ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބީއެމްއެލް ހެޑްއޮފީސް ކުރިމަތީގައި އަލަށް ހެދި 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނު ސަރަހައްދުގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ފައްޓަވައިދެއްވި މި ހަރަކާތުގައި ކެބިނެޓް ވަޒީރުންނާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީގެ އިތުރުން ސަރުކާރުގެ އިސްބޭފުޅުންނާއި ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ. ފެހި އަދި ދެމެހެއްޓެނިވި މާހައުލެއް ޤާއިމުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގެ ދަށުން އެ ސަރަހައްދުގައި ތަފާތު ގަސްގަހާގެއްސާއި ދިވެހި ރުއް ވަނީ އިންދާފައެވެ.

މި ހަރަކާތަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ އެމްޑީ އަޙްމަދު ސައުދީ ވިދާޅުވީ، މަގު ހެދުމުގެ މަސައްކަތުގައި އެ ކުންފުނީގެ 200 އަށްވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވި ކަމަށެވެ. އަދި ރިންގް ރޯޑު ތަރައްޤީކޮށް މަގު ފުޅާކުރުމުން މާލޭގެ ޓްރެފިކް ކޮންޖެޝަން ކުޑަވެ، ބަހުގެ ޚިދުމަތަށާއި ޓެކްސީ ދަތުރުތަކަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ 700 މީޓަރުގެ ސަރަޙައްދުގައި ތާރުއަޅައި ނިމިފައިވާއިރު، މި ސަރަހައްދު ނިމުމުން ދެން އޮތް މަރުޙަލާގައި އެމްޕީއެލް ސަރަހައްދުން ފެށިގެން ރަސްފަންނާ ހަމައަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.


