އަރުތަ ފުޓްސަލް: މިފަހަރު ފައިނަލްގައިވެސް އިނގުރައިދޫ އާއި ދުވާފަރު

ރ.އަތޮޅު ކައުންސިލްގެ ފުޓްސަލް މުބާރާތުގެ ފައިނަލްގައި މިފަހަރުވެސް ވާދަ ކުރާނީ ފާއިތުވެ ދިޔަ 3 އަހަރުގެ ފައިނަލްގައި ބައްދަލުކުރި އިނގުރައިދޫ އާއި ދުވާފަރެވެ. އެ ތިން ފަހަރުވެސް އިނގުރައިދޫ ބަލިކޮށް ދުވާފަރުން ވަނީ އަރުތަ ފުޓްސަލް ތަށި މިލްކު ކޮށްފައެވެ.

މި އަހަރުގެ މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅެވުނީ ހޯމަ ދުވަހުގެ ރޭ ރަސްމާދޫ ފުޓްސަލް ކޯޓުގައެވެ. 8:30 ގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މީދޫ އާ ބައްދަލުކޮށް 12 ލަނޑު 2 ލަނޑުގެ ބޮޑު ތަފާތަކުން މޮޅުވީ އިނގުރައިދޫއެވެ. މި މެޗުގެ ތަފާތަކަށްވީ ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ އިނގުރައިދޫގެ ޢަލީ ޙާފިޒު ( ހާއްޕެ ) އެވެ. އޭނާ ވަނީ ތިން ލަނޑު ޖަހާ ، ލަނޑު ޖަހަން އެހީތެރިވެދީފައެވެ. މީގެ އިތުރުން ހާއްޕެ ގެ ކޮއްކު މަޝީދުވެސް މި މެޗުގައި ތިން ގޯލު ޖެހިއެވެ. ޝަފްރާޒު އާއި އައިހަމް ވަނީ މިއިން ކޮންމެ ކުޅުންތެރިޔެއް ދެ ޖޯލު ޖަހައިދީފައެވެ. ދެން ގޯލު ޖެހީ ޖުމާން އާއި މަމްދޫހުއެވެ. މި މެޗުގައި މީދޫއަށް ގޯލު ޖަހައިދިނީ ނާޖިހު ( ނެޓޯ ) އާއި އަޙްމަދު ހުސައިންއެވެ. މި މެޗަށް ނިކުތްއިރު ލަނޑު ލިސްޓްގައި 13 ގޯލާއެކު އެންމެ ކުރީގައި އޮތް މީދޫ ޓީމުގެ ރަޝާދު ( ރޭޑިއޯ) އަށް މި މެޗުގައި ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. މި މެޗުގައި ހާއްޕެ ޖެހި ތިން ލަނޑާއެކު ޖުމްލަ 14 ލަނޑު ޖަހައިގެން ލަނޑު ލިސްޓްގެ އެންމެ ކުރީގައި އޮތީ ހާއްޕެއެވެ.

ކުރީ ތިން އަހަރުގެ ޗެމްޕިއަން ދުވާފަރު ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި 4 ލަނޑު 3 ލަނޑުން އަލިފުށި ބަލިކޮށްފައެވެ. ރޭގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ޖަހައިދިނީ އަލިފުށި ޓީމުގެ ސަލާމްއެވެ. ނަމަވެސް މާގިނަ އިރެއް ނުވެ ދުވާފަރު ޓީމުގެ ލޫތު އާއި އިޝާމް ގޯލު ޖަހާ ލީޑު ނަގައިދިނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލިފުށީގެ ހުސާމް ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. ދުވާފަރު ޓީމުން ވަނީ އޭގެ އިރުކޮޅެއް ފަހުން އަނާން ގޯލެއް ޖަހާ ލީދު ނަގާފައެވެ. މެޗުގެ ދެވަނަ ހާފުގައި އަލިފުށި ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ހުސާމް ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. މިއީ ހުސާމް މި މުބާރާތުގައި ހިލޭ ޖެހުމަކުން ޖެހި ދެވަނަ ގޯލެވެ. އަދި މުޅި މުބާރާތުގައި ޖެހި 12 ވަނަ ގޯލެވެ. ދުވާފަރު މޮޅު ކޮށްދިން ގޯލު ޖެހީ މެޗު ނިމެން ދެ މިނެޓަކަށްވެފައި ވަނިކޮށް އަނާންއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އިޝާމް ( ސަންޓޭ )އެވެ.

މި މުބާރާތުގައި އިނގުރައިދޫ އާއި ދުވާފަރު ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ ބުދަ ދުވަހުގެ ރޭ 8:30 ގައި ރަސްމާދޫ ފުޓްސަލް ކޯޓްގައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ