ނޫނު އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ނ.ވެލިދޫގައި ކުޅޭ ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތް އިއްޔެ ފަށައިފިއެވެ.
ދެ ޑިވިޝަނަކަށް ކުޅޭ މި މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ކުޅުނު މެޗު ފޯރިގަދަ ކުޅުމަކަށްފަހު ކާމިޔާބު ކުރީ ނ.ފޮއްދޫ ސްޕޯޓްސް ކްލަބެވެ. މެޗުގެ ފުރަތަމަ ސެޓް 21-25 އިން ސެޓް ކާމިޔާބު ކުރީ މާޅެންދޫ ވޮލީބޯޅަ ޓީމެވެ. ނަމަވެސް ޖެހިގެން އައި ދެ ސެޓް 25-16 އަދި 25-21 އިން ކާމިޔާބު ކުރީ ފޮއްދޫއެވެ. މެޗުގެ ހަތަރުވަނަ ސެޓް ވާދަވެރި ކުޅުމަކަށް ފަހު 25-27 އިން މާޅެންދޫ ވޮލީ ޓީމުން ކާމިޔާބު ކުރުމުން ޓައިބްރޭކް ސެޓަކަށް ގޮސް ފޮއްދޫ ޓީމު މެޗު ކާމިޔާބު ކުރީ 12-15 އިން ސެޓް ގެންގޮސްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިޔެއްކަމަށްވާ މުޙައްމަދު އަޙްސަންއެވެ.

މުބާރާތުގެ ހުޅުވުމުގެ ރަސްމިޔާތު އޮތީ ރޭގައި ވެލިދޫ ސްޕޯޓްސް ކްލަބާއި ހެނބަދޫ ވޮލީބޯޅަ ޓީމު ކުޅުނު މެޗުގެ ކުރިންނެވެ. މުބާރާތް ހުޅުވައިދެއްވީ މުބާރާތުގެ ޝަރަފުވެރި މެހްމާން ވެލިދޫ ދާއިރީގެ މަޖިލިސް މެންބަރ މުޙައްމަދު އައްބާސްއެވެ.
ރޭ ކުޅުނު މެޗުވެސް 5 ސެޓަށް ގޮސް މެޗު ކާމިޔާބު ކުރީ އެންމެ ފަހުގެ ޗެމްޕިއަން ވެލިދޫ ސްޕޯޓްސް ކްލަބެވެ. މި މުބާރާތުގައި އަލަށް ވާދަކުރާ ހެނބަދޫ ވޮލީޓީމާ ބައްދަލުކުރި މި މެޗުގައި ވެލިދޫ ޓީމުގެ ސެޓްތައް ގެންދިޔައީ 25-21 ، 28-26 އަދި 15-12 އިންނެވެ. ހެނބަދޫގެ ސެޓްތައް ކާމިޔާބު ކުރީ 19-25 އަދި 16-25 އިންނެވެ.
މި މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވެލިދޫ ޓީމުގެ ޒުވާން ކެޕްޓަން މުޙައްމަދު އާނިފް އިބްރާހީމްއެވެ.

މިއަދުވެސް މި މުބާރާތުގެ ދެ މެޗެއް ކުޅެވޭނެއެވެ. ހަވީރު ފޮއްދޫ ސްޕޯޓްސް ކްލަބާ ކެނދިކުޅުދޫ ސްޕޯޓްސް ކްލަބު ބައްދަލުކުރާއިރު ، ރޭގަނޑު ބައްދަލު ކުރާނީ މަގޫދޫ ވޮލީބޯޅަ ޓީމާ މަނަދޫ ސްޕޯޓްސް ކްލަބެވެ.


