ޣައްޒާގެ ރައްޔިތުންނަށް އަނިޔާ ލިބެމުންދާއިރު ދުނިޔޭގެ ލީޑަރުން ވަރަށް ނިކަމެތި ކަމަށާއި، އަދި ފިޔަވަޅުތައް އެޅުމަށް "ފަހަތު ފަޔަށް ބުރެވެފައިވާ" ކަމަށް ޑޮކްޓަރސް ވިތައުޓް ބޯރޑާސްއިން ހާމަކޮށްފިއެވެ.
އިންސާނިއްޔަތަށްޓަކައި ހިލޭ ސާބަހަށް މަސައްކަތްކުރަމުންދާ ޖަމްޢިއްޔާ، ޑޮކްޓަރސް ވިތައުޓް ބޯރޑާސް އިން ބުނެފައިވަނީ، އިސްރާއިލުގެ އަނިޔާވެރި ފައުޖުތަކުން ހިންގަމުންދާ އުދުވާނުތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް އަނިޔާ ލިބެމުންދާއިރު ދުނިޔޭގެ ލީޑަރުން ވަރަށް ނިކަމެތި ކަމަށާއި، އަދި ފިޔަވަޅުތައް އެޅުމަށް އެހާމެ ލަސް ކަމަށާއި، އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ޑޮކްޓަރސް ވިތައުޓް ބޯރޑާސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޣައްޒާގައި ހިންގަމުންދާ ޢުދުވާންތައް ވަގުތުން ހުއްޓާލަންޖެހޭ ކަމަށާއި، އަދި އިތުރު މީހުން މަރުވެގެންދ ާތަން ދެކެން ބޭނުން ނުވާކަމަށާއި، ވީހާވެސް އަވަހަކަށް އިންސާނީ އެހީ ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހު ދޭން ފަށާފައިވާ ޙަމަލާތައް 27 އޮކްޓޫބަރުގައި އެތައް ގުނައެއް އިސްރާއީލުން އިތުރުކޮށްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ޣައްޒާ ވަނީ ސުންނާފަތިވެގެން ގޮސްފައިކަމަށް އެ ބަޔާނުގައިވެއެވެ.
މުޅި ޣައްޒާއިން ފެންނަނީ ވަންނާނެ ގެއެއް ގެދޮރެއް ނެތި އެއްވެސް ކުށެއްނެތް އާންމު ރައްޔިތުން މަގުމަތިވެފައިވާތަން ކަަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"ދުނިޔޭގެ ލީޑަރުން ވަރަށް ނިކަމެތި، ވަރަށް ލަސް، އދ. އިން ފާސްކޮށްފައިވާ ޤަރާރަށް ބޯލެނބުމުގައިވެސް މި ފެންނަނީ އެއްވެސް އިންސާފެއް ނެތްތަން. ކުށެއްނެތް ބަޔަކަށް އަނިޔާ ލިބެމުންދާއިރު އަޅާލާނެ އަތްތަކެއް ނެތް." އެ ޖަމްޢިއްޔާގެ ބަޔާނުގައި ވެއެވެ.
ޑޮކްޓަރސް ވިތައުޓް ބޯރޑާސްގެ ބަޔާން ނިންމާލާފައިވަނީ، ބައިނަލްއަޤްވާމީ މުޖްތަމަޢުން ޣައްޒާގެ މައްސަލައިގައި އަވަސް ފިޔަަވަޅުތަކެއް އެޅުމަށާއި، އިސްރާޢީލުގެ އުދުވާނުގައި ހިންގަމުންދާ ލޭ އޮހޮރުވުންތަކާއި ޤަތުލުއާންމުތައް ވަގުތުން ހުއްޓާާލުމަށް ގޮވާލަމުންނެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން، އެމެރިކާގެ އެހީތެރިކަމާ އެކު، ޢައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު 8،000 އިިން މައްޗަށް އަރާއިރު، އޭގެ ތެރޭގައި 3,000އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.


