ސަރުކާރުގެ ކުޅިވަރު ކުޅޭ ތަންތަން ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން އއ. ބޮޑުފޮޅުދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމާއި، ރ. ކިނޮޅަހުގައި ވޮލީބޯޅަ ކޯޓެއް އަދި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު މިއަދު ސޮއިކޮށްފިއެވެ.
މިއަދު ހެނދުނު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި އޮތް ރަސްމިޔާތުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ނިޔާޒްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފްއެވެ.
މިދިޔަ ސަރުކާރުގައި ކިނޮޅަހު ކައުންސިލާއި ކިނޮޅަހު ޒުވާނުންގެ ބުރަ މަސައްކަތުން ރަށުގައި ރަނގަޅު ފެންވަރުގެ ވޮލީކޯޓެއް ވަނީ ޤާއިމުކޮށްފައެވެ. ޗޭންޖިންގ ރޫމާއި ފާޚާނާ ހިމެނޭ ގޮތަށް ފަރުމާކުރި މި ވޮލީކޯޓުގެ އެބައި ވަނީ އަދި ނުނިމިއެވެ. އެހެންކަމުން މިއަދު އެމްޓީސީސީއާ ހަވާލުކުރެވުނީ ޗޭންޖިންގ ރޫމާއި ފާޚާނާ ބައި ނިންމަންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ރައީސް ޔާމީން ވެރިކަމުގައި ކިނޮޅަހުގައި އެޅި ފުޓްސަލް ދަނޑަކީ މިންގަނޑަށް ނުފެތޭ ކުޑަ ދަނޑެއް ކަމުން މިއަދު އެމްޓީސީސީއާ ހަވާލުކުރެވުނީ މިންގަނޑަށް ފެތޭ ފުޓްސަލް ކޯޓެއް ކިނޮޅަހުގައި އެޅުމަށެވެ.


