އަރުތަ ފުޓްސަލް މުބާރާތުގެ ގްރޫޕްއޭ ގެ އެއްވަނަ ހޯދީ އިނގުރައިދޫ ފުޓްސަލް ޓީމެވެ. ގްރޫޕް ސްޓޭޖުގައި އޭ ގްރޫޕް ކުޅެން ޖެހޭ އެންމެ ފަހު މެޗުތައް އިއްޔެ ވަނީ ކުޅެފައެވެ. ގްރޫޕްގެ އެއްވަނައަށް ވާދަކުރި އަލިފުށި ވަނީ އިއްޔެ ހަވީރު ކުޅުނު މެޗުން 5-0 އިން ވާދޫ ބަލިކޮށްފައެވެ. އަލިފުށި ޖެހި 5 ގޯލުގެ ތެރެއިން 3 ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު އަޙްމަދު ހުސާމެވެ. އަލިފުށި ޓީމުގެ އަނެއް ދެ ގޯލު ޖެހީ ޒަލަފްއެވެ.
އިއްޔެ މެޗުގައި ޖެހި 3 ގޯލާއެކު ހުސާމް ވަނީ މި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ތިން ވަނަޔަށް ޖެހިލާފައެވެ. އޭނާ ވަނީ 10 ގޯލު ޖަހާފައެވެ. ލަނޑު ލިސްޓްގެ އެއްވަނައިގައި މީދޫ ޓީމުގެ ރަޝާދު ( ރޭޑިއޯ ) އޮތީ 13 ގޯލާއެކުއެވެ. 11 ގޯލާއެކު ލިސްޓުގެ އޮތީ ހާއްޕެއެވެ.
އަލިފުށި މޮޅުވުމާއެކު ގްރޫޕް އެއްވަނަ ހޯދަން ރޭގައި އިނގުރައިދޫ ނިކުތީ ރަސްމާދޫއާ ދެކޮޅަށެވެ. މި މެޗު 5 ލަނޑު 1 ލަނޑުން ފަސޭހަކަމާއެކު ކާމިޔާބުކޮށް އިނގުރައިދޫ ވަނީ 13 ޕޮއިންޓާއި ފައިދާ 21 ގޯލާއެކު ގްރޫޕްގެ އެއްވަނަ ހޯދާފައެވެ. އަލިފުށްޓަށް ދެވަނަ ލިބެނީ 13 ޕޮއިންޓާއި ފައިދާ 15 ގޯލާއެކުއެވެ.
ރޭގެ މެޗުގައި ހާއްޕެ އާއި އައިހަމް މިއިން ކޮންމެ ކުޅުންތެރިޔެއް ވަނީ ދެ ގޯލު ޖަހާފައެވެ. އިނގުރައިދޫގެ އަނެއް ގޯލު ޖަހައިދިނީ މަމްދޫހުއެވެ. ރަސްމާދޫ ޓީމުގެ ސުން ކަނޑުވާލަދިނީ ލަޔާންއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިނގުރައިދޫ ޓީމުގެ ހާއްޕެއެވެ.
މި ގްރޫޕްގެ ފަހު މެޗުގައި މާކުރަތުން ވަނީ މަޑުއްވަރި 7 ލަނޑު 5 ލަނޑުން ބަލިކޮށްފައެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި މާކުރަތުގެ ރާއީ ، ނާޝިއު އަދި މަޤްސޫދު މި އިން ކޮންމެ ކުޅުންތެރިޔެއް ދެ ގޯލު ޖެހިއެވެ. އަނެއް ގޯލު ޖަހައިދިނީ މަހުދީއެވެ. މަޑުއްވަރި ގޯލުތައް ޖަހައިދިނީ އިރުޝާމް ، ނައިސަމް ، އިރުފާން ، ނާހީ އަދި އިމާންއެވެ. މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މާކުރަތު ޓީމަށް ދެ ގޯލު ޖަހައިދިން ޙުސައިން މަޤްސޫދުއެވެ.
މިއަދު ހަވީރު 4:45 ގައި ކުޅޭނީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗެވެ. ގްރޫޕްބީގެ މި މެޗުގައި ބައްދަލުކުރާނީ މުބާރާތުގެ ސެމީ ފައިނަލަށް ނުގޮސް ކަޓާފައިވާ ކިނޮޅަހާއި ހުޅުދުއްފާރެވެ.


