މާލެއާއި ވިލިމާލޭގެ ގޭގެއަށް ރަސްމީ ބޭނުންތަކުގައި ޒިޔާރަތްކުރާއިރު، ބައެއް ގެތަކުގައި އާންމުކޮށް ފެންނަ ގޮތަށް ގޭގެ ނަން ބޯޑު ހަރުކޮށްފައި ނުހުންނަކަން ފާހަގަކުރެވިފައިވާތީ، ހުރިހާ ގޭގޭގެ ނަންބޯޑު އާންމުކޮށް ފެންނަ ގޮތަށް އިމާރާތުގެ ބޭރުގައި ހަރުކުރުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.
މިދިޔަ އާދިއްތަ ދުވަހު ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ގޭގޭގައި ނަންބޯޑު ހަރުކޮށްފައި ނުހުންނަ ކަމުގެ ސަބަބުން ކައުންސިލުން ފޯރުކޮށްދޭ ރަސްމީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ.
ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭގެ ގެތަކަށް އެކި ކަންކަމުގައި ޒިޔާރަތްކުރާއިރު، އެ ގެތަކުން ރިޕޯޓުކުރާ މައްސަލަތަކާ ގުޅިގެން އެތަންތަނުގެ ހާލަތު ބެލުމަށް ވެސް ޒިޔާރަތްކުރަމުންދެއެވެ. ނަމަވެސް ގިނަ ގެތަކުގައި ނަންބޯޑު ހަރުކޮށްފައި ނުހުންނާތީ، މި މަސައްކަތްތައް ކުރުމުގައި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
މި އިއުލާނާ ގުޅިގެން މާލެއާއި ވިލިމާލޭގެ ހުރިހާ ގޭގެއެއްގައި ވެސް އާންމުކޮށް ފެންނަ ގޮތަށް ނަންބޯޑު ހަރުކުރުމަކީ މިހާރު ލާޒިމު ކަމެކެވެ. މިކަމުގެ ސަބަބުން ކައުންސިލުގެ ޚިދުމަތްތައް އަވަސް އަދި ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.