ދިގު އިންތިޒާރަކަށްފަހު މާޅޮސްމަޑުލު އުތުރުބުރީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ އަރުތަ ފުޓްސަލް މުބާރާތް އިނގުރައިދޫ ފުޓްސަލް ޓީމުން ކާމިޔާބުކޮށްފިއެވެ. ކުރީ ތިން އަހަރުވެސް ފައިނަލްގައި ދުވާފަރު އަތުން ފައިނަލްގައި ބަލިވެފައިވާ އިނގުރައިދޫ ޓީމުން މިއަހަރު ފައިނަލްގައިވެސް ބައްދަލުކުރީ ދުވާފަރު ޓީމާއެވެ. ރަސްމާދޫ ފުޓްސަލް ކޯޓްގައި ބުދަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުން އިނގުރައިދޫ މޮޅުވީ 4 ލަނޑު 2 ލަނޑުންނެވެ.
މެޗުގެ ފުރަތަމަ ހާފު ފަހުކޮޅު އިނގުރައިދޫ ޓީމުގެ މަޝީދު ޖެހި ޕެނަލްޓީން މެޗުގައި ފުރަތަމަ ސްކޯރ ކުރީ އިނގުރައިދޫއެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ދުވާފަރު ޓީމުގެ މުސްލިމު ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. އިނގުރައިދޫ ގޯލަށް ގިނަ ހަމަލާތަކެއް ދެމުން ދިޔަ ދުވާފަރު ޓީމުގެ ލޫތު ގޯލެއް ޖަހާ އެ ޓީމަށް ލީދު ނަގައިދިނެވެ. ނަމަވެސް އަނެއްކާވެސް އިނގުރައިދޫގެ މަޝީދު ގޯލެއް ޖަހާ ސްކޯރ 2-2 އަށް ބަދަލުކޮށްލިއެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް ދިނީ ދުވާފަރުންނެވެ. މި ހަމަލާތައް ދިފާޢުކުރުމުގައި އިނގުރައިދޫ ޓީމުގެ ކީޕަރ އިހްސާން ވަރަށް މުޙިއްމު ދައުރެއް އަދާކުރިއެވެ. ވަރުބަލިވެފައިވާ އިނގުރައިދޫ ޓީމުން ވަނީ ކައުންޓް އެޓޭކްގައި ދުވާފަރު ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ ފަހުކޮޅު އިނގުރައިދޫ ޓީމުގެ އައިހަމް ދެ ގޯލު ޖަހާ ނަތީޖާ 4 ލަނޑު 2 ލަނޑަށް ބަދަލުކޮށްލިއެވެ. ފަހު ގޯލަކީ ދުވާފަރު އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމަކުން އައިހަމް ޖެހި ގޯލެކެވެ.
މެޗު ނިމެން 18 ސިކުންތަށްވެފައި ވަނިކޮށް އިނގުރައިދޫ ޓީމުގެ މަޝީދު ބޯޅަ ހިފައިގެން ދަނިކޮށް ދުވާފަރު ކުޅުންތެރިޔެއް ފައިގައި އަޅައިގަނެގެން ވެއްޓުމުން އޭނާ ތެދުވެ ދުވާފަރު ކުޅުންތެރިޔާއަށް ހަމަލާ ދިނުމުން ރެފްރީ ވަނީ މަޝީދުއަށް ރީނދޫ ކާޑު ދައްކާފައެވެ. އެ ހިސާބުން ސަޕޯޓަރުން ދަނޑަށް ފުޅި ފަދަ އެއްޗެހި އުކަން ފެށުމުން މެޗު މެދު ކަނޑާލިއެވެ. ރޭގައި ވަނީ ދެ ޓީމުގެ ސަޕޯޓަރުން ދެމެދު ވަރަށް ބޮޑަށް ހަމަ ނުޖެހުން ހިނގާފައެވެ. މެޗު ފަށަން ރެފްރީ މަސައްކަތް ކުރިއެވެ. ނަމަވެސް އެއްޗެހި އުކާވަރުން މެޗު ފެށޭ ގޮތް ނުވިއެވެ. އެޔަށްފަހު ރޭގައި ވަރަށް ދަންވި ފަހުން ރެފްރީން ނިންމީ މެޗުން 4 ލަނޑު 2 ލަނޑުން އިނގުރައިދޫ މޮޅުވިކަމަށެވެ. އަދި ރޭގައި ވަނީ މޮޅުވި އިނގުރައިދޫ ޓީމަށް ޗެމްޕިއަން ޓްރޮފީ ހަވާލުވެސްކޮށްފައެވެ.


