ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން ( ޕީއެސްޖީ ) އިން ޔޫއެފާ ސުޕަރކަޕް 2025 ކާމިޔާބުކޮށްފިއެވެ. ބުދަ ދުވަހު އިޓަލީގެ އުޑިނޭ ބްލޫ އެނާރޖީ ސްޓޭޑިއަމްގައި ކުޅުނު ސުޕަރކަޕް ފައިނަލްގައި ޕީއެސްޖީ މޮޅުވީ އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕަރ އާ ދެކޮޅަށް ކުޅެ ޕެނަލްޓީ ޖަހައިގެން 4-3 އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅުނީ ޕީއެސްޖީއިންނެވެ. ނަމަވެސް ގިނަ ހަމަލާ ދީ ފުރަތަމަ ގޯލުވެސް ޖެހީ ޓޮޓެންހަމްއިންނެވެ. 39 ވަނަ މިނެޓްގައި މި ގޯލު ޖަހައިދިނީ މިކީ ވެންޑަވެންއެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން 3 ވަނަ މިނެޓްގައި ޕެޑްރޯ ޕޮރޯ ނަގައިދިން ހިލޭ ޖެހުމަކުން ޓޮޓެންހަމްގެ ކްރިސްޓިއަން ރޮމޭރޯ ބޮލުން ޖަހާ ގޯލަށް ބޯޅަ ވައްދާލައިގެން މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްލިއެވެ. ޓޮޓެންހަމް މި ލަނޑަށްފަހު ޕީއެސްޖީގެ ހަމަލާތައް އިތުރުކުރިއެވެ. ނަމަވެސް ޕީއެސްޖީއަށް ގޯލެއް ޖެހުނީ މެޗުގެ ފުރިހަމަަ ވަގުތު ނިމެން 5 މިނެޓަށްވެފައިވަނިކޮށް ކަންގް އިން ލީ ޖެހި ގޯލުން ނެވެ. އަދި ދެއްކި އިތުރު ވަގުތުގައި ޑެމްބަލޭ ނަގައިދިން ހުރަހަކުން ގޮންސާލޯ ރާމޯސް ބޮލުން ގޯލެއް ޖަހާ ނަތީޖާ ހަމަހަމަކުރިއެވެ.
މެޗު ކުޅެ ނިމުނުއިރު ދެ ޓީމު 2 ލަނޑު 2 ލަނޑުން އެއްވަރުވެފައިވާތީ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕީއެސްޖީ 5 ޕެނަލްޓީގެ ތެރެއިން ގޮންސާލޯ ރާމޯސް ، ޑެމްބަލޭ ، ލީ ، މެންޑެޒް ޖެހި ޕެނަލްޓީ ކާމިޔާބުކުރިއެވެ. ޕީއެސްޖީގެ ވިޓީނިއާ ޖެހި ޕެނަލްޓީ ދިޔައީ ބޭރަށެވެ. ޓޮޓެންހަމަގެ 5 ޕެނަލްޓީގެ ތެރެއިން ސޮލަންކީ ، ރޮޑްރިގޯ ބެންޓެންކޫ އަދި ޕެޑްރޯ ޕޯރޯ ޖެހި ޕެނަލްޓީ ކާމިޔާބު ކުރިއެވެ. ޓޮޓެންހަމްގެ ވެންޑަވަން އާއި ޓެލް ޖެހި ޕެނަލްޓީ ކާމިޔާބު ވާގޮތެއް ނުވިއެވެ.
މިއީ ޕީއެސްޖީ ތާރީޚުގައިވެސް ޔޫއެފާ ސުޕަރކަޕް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.
ޔޫއެފާ ސުޕަރކަޕަކީ ޔޫއެފާ ޗެމްޕިއަންސްލީގާއި ޔޫއެފާ ޔޫރޮޕާ ލީގުގެ މެދުގައި ކުޅޭ މެޗެކެވެ. އަންނަ އަހަރުން ފެށީގެން ހަތަރު ޓީމުގެ މެދުގައި ސުޕަރކަޕް ބޭއްވުމަށް ޔޫއެފާއިން މަޝްވަރާކުރާ ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެއެވެ.


