21 އޮކްޓޫބަރު 2025
ފަސް ރަށެއްގައި ވަގުފު އިމާރާތްތައް އެޅުމަށް 68 މިލިއަން ރުފިޔާ އިންވެސްޓްކުރަނީ، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ފަސް ރަށެއްގައި ވަގުފު އިމާރާތްތައް އެޅުމަށް 68 މިލިއަން ރުފިޔާ އިންވެސްޓްކުރަނީ

އިސްލާމީ ޚިދުމަތްތަކަށް ބޭނުންވާ ފުރިހަމަ މާލީ ނިޒާމެއް ގާއިމުކުރުމަށްޓަކައި ފަސް ރަށެއްގައި ވަގުފު އިމާރާތްތައް އެޅުމަށް 68 މިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މިއީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރެއްވި ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކެކެވެ. މި މަޝްރޫއުތައް ކުރިއަށްގެންދާނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ގއ. ވިލިނގިލީގައެވެ.

މިނިސްޓަރު ޝަހީމް ހާމަކުރެއްވި ގޮތުގައި އައްޑޫ ސިޓީގައި އަޅާ ވަގުފު އިމާރާތަށް 23 މިލިއަން ރުފިޔާ އިންވެސްޓްކުރާއިރު، ފުވައްމުލަކުގައި އަޅާ އިމާރާތަށް 15 މިލިއަން ރުފިޔާ ޚަރަދުކުރާނެއެވެ. އަދި ތިނަދޫ، ކުޅުދުއްފުށި އަދި ވިލިނގިލީގައި އަޅާ ވަގުފު އިމާރާތްތަކަށް ކޮންމެ ރަށަކަށް 10 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.

"މި އިމާރާތްތަކުން ލިބޭ ނަފާ ޚަރަދުކުރާނީ ގުރުއާނުގެ އިލްމު ފެތުރުން ހިމެނޭ ގޮތަށް އެ ސިޓީތަކުގެ އިސްލާމީ ކަންކަމަށް," މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުން، މާލެ ސަރަހައްދުގައިވެސް ދެ މަޝްރޫއެއް ކުރިއަށްގެންދާނެ ކަމަށާއި، އޭގެ ނަފާ މުޅި ރާއްޖެއަށް ލިބޭނެ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މި ހުރިހާ މަޝްރޫއެއްގެ އަމަލީ މަސައްކަތް ލަސްވެގެން 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ފެށޭނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު