ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި، ހަމާސްއިން އިޒުރޭލަށް ފޮނުވާލި މިސައިލުތަކާ ގުޅިގެން އަނިޔާވެރި އިޒުރޭލުގެ ދައުލަތުން ހިންގަން ފެށި ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް، ޚާއްޞަކޮށް ޣައްޒާގެ ރައްޔިތުންނަށް މިވަނީ ހިތްދަތި ދުވަަސްތަކެއް ކުރިމަތިލާންޖެހިފައެވެ. މިހިނގާ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހިނގަމުންދާ ފަލަސްތީނު އިސްރާއީލު ހަނގުރާމައިގައި ޣައްޒާއިން މިހާތަނަށް ފަލަސްޠީނުގެ 4137 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެއެވެ.
ރަޙްމެއް އިންސާނިއްޔަތު ކަމެއް ނެތް ޒައިނިސްޓް ޔަހޫދީންގެ ވިހަގަދަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި، މީގެތެރޭގައި 1524 ކުޑަކުދިންނާއި 1000 އަންހެނުންނާއި 11 ނޫސްވެރިން ހިމެނޭ ކަމަށާއި، އަދި ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 13،000 އަށް އަރާފައިވާ ކަމަށާއި، މީގެތެރޭގައި 2000 ކުޑަކުދިންނާއި 1400 އަންހެނުން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހަމައެހެންމެ ހައްދުފަހަަނަ އަޅާފައިވާ ލާއިންސާނީ އިސްރާއީލުގެ ޔަހޫދީން ހުޅަނގު އައްސޭރިއަށް ދެމުންދާ ހަމަލާތަކުގައި 81 މީހަކު ޝަހީދުވެފައިވާއިރު 1300 މީހުން ޒަޚަމްވެފައިވެއެވެ. އަދި 860 އަށް ވުރެ ގިނަ މީހުން އިސްރާއީލުން ހައްޔަރުކޮށްފައިވެއެވެ.
ފަލަސްތީނުން އިސްރާއީލަށް ދެމުންދާ ހަމަލާތަކުގައި 1403 މީހުން މަރުވެފައިވާއިރު، 4629 މީހުން ޒަޚްމުވެފައިވެއެވެ. ހަމާސްއިން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ އިސްރާއީލުގެ 203 މީހުންނެވެ.
ފަލަސްޠީނުގެ ޣައްޒާގެ އާބާދީއަކީ 2.3 މިލިއަން ކަމަށްވާއިރު، މީގެތެރެއިން 1.7 މިލިއަން މީހުން ދިރިއުޅެމުންދަނީ ރެފިއުޖީންގެ ގޮތުގައެވެ. އެބައިމީހުން އުޅެން މަޖުބޫރުވެފައިވަނީ ދަތި ޙާލުގައި ރެފިޔުޖީ ކޭމްޕްތަކުގައެވެ.
މިހަނގުރާމަ ފެށިގެން އައިއިރުވެސް އަދި މީގެ އެތަކެއް ޒަމާންތަކެއް ކުރިންވެސް، ފަލަސްޠީނުގެ މުޖާހިދުން ކުރަމުންދާ ޖިހާދާ މެދު ހުޅަނގުންދަނީ ނުބައި ތަސައްވުރެއް ގެނެސްދިނުމަށްޓަކައި މަސައްކަތްކުރަމުންނެވެ. ހުޅަނގު ޤައުމުތަކުގެ، ޚާއްޞަކޮށް އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ނުފޫޒުގަދަ ޤައުމުތަކުން ފަލަސްޠީނުގެ މުޖާހިދުންނަކީ ޓެރަރިސްޓުން ކަމުގައި ހަދަން އަތަކެއް މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. ހުޅަނގުގެ ޤައުމުތަކުގެ ވެރިން އަޑަށް ބާރުލާ ދައްކަމުންދާ ވާހަކައިގައި އަބަދުވެސް ބުނަމުންދަނީ އިޒުރޭލް މަސައްކަތް ކުރަމުންދަނީ އެމީހުންގެ ސަލަމާތަށްޓަކައި ކަމަށެވެ. ހަމަލާއެއް ދިނަސް ދެނީ އެމީހުންގެ އަމިއްލަ ނަފުސު ސަލާމަތްކުރުމަށް ކަމަށެެވެ. ހަމަލާދީ އަނިޔާވެރިކަން ހިންގަނީ ފަލަސްޠީނުގެ ރައްޔިތުން ކަމުގައެވެ. ހަމާސްއަކީ ޓެރަރިސްޓުންކަމުގައި ފާޅުގައި ބުނަމުންދެއެވެ.
ހުޅަނގުގެ މީޑިޔާތައްވެސް މަސައްކަތްކުރަމުންދަނީ އިޒުރޭލުގެ ކުށެއްނެތްކަން ދެއްކުމަށްޓަކައެވެ. އެއީ ހުޅަނގުގެ ޙައްޤުގައި މަސައްކަތްކުރަމުންދާ ޕްރޮޕެގަންޑާ މެޝިންތަކެކެވެ. ފަލަސްޠީނުގެ ޣައްޒާގެ ހޮސްޕިޓަލަކަށް ދާދި ފަހުން ދިން ޢުދުވާނީ ޙަމަލާއެއްގައި ފައްސަތޭކައަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލި ޙާދިސާގައިވެސް ބުނަމުންދަނީ އެއީ އިޒުރޭލުން ދިން ހަމަލާއެއް ނޫންކަމަށެވެ. އެއީ ފަލަސްޠީނަށް ނިސްބަތްވާ ޓެރަރިސްޓް ޖަމާޔަތްތަކުން ދިން ހަމަލާއެއްކަމުގައި ސިފަކޮށްދޭން ރެއާ ދުވާލު މަސައްކަތްކޮށްފައިވަނީ އިޒުރޭލުގެ ކުށެއް ނެތްކަން ދެއްކުމަށްޓަކައެވެ.
އެހެނަސް މިއީ ޙަޤީޤަތެއް ނޫނެވެ.
ފަލަސްޠީނުން އުޅެނީ އިޒުރޭލު ހިފަންތަ؟
ޣައްޒާގައި ހިނގަމުންދާ ކަންކަމަށް އަމާޒުކޮށް ހުޅަނގުން ފަތުރާ ބުހުތާނު އެއް ވާހަކައަކީ ފަލަސްޠީނުގެ ރައްޔިތުން މަސައްކަތްކުރަމުންދަނީ އިޒުރޭލްގެ ބިން ފޭރިގަނެ، އިޒުރޭލު އަޅުވެތި ކުރުމަށްކަމަށެވެ. އެހެންނަމަވެސް، މިކަމުގެ ޙަޤީޤަތަކީ، ފަލަސްޠީނުގެ މުޖާހިދުން މަސައްކަތްކުރަމުންގެންދަނީ، އެބައިމީހުންގެ އަމިއްލަ ބިން ހޯދުމަށްޓަކައެވެ. އަމިއްލަ ބިމުން ބާލައި ފަލަސްޠީނުގެ ރައްޔިތުން ނިކަމެތިކޮށްފައިވަނީ އިޒުރޭލުންނެވެ. އިޒުރޭލުން ފޭރިގަނެގެން އުޅެނީ ފަލަސްޠީނުގެ ބިމެކެވެ. ޣައްޒާއަކީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤެެކެެވެ. އެބައިމީހުންގެ މިލްކެކެވެ. ޣައްޒާގެ ރައްޔިތުންނަކީ ފަލަސްޠީނުގެ އަހުލުވެރިންނެވެ. އެބައިމީހުންގެ އަމިއްލަ ފަސްގަނޑުގައި ހުރި ގޯތިގެދޮރު ސުންނާފަތިކޮށް، ރެފިޔުޖީ ކޭމްޕްތަކުގައި އުޅެން މަޖުބޫރު ކުރީ އިޒުރޭލުގެ ޔަހޫދީންނެވެ. ފަލަސްޠީނުގެ ބިން ފަލަސްޠީނުގެ ރައްޔިތުންނަށް އަނބުރާ ހޯދުމަށް މަސައްކަތްކުރުމަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ ޙައްޤެކެވެެ.
އާރާއި ބާރު އެއްވަރުތަ؟
ހުޅަނގުން ދައުވާކުރަމުންދަނީ އިޒުރޭލެކޭ އެއްވަރަށް ފަލަސްޠީނަށްވެސް އާރާއި ބާރާއި އިމްތިޔާޒުތަކާއި ޙައްޤުތައް ލިބިގެންވާކަމުގައެވެ.
އެއީ މުޅިން އޮޅުވާލުމެކެވެ. އިޒުރޭލަށް ބޭނުންވާ އަސްކަރީ އެހީއާއި ފައިސާގެ އެހީ ލިބުމުގައި ހުރަހެއް ނެތެވެ. ހުޅަނގުގެ ޤައުުމުތަކަކީ އިޒުރޭލުގެ މަދަދުޤާރުންނެވެ. ހުޅަނގުގެ ޤައުމުތަކުން ހަނގުރާމައިގެ ވަސީލަތްތައް ބަރާބަރަށް އިޒުރޭލަށް ފޯރުކޮށްދެއެވެ. އެ ސާމާނު އެތެރެކުރާކަށް އިޒުރޭލަށް އެއްވެސް ހުރަހެއް ނެތެވެ.
އެހެެންނަމަވެސް، ފަލަސްޠީނުގެ ރައްޔިތުން ތިބީ ބަނދެވިފައެވެ. ބޯޑަރުތައް ހުރީ ބަންދުކުރެވިފައެވެ. އިޒުރޭލުގެ ފުލް ކޮންޓްރޯލުގެ ދަށުގައެވެ. އިޒުރޭލުގެ ހުއްދައާއި ލައިގެން ނޫނީ ޒަރޫރީ އެއްޗެއްވެސް ފަލަސްޠީނަށް އެތެރެކުރުމުގެ ހުއްދައެއް ނެތެވެ. ވޭތުވެދިޔަ 16 އަހަރުވެސް ޣައްޒާއަށް ކާއެއްޗެއްވެސް އެތެރެ ކުރެވެނީ އިޒުރޭލުން ހުއްދަ ހޯދައިގެންނެވެ. ފަލަސްޠީނަށް ތާޢީދުކުރާ ޤައުމުތަކަށް ފަލަސްޠީނުގެ މުޖާހިދުންނަށް އަސްކަރީ ސާމާނު އެތެރެ ކުރެވޭނެ އެއްވެސް މަގެއް ނެތެވެ.
އެހެންކަމުން، އިޒުރޭލާއި ފަލަސްޠީނާ ދެމެދު އެއްވެސް ތަފާތެއް ނެތްކަަމަށް ހުޅަނގުން ފަތުރާ ޕްރޮޕެގަންޑާއަކީ އެއްވެސް ތާކުންތާކު ޖެހޭ ވާހަކައެއް ނޫނެވެ. އެއީ މުޅިން ބުހުތާނު ދޮގެވެ.
މިއީ ވާނުވާއެއްގައި އޮތް ހަނގުރާމައެއްތަ؟
ހުޅަނގުން ބުނަމުންދަނީ ފަލަސްޠީނުން ކުރަމުންގެންދާ ޖިހާދަކީ އެއްވެސް ސަބަބެއް އޮވެގެން ކުރާ ހަނގުރާމައެއް ނޫން ކަމުގައެވެ. އިޒުރޭލާ ދެކޮޅަށް ހަމަލައެއް ބަދަލުކުރަން ޖެހޭ ސަބަބެއް ނެތް ކަމުގައެވެ. އެހެންނަމަވެސް، ފަލަސްޠީނުގެ މުޖާހިދުން ކުރަމުންގެންދާ ހަނގުރާމައަކީ ފަލަސްޠީނުގެ ރައްޔިތުންގެ އަތުން މީގެ 75 އަހަރު ކުރިން އަތުލައިގެންފައިވާ ބިން އަނބުރާ ހޯދައި މިނިވަންކަމަށްޓަކައި ކުރަމުން ގެންދާ ޖިހާދެކެވެ. ފަލަސްޠީނުގެ އަސްލު ވަޒަންވެރިންނަކީ ފަލަސްޠީނުގެ ރައްޔިތުންނެވެ.
އަޤްސާ މިސްކިތަކީ މުސްލިމުންގެ ފަޚްރެކެވެ. ފަލަސްޠީނުގައި ހުރި މުސްލިމުންގެ އެއްމެ މުޤައްދަސް ތަނަކީ ޤުދުސްގައިވާ އަލްމަސްޖިދުލް އަޤްޞާއެވެ. ތާރީޚު އޮޅުވާލުމަށް ޓަކައި މިއަދު ޔަހޫދީން ބުނަނީ މަސްޖިދުލްއަޤްޞާ އަކީ ކީރިތި ރަސޫލާ އަވަހާރަވެ ޚުލަފާއުއްރާޝިދޫންގެ ޚިލާފަތު ވެސް ނިމުނު ފަހުން އުމަވީންގެ ފަސްވަނަ ޚަލީފާ ޢަބްދުލް މަލިކު ބިން މަރްވާން ބިނާ ކުރެއްވި މިސްކިތެއް ކަމުގައެވެ. އެހެން ނަމަވެސް ޙަޤީޤަތަކީ މަސްޖިދުލްއަޤްޞާ ވީރާނާވެ ހަލާކުވެފައި ވަނިކޮށް ޚަލީފާ ޢަބްދުލްމަލިކު ބިން މަރްވާން އެތަން އާކުރެއްވީއެވެ. މަސްޖިދުލްއަޤްޞާގެ މަރާމާތު ނިމުނީ މީލާދީން 710 ވަނަ އަހަރާއި 715 ވަނަ އަހަރާ ދެމެދުގައެވެ. އަދި އޭގެ ފަހުން މީލާދީން 1035 ވަނަ އަހަރު ވެސް ވަނީ މި މިސްކިތް މަރާމާތު ކުރެވިފައެވެ.
ޚަލީފާ ޢަބްދުލްމަލިކު ބިން މަރްވާން މުޅީން އަލަށް ބިނާކުރެއްވި މިސްކިތަކީ އަލްމަސްޖިދުލް އަޤްޞާއާ މާދުރު ނޫން ހިސާބެއްގައި ހުރި ރަން ގުއްބު ލީ މިސްކިތް ނުވަތަ މަސްޖިދު ޤުއްބަތުއްޞަޚްރާއެވެ. ޤުދުސްގައި ފަތުރުވެރިންގެ ދައްލާލުންގެ ގޮތުގައި އުޅޭ ޔަހޫދީން، މަސްޖިދުލްއަޤްޞާއޭ ކިޔާފައި މީހުންނަށް ދައްކައި ހަދަނީ ވެސް ހަމަ އެކަނި ރަން ގުއްބު ލީ މިސްކިތެވެ. މިއީ ވެސް މަސްޖިދުލްއަޤްޞާ އާއި އެތަނުގެ ތާރީޚު އޮޅުވައިލުމަށް ޔަހޫދީން ކުރަމުންދާ މަސައްކަތުގެ އެއްބައެވެ.
މިއީ ސުލްޙަވެރި ނިންމުމަކަށް ޖާގައޮތް ކަމެއްތަ؟
ހުޅަނގުގެ ޤައުމުތަކުން ބުނަމުން ގެންދަނީ، ސުލްޙަވެރިކަމާއެކު ވާހަކަދައްކައިގެން ދެފަރާތުގެ ދެމެދުގައި ބަދަލުކުރަމުންދާ ޙަމަލާތައް ހުއްޓާލުމަށް ހުރަހެއް ނެތްކަމުގައެވެ. އެކަމަކު، އޮސްލޯ އެގްރިމެންޓްގައި ސޮއިކުރިފަހުން، ދުވަހަކަށްވުރެ ދުވަހަކަށް ފަލަސްޠީނުގެ ރައްޔިތުން އަންނަނީ ނިކަމެތިވަމުންނެވެ. އެބައިމީހުން ފައްސާ ދުރަށްލަނީއެެވެ. ރެފިއުޖީންގެ ގޮތުގައި ތިބުމަށް މަޖުބާރު ކުރަނީއެވެ. އަޅުވެތިކުރަނީއެވެ. އަނިޔާ ކުރަނީއެވެ. އަޤްޞާގެ ޙުރުމަތް ކަނޑަނީއެވެ.
އެހެންކަމުން، އިޒުރޭލުން ގެންގުޅޭ ޒާތީ އުސޫލުތަކުގެ ސަބަބުން ސުލްޙަވެރިކަމާއެކު ފަލަސްޠީނުގައި، ފަލަސްޠީނުގެ ރައްޔިތުންނަށް އުޅެވިދާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
ފަލަސްޠީނަށް މިނިވަންކަން ލިބެންޖެހޭތަ؟
ފަލަސްޠީނަށް މިނިވަންކަން ލިބެންޖެހެއެވެ. ފަލަސްޠީނުގައި ޔަހޫދީ ދައުލަތެއް އޮންނަންޖެހޭ އެއްވެސް ޤާނޫނީ ޙުއްްޖަތެއްވެސް އަދި ދުނިޔެވީ ޙުއްޖަތެއްވެސް ނެތެވެ. ފަލަސްޠީނުގެ ބިން ފޭރިގަނެ ހުޅަނގުގެ ފުރިހަމަ އެހީތެރިކަމާއެކު ޔަހޫދީ ދައުލަތުން ހިންގަމުން އެދާ ޖަރީމާތައް ބަލައިގަނެވޭނެ އެއްވެސް އަސާސެއް ނެތެވެ. ފަލަސްޠީނުގެ ބިން ފަލަސްޠީނުގެ ރައްޔިތުންނަށް އަނބުރާ ލިބެންޖެހެއެވެ.


