ބޮލީވުޑަށް ތައާރަފްވީ "ދަ ހީރޯ: ލަވް ސްޓޯރީ އޮފް އޭ ސްޕައި" އިންނެވެ. ވޭތުވެދިޔަ ދެ ދަހަރުގެ ތެރޭގައި އޭނާ ވަނީ "ފެޝަން"، "ބަރްފީ!"، "މޭރީ ކޮމް"، "އައިތުރާޒް"، "ބާޖީރާއޯ މަސްތާނީ" އަދި "ދަ ސްކައި އިޒް ޕިންކް" ފަދަ ފިލްމުތަކުން ފާހަގަކޮށްލެވޭ މޮޅު ހުނަރުތަކެއް ދައްކާފައެވެ.
ޕްރިޔަންކާ ފަހުން ވަނީ އޭނާގެ ކެރިއަރު ބައިނަލްއަގުވާމީ ގޮތުން ފުޅާކޮށްފައެވެ. އެގޮތުން 2012 ވަނަ އަހަރު އެމެރިކާގައި މިއުޒިކް ކެރިއަރު ފެށުމަށްފަހު، އޭބީސީގެ މަގުބޫލު ޓީވީ ސިލްސިލާ "ކުއަންޓިކޯ" ގެ މައި ރޯލު ކާމިޔާބުކުރިއެވެ. އޭގެ ފަހުން އޭނާ ވަނީ ހޮލީވުޑްގެ ބޮޑެތި އުފެއްދުންތައް ކަމަށްވާ "ބޭވޮޗް"، "ދަ މެޓްރިކްސް ރެޒަރެކްޝަންސް"، "ލަވް އެގެއިން"، "ވީ ކޭން ބީ ހީރޯސް" އަދި "ހެޑްސް އޮފް ސްޓޭޓް" އިން ފެނިފައެވެ. މީގެ އިތުރުން، އެސް.އެސް ރާޖަމޯލީގެ ވަރަށް ބޮޑަށް އިންތިޒާރު ކުރެވޭ، މަހޭޝް ބާބޫ އަދި ޕްރިތުވީރާޖް ސުކުމާރަން ފެނިގެންދާ ފިލްމުން އޭނާ އަލުން އިންޑިއާ ސިނަމާއަށް އެނބުރި އައުމަށް ވަނީ ހަމަޖެހިފައެވެ.
އެކްޓް ކުރުމަކީ އޭނާގެ މުއްސަނދިކަމުގެ އެއްބައި އެކަންޏެވެ. ޕްރިޔަންކާ ވަނީ 2016 ވަނަ އަހަރު "ޕާޕަލް ޕެބްލް ޕިކްޗާސް" އުފައްދައި، އިންޑިއާގެ އެކި ބަސްބަހުން ފިލްމު އުފައްދަން ފަށާފައެވެ. 2021 ވަނަ އަހަރު އޭނާ ތައާރަފްކުރި "އެނޯމަލީ" ނަމަކަށް ކިޔާ އިސްތަށިގަނޑަށް ފަރުވާދޭ ބްރޭންޑަކީ ވަރަށް އަވަހަށް މަގުބޫލުކަން ހޯދި ބްރޭންޑެކެވެ. މި ބްރޭންޑް ފަހުން އިންޑިއާގެ ބޮޑު ކުންފުންޏަކުން ގަނެފައިވީ ނަމަވެސް، އޭނާ އަދިވެސް ދަނީ އެތަނުގެ ކްރިއޭޓިވް ޑައިރެކްޓަރުގެ މަގާމު އަދާކުރަމުންނެވެ.
މި ބަތަލާ ވަނީ މުނިފޫހިފިލުވުމުގެ ދާއިރާގެ ބޭރުންވެސް ބައެއް އިންވެސްޓްމަންޓްތައް ކޮށްފައެވެ. އެގޮތުން 2018 ވަނަ އަހަރު ޑޭޓިންގ ޕްލެޓްފޯމް "ބަމްބަލް" އަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ނިއުޔޯކްގައި ހުންނަ "ސޯނާ" ރެސްޓޯރަންޓްގެ ކޯ-ފައުންޑަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރިއެވެ.
އަގުބޮޑު ބްރޭންޑްތަކުގެ އިޝްތިހާރުތަކުންވެސް އޭނާގެ އާމްދަނީ ވަނީ އިތުރުވެފައެވެ. ޕްރިޔަންކާ އަކީ އިޓަލީގެ ގަހަނާ އުފައްދާ ކުންފުނި "ބަލްގަރީ" ގެ ގްލޯބަލް އެމްބަސެޑަރެވެ. އަދި 2026 ވަނަ އަހަރު އޭނާ ވެގެންދާނީ ސްވިޒަލޭންޑްގެ އަގުބޮޑު ގަޑި އުފައްދާ ކުންފުނި "ރޯލެކްސް" ގެ ގްލޯބަލް އެމްބަސެޑަރަށެވެ. މީގެ އިތުރުން އޭނާ ވަނީ "ބެންޓްލީ" ގެ ގްލޯބަލް އެމްބަސެޑަރެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ.
އޭނާގެ މިލްކިއްޔާތުގައި ހުރި އިމާރާތްތަކާއި ގޯތިގެދޮރުވެސް އެހާމެ ފުރިހަމައެވެ. 2019 ވަނަ އަހަރު ޕްރިޔަންކާ އާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސް ވަނީ ކެލިފޯނިއާ އިން ގާތްގަނޑަކަށް 20 މިލިއަން ޑޮލަރުގެ ބޮޑު ގަނޑުވަރެއް ގަނެފައެވެ. 20,000 އަކަފޫޓުގެ މި ގޯތީގައި ހަތް ކޮޓަރި، 11 ފާޚާނާ އަދި ފަތާ ފެންގަނޑެއް ހިމެނޭ ކަމަށްވެއެވެ. މީގެ އިތުރުން މުމްބާއީގައިވެސް އޭނާގެ ގިނަ މުދާތަކެއް ހުރެއެވެ.
ޕްރިޔަންކާގެ އަގުބޮޑު ދިރިއުޅުން އޭނާގެ ކާރުތަކާއި ހެދުންތަކުންވެސް ފެނެއެވެ. އޭނާގެ ކާރު ކަލެކްޝަންގައި ގާތްގަނޑަކަށް 5.25 ކްރޯޑް ރުޕީސްގެ "ރޯލްސް ރޮއިސް ގޯސްޓް" އެއް، ނިކް ޖޯނަސް ހަދިޔާކުރި "މާސިޑީޒް-މޭބެކް S650″ އެއް، 1960 ގެ "ފޯޑް ތަންޑަބާޑް" އެއް އަދި "ޝެވްރޮލޭ ސަބާބަން" އެއް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އޭނާ އަކީ ގިނައިން "ހާމްސް"، "ޑިއޯ"، "ވެލެންޓީނޯ"، "ބަލްމޭން" އަދި "ބަލްގަރީ" ފަދަ މަޝްހޫރު ބްރޭންޑްތަކުގެ ސާމާނު ބޭނުންކުރާ މީހެކެވެ.ރީތީގެ ރާނީއެއްގެ މަގާމުން ފެށިގެން ދުނިޔޭގެ ފެންވަރުގެ ސުޕަރސްޓާރަކަށް ވުމާ ހަމައަށް، ޕްރިޔަންކާ ޗޯޕްރާ ވަނީ ފިލްމީ ދާއިރާއާއި، ވިޔަފާރިއާއި އަދި ލަގްޒަރީ ބްރޭންޑްތަކާއެކު އުފައްދާފައިވާ ގުޅުންތަކުގެ އެހީގައި 650 ކްރޯޑް ރުޕީސްގެ ބޮޑު އެމްޕަޔަރެއް ބިނާކޮށްފައެވެ. އަދި މި ކާމިޔާބީ ދަނީ ދުވަހުން ދުވަހަށް ކުރިއަރަމުންނެވެ.


