61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޙަފްލާގައި ބައިވެރިވެވަޑައިގެންނެވުން، ފޮޓޯ: ރައީސް އޮފީސް

ސިޔާސީ ބަދަލުހިފުމުގެ ރޫޙުގެ އަޅުވެތިކަމުން ޤައުމު މިންޖުކުރެވިއްޖެ: ރައީސް

ސިޔާސީ ވިހަގަދަ ބަދަލުހިފުމުގެ ރޫޙުގެ އަޅުވެތިކަމުން ދިވެހި ޤައުމު މިންޖުކޮށް، އަނިޔާވެރިކަމުގެ ޘަޤާފަތަށް ނިމުން ގެނެސްދެވިފައިވާ ކަމަށާއި، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކާއި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދިނުމަށް ކުރެވޭ މަސައްކަތްތަކަކީ މިނިވަން ދުވަހެއްގައި ފާހަގަކުރަންޖެހޭ ކަންކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުޞަތު ފުރިހަމައަށް ފަހިކޮށްދީ، އިސްލާމްދީނާއި ޤާނޫނުއަސާސީގެ އިމުގެ ތެރެއިން ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވާނެ ކަމަށެވެ.

މީގެއިތުރުން، ޝަރުޢީ ދާއިރާއަށް ސަރުކާރުން ފޯރުވަމުންދިޔަ ނުފޫޒު ނިމުމަކަށް ގެނެސް، މާލީ އަދި ޢުމްރާނީ މިނިވަންކަން ހޯއްދަވައިދެއްވާފައިވާ ކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. އެގޮތުން 2029 ވަނަ އަހަރުގެ ޤަޟާޢީ އަހަރު ފަށާއިރު އަލަށް އިމާރާތްކުރާ ސުޕީރިއަރ ކޯޓް ކޮމްޕްލެކްސްގެ ބޭނުން ހިފޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. ހަމައެއާއެކު، ސަރުކާރުގެ މަޢުލޫމާތު ހާމަކުރުމުގައި ސައްތައިންސައްތަ ކަށަވަރުކޮށްދީފައިވާނެ ކަމަށާއި، ކޮރަޕްޝަނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުންދާ ކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖޭގައި އޮތް މެޑިކަލް މާފިއާގެ ނުފޫޒު ނައްތާލައި، ބޭރު ޤައުމުތަކަށް ބަރޯސާނުވެ އަމިއްލަ ވަޒަނުގައި ތިބެގެން ޞިއްޙީ ފަރުވާގެ ޔަޤީންކަން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ