15 އޮކްޓޫބަރު 2025
1970 ވަނަ އަހަރު ނަގާފައިވާ ނަބަވީ މިސްކިތުގެ ފޮޓޯއެއް

މަނަދޫ އަޒީގެ ޅެންހާރު: ދުނިޔެ ދުށް އެންމެމަތިވެރި ޤާއިދު

*ރާގު! ކޮންމެނަފުސެއް މަރުގެރަހަދެކި…

ދުނިޔެދުށް މަތިވެރިވި ޤާއިދަކީ ތިބާއޭ ޔާރަސޫލް
ދުނިޔެ ޖާހިލުކަމުގެ އަނދިރީން ފިއްލެވީ ތިޔަ މާތްރަސޫލް
ކުފުރު ޝިރްކުގެ ބޯވިލާތައް ފެތުރިފައިވީ ދުނިޔެއިން
އުފުލިގެން ތައުޙީދު ދިއުމުގެ ސިއްރަކީ ތިޔަ މާތްރަސޫލް
ނައުޢު އިންސާނީ އަނދިރިފުން ވަޅުގަނޑެއްގައި ވީދުވަހު
ދައުރުވާ ދުނިޔޭގެހަމަތައް ދެއްކެވީ ތިޔަ މާތްރަސޫލް
ކައުނުގައި ކަޅު އަނދިރިސާލެއް ފެތުރިފައިވީ ވަގުތުގައި
ރައުނަޤުން ވިދުވާލި އަލިގަދަ ނޫރަކީ ތިޔަ މާތްރަސޫލް
އެންމެމަތިވެރި ފަޚްރުކަމުގައިވާ އެމާތް އިސްލާމްދީން
އެންމެހައި ކަންކޮޅުތަކަށް ފެތުރުއްވެވީ ތިޔަ މާތްރަސޫލް
ފާތިޙުންކުރެ އެންމެމަތިވެރި ދަރަޖަ ޚާއްޞަވި ބަޠަލަކީ
ޞާލިޙުންކުރެއެންމެ މޫރިތިސާހިބާ ތިޔަ މާތްރަސޫލް
އަޚްކުރައްވައި އެއްބައެއްގޮތުގައި މި އުންމަތް ހައްދަވައި
ރަޙްމަތުގެ ދީމާގެތެރެއަށް ވެއްދެވީ ތިޔަ މާތްރަސޫލް
މުސްލިމުންނާ ޣައިރުމުސްލިމުނާ ދެމެދު ހަމަހަމަގޮތުން
އުސްވަތެއް ފުރިހަމަ ނެރުއްވައި ދެއްކެވީ ތިޔަ މާތްރަސޫލް
ޙައްޤުތައް އެންމެންގެ ހަމަހަމަކަންމަތީ ހަމަޖައްސަވައި
ޙައްޤުމަގު އެންމެން ހިނގަންއޮތް ދެއްކެވީ ތިޔަ މާތްރަސޫލް
ޢާލިމުންނާ ޙާކިމުންކުރެ ޢާލަމުން ރަންތަރިޔަކީ
ޒާހިދުންކުރެ އެންމެއިތުރުވި ސާހިބާ ތިޔަ މާތް ރަސޫލް
ޚައިރު އުންމަތްކަން މިއުންމަތަކީ ބަޔާންކޮށްދެއްވަވައި
އައިވަޙީބަސްފުޅުގެ ތެދުކަން ދެއްކެވީ ތިޔަ މާތްރަސޫލް
ޙިކްމަތާ ހުނަރާއިމަތިވެރި ފަންނުތައް ފަތުރުއްވަވައި
ފިކުރުތަކުގައިއޭގެ ކުލަތައް ޖެއްސެވީ ތިޔަ މާތްރަސޫލް
އެންމެ މަތިވެރިވީ ޝަމާއިލް ޝަބްނަމުގެ ތިކިތައްފަދައިން
އެންމެރީތި މަޙާސިނާއެކު ދެއްކެވީ ތިޔަ މާތްރަސޫލް
މަދަޙަ ތަޢުރީފާސަނާ ޤުރްއާނުގައި އައިސްފައިވުމުން
ޤަދަރުވެރިކަން ހާމަޔަށް ފެނިގެންދެޔޭ ތިޔަ މާތްރަސޫލް
އުންމަތުގެ ޙާލާއިމެދު ބިރުވެރި ޤިޔާމަތްދުވަހުގައި
އުންމަތުގެ ލޮބުވެތި ޝަފާޢަތްތެރިޔަކީ ތިޔަ މާތްރަސޫލް

1 ސެޕްޓެމްބަރު 2025
*عبدالعزيزقاسم
ލިލީި ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *