ފަލަސްޠީނުގެ ހަމާސް ޖަމާޢާތުގެ މުޖާހިދުންގެ ގަދަ ހިތްވަރުން އިސްރާއީލުގެ ޔަހޫދީ ފައުޖުގެ 17 ސިފައިން މަރާލައިފިއެވެ.
މިކަން ފަލަސްޠީނުގެ ޣައްޒާ އަޅުވެތި ކުރަން މަސައްކަތްކުރަމުންދާ ޔަހޫދީ އިސްރާއީލުގެ އިދާރާތަކުން ކަށަވަރުކޮށްދީފައިވެއެވެ. މިކަމާ ގުޅިގެން އިސްރާއީލުގެ ޔަހޫދީންގެ އިސްކޮމާންޑަރުންނަށް ވަނީ ކުއްލި ސިހުމެއް ލިބި، ނުތަނަވަސްކަމެއްގެ ތެރޭގައެވެ.
ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރަމުންދާ މުޖާހިދުން ދިން ޙަމަލާއެއްގައި، އެބައިމީހުން މަރާލާފައިވަނީ ހަތިޔާރު އެޅި އުޅަނދެއްގައި ދަތުރުކުރަމުންދަނިކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީގެއިތުރުން، ބާރުގަދަ އެއްޗެއް ގޮވުމުގެ ސަބަބުން އިސްރާއީލުގެ ސިފައިންގެ އިތުރު ދެ މީހަކުވެސް ވަނީ މަރުވެ، އެތައް ބަޔަކު ޒަޚަމުވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އޮކްޓޫބަރު 7 އިން ފެށިގެން، ޣައްޒާގެ ކުށެއް ނެތް މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 8,796 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 3,500 އަށްވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. 2,000 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. އަދި، 460 އަށްވުރެ ގިނަ އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާންމުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 20,200 އަރައެވެ. ޣައްޒާގެ މުސްލިމުން ދިރިއުޅޭ ގެދޮރުގެ 45 އިންސައްތަ މިހާރު ވަނީ ސުންނާފަތި ކޮށްލާފައެވެ.
ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރި ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.


