22 އޮކްޓޫބަރު 2025
ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރަން އެމްއޭސީއެލްއާ ހަވާލުކޮށްފި

ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރަން އެމްއޭސީއެލްއާ ހަވާލުކޮށްފި

ލ. ކައްދޫ އެއާޕޯޓު ބައިނަލްއަގްވާމީ އެއާޕޯޓަކާ އެއް ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫޢު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފޮނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ތަރައްގީގެ އެކި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރެވުނު އިރު، ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް އޮޕަރޭޓްކުރުމާއި، ލ. ފޮނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ކައްދޫ އެއާޕޯޓު ތަރައްގީކުރެވޭނީ 2،800 މީޓަރުގެ ދިގު ރަންވޭއަކާ އެކުގައެވެ. "މި މަސައްކަތްތައް ކުރެވޭނީ ކައްދޫ ސިފައިންގެ މަރުކަޒު އެހެން ތަނަކަށް ބަދަލުކުރަން ނުޖެހޭ ގޮތަށް،" ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން އެއާޕޯޓު ތަރައްގީކުރުމަށް 114 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ އިރު، ފޮނަދޫގެ ބޭނުމަށް އިތުރު 30 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ރައީސް އިޢުލާނުކުރެއްވިއެވެ. މި މަޝްރޫޢަކީ މުޅި އަތޮޅުގެ ފަތުރުވެރިކަން ފުޅާކުރުމަށް މުހިންމު މަޝްރޫޢެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ ކައްދޫ އެއާޕޯޓުގެ ތަރައްގީގެ މަޝްރޫޢު ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ނިންމުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. މި މަޝްރޫޢުގެ ސަބަބުން ހަދަރުމަތީ އަތޮޅުގެ އިޤްތިޞާދީ ދުވެލި އިތުރުވެ، ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު