15 އޮކްޓޫބަރު 2025

އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ހުރިހާ އަތޮޅަކަށް؛ ލާމަރުކަޒީ ނިޒާމަށް ސަރުކާރުން އަމުނާލި ތާރީޚީ ބޮޅެއް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތާއި، ޕާސްޕޯޓުގެ ޚިދުމަތް ޤާއިމުކޮށް އެޚިދުމަތްތައް ފޯރުކޮށްދެއްވަން ފެއްޓެވިކަން ވަނީ ސަރުކާރުން އަންގާރަ ދުވަހު އިޢުލާން ކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި 2 ޚިދުމަތް ފެށިގެން މިދިޔައީ، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފައްޓަވައިދެއްވުމާއެކުގައެވެ. އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން، އދ. މަހިބަދޫގައި މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާންއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ޤާއިމުކޮށް ނިންމެވީ ހުސްވި ސެޕްޓެމްބަރ މަހުގެ 19 ވަނަ ދުވަހުގެ ރޭ، ފެލިދެއޮތޮޅު ފެލިދޫގައި އައި.ޑީ ކާޑުގެ ޚިދުމަތް ޤާއިމުވެގެންދިއުމާއެކުގައެވެ.

މިފަދަ ޚިދުމަތްތައް ލާމަރުކަޒުކުރެއްވުމުގެ މަޤްޞަދަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން އަސާސީ ޚިދުމަތްތަކަށް މާލެއަށް ބަރޯސާވާން ޖެހޭ ޖެހުން ނިމުމަކަށް ގެނައުން ކަމުގައި، ފެލިދެއަތޮޅު ފެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ހުރިހާ އަތޮޅަކަށް ފުޅާކުރުމަށް ފެށުމުގެ ރަސްމިއްޔާތުގައި، ފޮޓޯ: ރައީސް އޮފީސް


އދ. މަހިބަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ޚިދުމަތް މިރޭ ފެއްޓެވުމާއެކު، ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ތަންފީޛުކޮށް ނިމުނީއެވެ. މި އަމާޒު ހާސިލުކުރައްވާފައި ވަނީ، ކަނޑައެޅުއްވި މުއްދަތަށްވުރެ 3 މަސްދުވަސް ކުރިންނެވެ.

ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ތަންފީޛުކޮށް ނިމުން ފާހަގަކުރުމުގެ ގޮތުން، މިރޭގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އެރުވުންވެސް އޮތެވެ. ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާންއެވެ.

އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ހުރިހާ އަތޮޅަކަށް ފެށުން އިއުލާނުކުރުން، ފޮޓޯ: ރައީސް އޮފީސް

ލާމަރުކަޒީ އުސޫލުން، ރައްޔިތުންނާ ގާތަށް ޚިދުމަތްތައް ގެނެސްދެއްވުމަކީ އަދުގެ ސަރުކާރުން ޚާއްޞަ އިސްކަމެއްދެއްވާ، މުހިންމު ސިޔާސަތެކެވެ. ރައްޔިތުންގެ އަސާސީ މުހުތާދުތައް ރަށުގައި ތިބެގެން ފުއްދޭނެ އިންތިޒާމު ހަމަޖައްސަވައި، ބޮޑު ޚަރަދުކޮށް މާލެ އައިސް ކޮންމެ ކަމެއް ކުރަން ރައްޔިތުން އުފުލާ ބުރަ ނިމުމަކަށް ގެނަސްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒުފުޅުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ހުރިހާ އަތޮޅަކަށް ފެށުން އިއުލާނުކުރުން، ފޮޓޯ: ރައީސް އޮފީސް

މި ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދިނުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުން މާލެއަށް ދަތުރުކޮށް، ބޮޑެތި ޚަރަދުތައް ކުރަންޖެހޭ ޖެހުން ނައްތާލުމެވެ. މިއީ ޙަޤީޤީ ބާރުވެރިކަމުގެ ފެށުމެވެ. ލާމަރުކަޒީ ނިޒާމަކީ ހަމައެކަނި ގަނޑެއްގައި ނުވަތަ ޤާނޫނެއްގައި ލިޔެފައި އޮންނަ އެއްޗެއް ނޫނެވެ. އެއީ އަމަލީ ގޮތުން ފެންނަންޖެހޭނެ ކަމެކެވެ. ރައްޔިތުންނަށް އިޙްސާސްވާންޖެހޭނެ ކަމެކެވެ. އެ ނިޒާމަކީ ރައްޔިތުންނާ ގާތަށް ޚިދުމަތް ގެނެސްދޭ ނިޒާމެވެ. އެ ނިޒާމުން ފެންނާނީ ރައްޔިތުންނާ ކައިރިން ޚިދުމަތް ދޭ މަންޒަރެވެ. ރައްޔިތުންނަށް ލުއި ފަސޭހަކަން އަންނާނެ މަގުތައް ތަނަވަސްވެގެންދާ ތަސްވީރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު