15 އޮކްޓޫބަރު 2025
އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރެއިން، 3 އޮކްޓޫބަރު 2025، ފޮޓޯ: ސޯޝަލް މީޑިޔާ

ޝަރަފުވެރިކަމާއެކު ދިރިއުޅުއްވަން ދޭ އެލަވަންސް ނަންގަވައިގެން މިހެން އުޅުއްވުން ހާދަ ކަޑައޭ

ހުކުދު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގެ ކަންކަން ކުރިއަށްގެންދާނެ ގޮތަކާމެދު އެ ޕާޓީއާއި ފުލުހުންނާމެދު މަޝްވަރާކުރެވި ވަކި މަގަަކުން ހިނގައިލުން ކުރިއަށްގެންދަން އެއްބަސްވުމަށްފަހު، އެ އެއްބަސްވުމާ ޚިލާފަށް އަމަލުކުރީ ސީދާ އެމްޑީޕީގެ ލީޑަރޝިޕްގެ އޯޑަރަށެވެ.

ހުކުުރު ދުވަހުގެ ރޭގެ މުޒާހަރާގައި، އެމްޑީޕީން އެއްބަސްވި ގޮތާ ޚިލާފަށް މާލެ ތެރޭގެ އަމަން ނަގާލަން މަސައްކަތްކޮށް ފުލުހުންނާ ދިމާކޮށް ހަދައި، ފުލުހުންގެ ވާޖިބު އަދާކުރުމަށް އުރަސްއަޅާފައިވަނިކޮށް ފުލުހުން ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވީ، އެމްޑީޕީގެ ފަރާތުން އިންތިޒާމުކޮށްކޮށްގެން މާލޭގައި ބޭއްވި އެއްވުން ކުރިއަށްގެންދިއުމުގައި އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނިކުމެ އެއްވުން ކުރިއަށް ގެންދިއުމަށް ފުލުހުންނާއެކު ކުރިން މަޝްވަރާކުރެވި އެއްބަސްވެވިފައިވާ ގޮތާ ޚިލާފުވިކަމަށެވެ. އެގޮތުން އެއްވުމުގެ ބައިވެރިން މަޖީދީމަގުން ދިއުމަށް މަސައްކަތްކުރުމުން އެ މަގުން އެއްވުން ކުރިއަށް ނުގެންދެވޭނެކަމަށާއި ކުރިން އެއްބަސްވެވިފައިވާގޮތަށް ކުރިއަށްދިއުމަށް އެއްވުމުގެ ބައިވެރިންނަށް ނަސޭހަތްތެރިވެ އިލްތިމާސް ކުރިނަމަވެސް، އެއްވުމުގެ ބައިވެރިން އެގޮތަށް އަމަލުކޮށްފައިނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރެއިން، 3 އޮކްޓޫބަރު 2025، ފޮޓޯ: ސޯޝަލް މީޑިޔާ

އެއްވުމުގެ ބައިވެރިން ފުލުހުންނާ ކުރިމަތިލައި ފުލުހުން މަގު ބަންދުކުރުމަށް ބޭނުންކުރާ ބެރިކޭޑް ނަގައި އެއްލާލުމާއި، ފުލުހުން ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އެއްވުންތައް ހުއްޓުވައި ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ޝީލްޑް އަތުލުމަށް މަސައްކަތްކޮށް، ޝީލްޑެއް ނަގައި އެއްވުމުގެ ބައިވެރިން ގާނޫނާއި ޚިލާފު ހަރަކާތްތަކެއް ހިންގާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ސުލްހަވެރި އެއްވުމެއްގެ ސިފަ އެއްވުމުގެ ބައިވެރިންގެ އަމަލުތަކުން ގެއްލިފައިވާކަން އެގެން އޮތްކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވިއެވެ.

އެ ގާނޫނަށް ގެނެވުނު 1 ވަނަ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ފުލުހުންގެ އިދާރާއިން ލިޔުމުންދޭ ހުއްދައަކާ ނުލައި މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވުމަށް ދާޚިލީ ވުޒާރާއިން ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަން ފިޔަވައި އެހެން ސަރަހައްދެއްގައި އެއްވުން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރުމުން ގާނޫނު ނެގެހެއްޓުމުގެ ގޮތުން ނަސޭހަތާއި އިންޒާރު ދިނުމަށްފަހު އެ އެއްވުން ހުއްޓުވުމުގައި ގާނޫނު ހުއްދަކުރާ ބާރުގެ ބޭނުން ކެތްތެރިކަމާއި ޕްރޮފެޝަނަލް ކަމާއެކު ކޮށްފައިވާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

އެއްވުން ހުއްޓުވުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވަނީ ފުލުހުންގެ ޚިދުމަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުން ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރާއި އިހުތިޔާރުގެ ދާއިރާގެ ތެރެއިންކަމަށް އެ ބަޔާނުގައިވެއެވެ. އަދި އެއްވުން ހުއްޓުވައި އަމަން ގާއިމުކުރުމުގައި ފުލުހުން ބޭނުންކޮށްފައިވާ ބާރަކީ އެފަދަ ހާލަތެއްގައި ބޭނުންކުރުމަށް ހަތިޔާރު ހޯދުމާއި ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދާއި ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ހުއްދަކޮށްފައިވާ ބާރުތައްކަމަށެވެ. އަދި އެފަދައިން ބާރުގެ ބޭނުންކުރުމުގައި ނަގަހައްޓަންޖެހޭ އަސާސްތައް ނަގަހައްޓާފައިވާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެމްޑީޕީގެ މުޒާހަރާގެ ބައިވެރިން ފުލުހުންގެ ވާޖިބަށް ހުރަސްއެޅުން، ފޮޓޯ: ޕީއެސްއެމް

ފުލުހުން ވިދާޅުވީ އެ އެއްވުން ކޮންޓުރޯލް ކުރުމުގައި ހަރަކާތްތެރިވި 3 ފުލުހަކަށް އަނިޔާވެފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެން ފުލުހަކާއި 2 ފިރިހެން ފުލުހުންނެވެ. އަންހެން ފުލުހަށް އަނިޔާވެފައިވަނީ ޝީލްޑްއާއެކު ވެއްޓި ފުލުސް މީހާގެ ގައިމަތިން އެއްވުމުގެ ބައެއް ބައިވެރިން ހިނގުމުގެ ސަބަބުންކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އަނިޔާވި އަނެއް 2 ފުލުހުންގެ ތެރެއިން އެކަކަށް އަނިޔާވެފައިވަނީ ބެރިކޭޑްއިން ޖެހުމުގެ ސަބަބުންކަމަށާއި އަނެއް ފުލުސް މީހާއަށް އަނިޔާވެފައިވަނީ ޝީލްޑްތަކުގައި އެއްވުމުގެ ބައިވެރިން ޖެހުމުގެ ސަބަބުންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ އަނިޔާވި 2 ފުލުހުންނަށް ސެނަހިޔާ ހޮސްޕިޓަލުގައާއި އަނިޔާވި އަނެއް ފުލުސްމީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިންކަމަށެވެ.

މިއީ ނުރައްކާތެރިކަމެވެ. ޙައްޤުތައް ހޯދުމުގެ ނަމުގައި ނިކުމެ ފުލުހުންނާ ކުރިމަތިލައި، އެއްވެސް ހަމައެއް ލަމައެއް ނެތި މުޒާހަރާތައް ބޭއްވުމަކީ މި އިސްލާމީ ދިވެހި މުޖުތަމަޢުގެ އަގުތަކާއި ހަމަތަކާއި އުސޫލުން ބޭރު ކަންކަމެވެ. އަދި އެއީ ޤާނޫނު އަސާސީންނާއި ޤާނޫނުތަކުން ލިބިދީފައިވާ ޙައްޤެއް ނަހަމަ ގޮތުގައި ބޭނުންކުރުމެވެ. ކޮންމެ ޙައްޤެއްގެ ފަހަތުގައި ޒިންމާއެއް ވެއެވެ. ކަނޑައެޅިފައިވާ އުސޫލުތައް ފަހަނައަޅައި ދިއުމުގެ ޙައްޤެއް އެއްވެސް ދިވެހި ރައްޔިތަކަށް އަދި ކިއެއް އެއްވެސް ސިޔާސީ ޕާޓީއަކަށްވެސް ޖަމްޢިއްޔާ ޖަމާޢަތަކަށްވެސް ލިބިގެނެއް ނުވެއެެވެ. ހުޅަނގުގެ ޑިމޮކްރެސީ ކޮޕީ ކުރަން މަސައްކަތްކުރާއިރު އެތަންތަނުން ފެންނަ ރީތި ހަމަތަކާއި އުސޫލުތައް މިސާލަކަށް ބަލައިގެން މަސައްކަތް ނުކުރަނީ ކީއްވެތޯ ބަލާލަންޖެހެއެވެ.

ވެރިކަން ބީވުމުން ޤައުމުގެ ރައީސް ކަން ކުރައްވާ ބޭފުޅުން އެތަންތަނުގައި ޝަރަފުވެރިކަމާއެކު ދިރިއުޅުއްވާ ތަން ފެނެއެވެ. ބަޔަކު މީހުން ޖަހާހާ ބަރަކަށް ނަށަން މަގުމައްޗަށް ނިކުމެ، މަގުމަތީގައި އިށީނދެ އޮށޯވެ ފުރޮޅިއެއް ނަހަަދައެވެ. އަދި ޤައުމުގެ ސަލާމަތީ ބާރުތަކާ ކުރިމަތިލާކަށްވެސް ނުނިކުމެއެވެ. ނަމަވެސް މިދިޔަ ދައުރުގައި ރައީސް ކަން ކުރެއްވި އިބްރާހީމް މުޙައްމަދު ޞާލިޙު ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި އުޅުއްވި ދަށް ފެންވަރުގެ ގޮތް އެއީ މި ދިވެހި ދައުލަތުގެ ކަރާމާތާއި އަބުރާއި ޢިއްޒަތަށް ވަރަށް ބޮޑު ހިޔަންނެއް އެޅިގެން ދިޔަ ކަމެކެވެ. ރައީސް ޞާލިޙް ފުލުހުންނާ ކުރިމަތިލައްވައި ބެރިކޭޓްތައް ކައިރީގައި އިށީނދެވަޑައިގެން އިންނެވުމަކީ ލަދުވެތިކަމެކެވެ.

އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރެއިން، 3 އޮކްޓޫބަރު 2025، ފޮޓޯ: ސޯޝަލް މީޑިޔާ

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅުންނަށް މިހާރު މަހެއްގެ މައްޗަށް 1.1 މިލިއަންވުރެ ގިނަ ރުފިޔާ ޚަރަދުކުރެއެވެ. ރައީސުލްޖުމްހޫރިއްޔާކަންކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ޤާނޫނުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 50,000 ރުފިޔާ ދައުލަތުން ދޭންޖެހެއެވެ. އަދި އެއް ދައުރަށްވުރެ ގިނަ ދައުރުކޮށްފައިވާ މީހަކަށް، މަހަކު 75,000 ރުފިޔާ ދައުލަތުން ދޭންޖެހެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު ދިރިއުޅޭނެ ތަނަކަށް ހިނގާ އެންމެހައި ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 50,000 ރުފިޔާއާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މުޖުތަމަޢަށް ފައިދާހުރި އިޖުތިމާޢީ މަސައްކަތްތައްކުރުމަށްޓަކައި އެ މީހަކު ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނެ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި މަހަކު 175,000 ރުފިޔާއާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެކަމަށްވެސް ޤާނޫނުގައި އޮވެއެވެ. ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް ޤާނޫނުން ލިބިދޭ މި އިނާޔަތްތަލަށް ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ޚަރަދުކުރެއެވެ. އެގޮތުން ކޮންމެ ރައީސަކަށްވެސް ފައިސާގެ އިނާޔަތާއި ލިވިންގ އެލަވަންސްއަކާއި އޮފީސް ހިންގުމަށާއި ބޭސްފަރުވާކުރުމަށް ވަކިވަކިން ފައިސާދެއެވެ. އެހެކަމުން ކުރީގެ ރައީސުންގެ އިނާޔަތްތަކަށް މިއަހަރަށް ލަފާކުރި ބަޖެޓުގައި 19.7 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ. އަދި މި އަދަދު ކޮންމެ ދައުރަކުން ދާނީ އިތުރުވަމުންނެވެ.

މިފަދަ ބޮޑެތި އިނާޔަތްތަކާއި ހިމާޔަތް ކުރީގެ ރައީސުންނަށް އަރުވަނީ އެ ބޭފުޅުން ޝަރަފުވެރިކަމާއެކު ދިރިއުޅުއްވުމަށްޓަކައެވެ. މުޖްތަމަޢުއަށް ފައިދާހުރި ޚިދުމަތެއް ކުރެއްވުމަށްޓަކައެވެ. ނަމަވެސް އެ އިން ފަހަނަ އަޅާ އެންމެ ލަޓޯފަޓޯ މީހުން އުޅޭހެން ޤައުމުގެ ރައީސްކަން ކުރައްވާ ބޭފުޅުން އުޅުއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި އެފަދަ ބޭފުޅުންނަށް ދައުލަތުން ދޭ އެލަވަންސް ކަނޑާލަން ޖެހޭ ކަމުގައިވެސް ދެކެމެވެ. ރައީސް ޞާލިޙު ވެރިކަމުން ވަކިވެވަޑައިގެންނެވި ފަހުން މިއަދާ ހަމައަށް އިޖްތިމާޢީ ދާއިރާއިން ޤައުމަށް ކުޅަ ޚިދުމަތެއް އަދި ފެންނާކަށް ނެތެވެ. ރައީސް ކަމުން ވަކިވެވަޑައިގެންނެވި ފަހުން  ދެ އަހަރުވާން ދަނީއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. "ހާދަކަޑައޭ" މިފަދަ މޭރުމަކުން ނޫސްތަކުގައި ލިޔެ ޢާމުކުރުމަކީ ދިވެހިބަހަށް ދޭންޖެހޭ ޙައްޤު އުނިވެގެންދާކަމެއް

  2. ފެންވަރު ދަށަސް ކުރާނެކަމެއްނެއް އެގޮތަށް ލިޔަން މަޖޫރުވާގޮތަށް ހަޑިކޮން އުޅެއްޏާ ވާނީ އެހެންނު ގޭގަރިތިކޮން އަޅުކަމުގާއިނީމަވީނު ވެރިކަމާގެންނޫޅެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު