ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރި ޔަހޫދީ ޓެރަރިސްޓުން ދެމުންދާ ޙަމަލާތަކުގައި ޣައްޒާގެ ބޭކަރީތައް ސުންނާފަތިކޮށްލައިފިއެވެ.
ހައްދުފަހަނައަޅާފައިވާ އިޒުރޭލުގެ ހަމަލާތައް ބޭކަރީތަކަށް ޓާގެޓްކޮށް 50 ބޭކަރީގެ ތެރެއިން 10 ބޭކަރީ ސުންނާފަތިކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ބޭކަރީތަކަކީ، ޣައްޒާގެ ރެފިޔުޖީންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށްޓަކައި އދ. ގެ ރިލީފް ފަންޑުގެ ދަށުން ޤާއިމުކޮށްފައިވާ ބޭކަރީތަކެކެވެ.
އދ. އެޖެންސީއިން ހަމާކޮށްފައިވާ ގޮތުގައި ކެއުން ބުއިމަށް ބޭނުންވާ ތަކެތި ހުސްވުމުގެ ކޮޅުމަތި ފެންނަން ފަށާފައިވެއެވެ. އަދި މިކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު ބަނޑުހައި ހޫނުކަމުގެ ތެރެއަށް ގޮސް އިންސާނީ ބޮޑު މުސީބާތެއް ކުރިމަތިވުމުގެ ޙާލަތަށް ދާނެއެވެ.
އެންމެ މުުހިއްމުކަމެއްގެ ގޮތުގައި ފާހަގަވަނީ، ޣައްޒާއަށް ތެޔޮ ލިބެން ހުރި މަގުތައް އިޒުރޭލުން ބަންދުކޮށްފައިވުމުން، ދަތުރުފަތުރާއި އެހެނިހެން ޚިދުމަތްތައް ހުއްޓުމަކަށް އައިސް ކެއިންބުއިމާއި ޟަރޫރީ އެތައް ކަމަކަށް ވަރަށް ބޮޑު އިންސާނީ ކާރިސާއެއް ކުރިމަތިވެފައިވާ ކަމެެވެ.
މިހާރު ސުންނާފަތިކޮށް ނުލާހުރި 40 ބޭކަރީއަކީ ޣައްޒާގެ 2 މިލިއަނެއްހާ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އެކަށީގެންވާ އަދަދެއް ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޕާން ފަދަ ތަކެތި ހޯދުމަށް އައިސް ބޭކަރީތަކުގެ ކައިރި އެތައް ގަޑިއިރެއް ހޭދަކުރަންޖެހި، އެތައް ހާސްބަޔަކަށް ވަނީ ކެއިން ބުއިމަށް ވަރަށް ބޮޑު ތަކުލީފެއް އުފުލަންޖެހި ހިތްދަތިކަމެއްގެ ތެރޭގައެވެ.
ހަމައެހެންމެ، އަނިޔާވެރި އިޒުރޭލުން ޣައްޒާގެ ފެން ކަނޑާލާފައިވުމުން، ޣައްޒާގެ ރައްޔިތުން ވަނީ އަސާސީ އެންމެހައި ކަމަކުން މަޙްރޫމުވެ އިންސާނީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައެވެ.
އަލްއަޤްޞާ މާޓީސް ހޮސްޕިޓަލުގެ ސްޕޯކްސްޕާސަން ޚަލީލް އަލް ދަރްޤާން ވިދާޅުވީ، ބައިނަލްއަޤްވާމީ ޤާނޫނުތައް މަނާކުރާ ހަތިޔާރުގެ ބޭނުންކޮށް އެތައް ބަޔަކަށް ދެމުންދާ އަނިޔާވެރި ޢަމަލުތައް ކުށްވެރިކުރާ ކަމަށެވެ.
ހަމައެހެންމެޣައްޒާގެ ދެކުނުގައި ޙަރަކާތްތެރިވަމުންދާ ފަލަސްޠީނުގެ ރެޑްކުރެސެންޓުން ހާމަކުރައްވާފައިވާ ގޮތުގައި ހައްދުން ނެއްޓޭވަރަށް އަޅަމުންދާ ބޮންތަކުގެ ސަބަބުން މުވާސަލާތީ ޚިދުމަތް މެދުކެނޑި އެމްބިޔުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުން ވަނީ މެދުކެނޑިފައެވެ.
އިޒުރޭލުގެ ޗީފް އޮފް ސްޓާފް ހާޒީ ހަލެވި ވެސް ބުނެފައިވަނީ އެއްގަމު މަގުން ޣައްޒާއަށް އަރައިގެން ހިންގަން އުޅޭ އޮޕަރޭޝަން ކާމިޔާބު ނުވެދާނެ ކަމަށެވެ.
އަލް ޖަޒީރާގެ ނޫސްވެރިން ބުނީ، މިހާރު ކުރަމުންދާ ހަނގުރާމައިގައި ޣައްޒާއަށް ދެމުންދާ މިސައިލާއި އާޓިލަރީ ބަޑީގެ ހަމަލަތައް ޔަހޫދީ ފައުޖުތަކުން އިތުރު ކޮށްފައިވާ ކަމުގައެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ އަލިފާން ރޯވެ، އަނދަމުންދާ ޢިމާރާތްތައް ކަމަށާއި، މެދުކެނޑުމެއް ނެތި އިވެމުން ދަނީ ބޮންތަކާއި މިސައިލްތައް ގޮވާ އަޑު ކަމުގައި ވެސް އެ ނޫހުގެ ރިޕޯޓަރުން ބުނެއެވެ.
އިސްރާއީލުން އެއްގަމު މަގުން ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓްތަކުން ބުނެފައިވަނީ ގޮތުގައި އިސްރާއީލުން އެސަރަހައްދުގައި ހަރަކާތްތެރިވަނީ އަސްކަރީ 100 ވަރަކަށް ވެހިކަލުގައެވެ. އޭގެ ތެރޭގައި ކެޓަޕިކާ ޑީ9 ބުލްޑޮޒާ ވެސް ހިމެނޭ ކަމަށާއ،ި މި އުޅަނދުތައް ޖެނިންއަށް ވައްދާފައިވާއިރު، އެމީހުން ތައްޔާރުވަމުން އަންނަނީ ހަމާސްއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ކަމަށެވެ.
މީގެ އިތުރުން އިސްރާއީލްގެ ނިރުބަވެރި ސިފައިންގެ ފައުޖުތަކުން ވަނީ ޖެނިންގެ ގިނަ އިމާރާތްތަކެއް ހިފައި، ދުރު ރާސްތާ ބަޑި ޖަހާ ސްނައިޕަރުން އިމާރާތްތަކުގައި ބައިތިއްބާފައެވެ. އަދި އެސަރަހައްދުގެ ބައެއް ތަންތަނަށް އަންނަނީ ބޮން އަޅަމުން ކަމަށް ޚަބަރު ލިބެއެވެ.
އެއްގަމު މަގުން ޔަހޫދީ ފައުޖުތަކުން ޣައްޒާއަށް އަރައިފިނަމަ، ޣައްޒާގައި ޝަހީދުވަމުންދާ މުސްލިމުންގެ ޢަދަދު އެތަކެއް ގުނައަކަށް އިތުރުވެގެން ދާނެ ކަމުގައި އ.ދއިން ބުނެއެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އެމެރިކާގެ އެހީތެރިކަމާ އެކު ޔަހޫދީ ފައުޖުތަކުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 7,326 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި 3,000 ޅަކުދިންނާއި ކުޑަކުދިން ހިމެނެއެވެ. އަދި، 17,400 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އޭގެ ތެރޭގައި 2,000 ކުޑަކުދިންނާއި 1,400 އަންހެނުން ހިމެނެއެވެ.


