އޭސިއަން ފުޓްބޯލް ކޮންފަޑަރޭސަން ( އޭއެފްސީ ) އިން ބާއްވާ ކްލަބް މުބާރާތްތަކުގެ ތެރެއިން ތިން ވަނަ ފަންތީގެ މުބާރާތްކަމަށްވާ އޭއެފްސީ ޗެލެންޖް ލީގު 2025 ގެ ގްރޫޕް ސްޓޭޖަށް ކޮލިފައި ނުވެ ، ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކަޓައިފިއެވެ.
މިދިޔަ އަހަރުން ފެށިގެން އޭއެފްސީ އިން ވަނީ އެ ޖަމިއްޔާއިން ބާއްވާ ކްލަބް މުބާރާތް ތިން ފަންތިއަކަށް ބަދަލުކޮށްފައެވެ. ރޭންކިންގެ އެންމެ ކުރީގައި އުޅޭ ކްލަބުތަކަށް އޭއެފްސީ ޗެމްޕިއަންސްލީގު އެލިޓް ދެން އޭއެފްސީ ޗެމްޕިއަންސްލީގު 2 އެއީ އޭސިޔާގެ މެދު ފަންތީގެ ކްލަބްތަކަށް އޮންނައިރު ، އޭއެފްސީ ޗެލެމްޖުލީގު އޮންނަނީ އެންމެ ދަށް ފަންތީގެ ކްލަބުތަކަށެވެ.
މިދިޔަ އަހަރު ކޮލިފައިވެފައި ގްރޫޕް ސްޓޭޖުގައި ކުޅުނު މާޒިޔާ އާއި ކުވައިތުގެ އަލްޢަރަބި ސްޕޯޓްސް ކްލަބު އިއްޔެ ހަވީރު ކުޅުނު ކޮލިފައިން މެޗުން މާޒިޔާ ބަލިވީ 4 ލަނޑު 0 ލަނޑުންނެވެ. މާލޭ ގަލޮޅު ދަނޑުގައި އަންގާރަ ދުވަހު މެންދުުރުފަހު 3:00 ގައި ކުޅުނު މި މެޗު ފަށައިގެން ތިންވަނަ މިނެޓްގައި އަލްއަރަބި ޓީމުގެ ނައިޖީރިއާ ފޯވާޑް އިވުއާލާ ގޯލެއް ޖަހާ ލީޑު ނެގިއެވެ. އަދި ފުރަތަމަ ހާފު ނިމުގެ ކުރިން 40 ވަނަ މިނެޓްގައި އަލްޢަރަބި އަށް ލީޑު ފުޅާ ކޮށްދިނީ ބެލްޖިއަމް ފޯވާޑް އެންގޯއީއެވެ.
ދެވަނަ ހާފު ފަށައިގެން 10 މިނެޓް ފަހުން އަލްޢަރަބި ޓީމަށް 3 ވަނަ ގޯލު ޖަހައިދިނީ އެޓީމުގެ ނައިޖީރިޔާގެ ޕޮވޭއީއެވެ. އަދި 88 ވަނަ މިނެޓްގައި އެ ޓީމަށް 4 ވަނަ ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިޔަކަށް އެރި ހުސައިން އަސްކަނާނީއެވެ.
މާޒިޔާއަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.


