އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން އިސްރާއީލުގެ ފައުޖުތަކުން ޣައްޒާއަށް ދެމުންދާ ވަރުގަދަ ޙަމަލާތަކުގައި 34 ނޫސްވެރިން ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، އަނިޔާވެރި އިސްރާއީލުން ޣައްޒާއަށް ޙަމަލާ ދެމުން އަންނަތާ 23 ދުވަސް ވެފައިވާއިރު، އެ ސަރަޙައްދުން 34 ނޫސްވެރިން ޝަހީދުވެފައިވާކަމަށެވެ. އަދި ޝަހީދުކޮށްލައިފައިވާ ނޫސްވެރިންގެ ނަންތައް އެ ބަޔާނުގައި އާއްމުކުރައްވާފައިވެއެވެ.
ޣައްޒާގެ ހެލްތް މިނިސްޓްރީން ނެރުނު ބަޔާނުގައިވަނީ، ޝަހީދުކޮށްލައިފައިވާ 34 ނޫސްވެރިންގެ ތެރޭގައި 3 އަންހެން ނޫސްވެރިން ހިމެނޭކަމަށާ ގިނަ ނޫސްވެރިންތަކެއްގެ އާއިލާ މެމްބަރުންވެސް ޝަހީދުވެފައިވާ ކަމަށެވެ.
އޮކްޓޯބަރު 25 ވަނަ ދުވަހު ނޫސެއިރާތު ރެފިއުޖީ ކޭމްޕްގެ ގެއަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި އަލްޖަޒީރާގެ މުވައްޒަފު ވައެލް އަލް ދަހުދޫގެ އާއިލާގެ މެމްބަރުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި އޭނާގެ އަންހެނުންނާއި ދަރިފުޅާއި އަންހެން ދަރިފުޅު ހިމެނެއެވެ.
ހަަމައެހެންމެ އިސްރާއީލާއި ލުބުނާނުގެ ބޯޑަރުގައި ހިނގި ހަމަނުޖެހުންތަކުގައި އިސްރާއީލުން ދިން ހަމަލާތަކެއްގައި ލުބުނާނުގެ ނޫސްވެރިއެއް ވެސް ވަނީ މަރުވެފައެވެ.
ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. މި މަހު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ ސިފައިން މެދުކެނޑުމެއް ނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 8،300 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި، 3،000އަށް ވުރެ ގިނަ ކުޑަކުދިންނާއި 2،000އަށް ވުރެ ގިނަ އަންހެނުން ހިމެނެއެވެ.


