22 އޮކްޓޫބަރު 2025
ރަޝިޔާގެ ރައީސް ޕުޓިންއާއި އެމެރިކާގެ އިންތިޚާބީ ރައީސް ޓްރަމްޕް، ފޮޓޯ: އޭޕީ

ޓްރަމްޕުގެ ބަސް ނޭހުމުން އެމެރިކާއިން ޕުޓިންއާއެކު ބާއްވަން އުޅުނު ބައްދަލުވުން ފަސްކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ދެމެދު ބޭއްވުމަށް ތާވަލުކޮށްފައި އޮތް މުހިންމު މަޝްވަރާ ބައްދަލުވުމެއް، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ. މި ބައްދަލުވުން ފަސްކުރުމަށް ނިންމާފައިވަނީ ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް މެދުކަނޑާލުމަށް ކްރެމްލިނުން އިންކާރުކުރުމާ ގުޅިގެންނެވެ.

ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ކަމުގައިވާ އެމެރިކާގެ މާކޯ ރޫބިޔޯއާއި ރަޝިޔާގެ ސެރްގިޔޭ ލެވްރޮފް ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކަކަށް ފަހު މި ބައްދަލުވުން ފަސްކުރުމަށް ނިންމާފައިވާކަމަށް ވައިޓް ހައުސްގެ އޮފިޝަލަކު މަޢުލޫމާތު ދެއްވިއެވެ. "ވަގުތުތަކެއް ބޭކާރުވާނެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުމެއް ނުވޭ" ޓްރަމްޕް ވިދާޅުވިއެވެ.

ރަޝިޔާއިން ވަނީ ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޝަރުތުތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީގައި އޮތް ދޮންބާސް ސަރަހައްދު ރަޝިޔާއަށް ދޫކޮށްލުން ހިމެނެއެވެ. މި ސަރަހައްދުގެ 80 އިންސައްތައަށްވުރެ ބޮޑު ބައެއް މިހާރުވެސް އޮތީ ރަޝިޔާގެ ކޮންޓްރޯލްގެ ދަށުގައެވެ.

ރަޝިޔާއިން ހުށަހަޅާފައިވާ ޝަރުތުތަކަށް އިންކާރުކުރުމަށް ޓްރަމްޕަށް ބާރުއެޅުމަށް ހުޅަނގުގެ ބާރުތަކުން ދަނީ މަސައްކަތްކުރަމުންނެވެ. މިކަމާ ގުޅިގެން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރުތޭ ވަނީ ވޮޝިންގްޓަނަށް ޒިޔާރަތްކުރައްވާފައެވެ. ނޭޓޯ އަދި އީޔޫގެ ގިނަ ބާރުތަކުން މިވަގުތު ތިބީ ޔޫކްރެއިންގެ ފަޅީގައެވެ.

ނަމަވެސް، ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އިތުރު ބަދަލުތަކެއް އަތުވެދާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ. އަދި ޓްރަމްޕާއެކު ބައްދަލުވުމެއް ބޭއްވުމަށް ކްރެމްލިނުން ތައްޔާރުވަމުންދާ ކަމަށް ޕުޓިންގެ އަރިސް ބޭފުޅަކުވެސް ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު